ނިއުކްލިއާ މަޝްވަރާތަކުގައި އިސްރާއީލުގެ ނުފޫޒުން އެއްކިބާވާން އީރާނުން އެމެރިކާއަށް އިލްތިމާސްކޮށްފި

އީރާންގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ މަޝްވަރާތަކުގައި އިސްރާއީލުގެ ނުފޫޒުން އެއްކިބާވެ، އެމެރިކާގެ މަސްލަހަތު އިސްކުރުމަށް އީރާނުން އެމެރިކާއަށް އިލްތިމާސްކޮށްފިއެވެ. އީރާނުގެ އެންމެ މަތީ ގައުމީ ސަލާމަތީ މަޖިލީހުގެ ސެކްރެޓަރީ އަލީ ލާރިޖާނީއާ ހަވާލާދީ އަލް ޖަޒީރާއިން ބުނީ މަޝްވަރާގެ މަރުހަލާ ކުރިއަށްދާ ކަމަށާއި މަޝްވަރާތައް ކާމިޔާބު ކުރުމަށް ސަރަހައްދީ ގައުމުތަކުން ވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ. ކުރިމަތިވެދާނެ އެއްވެސް ނުރައްކަލަކަށް އީރާން ތައްޔާރަށް އޮތްކަން ފާހަގަކުރައްވައި، ލަރީޖާނީ ވަނީ އިސްރާއީލުން މަޝްވަރާތަކަށް ވަދެ، ސަރަހައްދުގެ ހަމަޖެހުން ގެއްލުވާލަން މަސައްކަތް ކުރާ ކަމަށް ތުހުމަތު ކުރައްވާފައެވެ. "އަޅުގަނޑުމެންގެ މުއާމަލާތްތަކަކީ ހަމައެކަނި އެމެރިކާއާ އެކު ކުރެވޭ މަޝްވަރާތަކެއް. އިސްރާއީލާ އެކު އެއްވެސް މަޝްވަރާއެއްގައި އަޅުގަނޑުމެން ބައިވެރިއެއް ނުވޭ. އެހެން ނަމަވެސް އިސްރާއީލުން މި ޕްރޮސެސްގެ ތެރެއަށް ވަދެފައިވަނީ މި މަޝްވަރާތައް ފެއިލް ކޮށްލުމުގެ ނިޔަތުގައި," ލާރިޖާނީ ވިދާޅުވިއެވެ. އޮމާނުގެ ޚާރިޖީ ވަޒީރު ބަދުރު ބިން ހަމަދު އަލް ބުސައިދީ މެދުވެރިކޮށް އީރާނުގެ ބޭނުންވާގޮތް އެމެރިކާއަށް އަންގާފައިވާނެ ކަމަށާއި ނަމަވެސް އެމެރިކާއިން ރަސްމީ ޖަވާބެއް ލިބިފައިނުވާކަމަށް ވެސް ލާރީޖާނީ ވިދާޅުވިއެވެ. މަޝްވަރާގެ މަރުހަލާ ދިގު ދައްމައިގެން ނުވާނެކަން ފާހަގަކުރައްވައި ލާރިޖާނީ ވިދާޅުވީ އީރާނުގެ މިސައިލް ޕްރޮގްރާމް, މަޝްވަރާގެ ބައެއްގެ ގޮތުގައި ނުހިމެނޭ ކަމަށެވެ. "އަޅުގަނޑުމެންގެ މިސައިލް ޕްރޮގްރާމް އޮތީ ނިއުކްލިއާ ޕްރޮގްރާމްއާ މުޅިން ވަކިން. އެއީ ދާޚިލީ ކަމެއް، އަސާސީ ގޮތުން އަޅުގަނޑުމެންގެ ގައުމީ ސަލާމަތާ ގުޅިފައިވާ ކަމެއް. އެގޮތުން މި މަޝްވަރާތަކުގެ ބައެއްގެ ގޮތުގައި އެކަން ނުހިމެނޭނެ," އޭނާ ވިދާޅުވިއެވެ. އެމެރިކާއާއި އީރާނުން މިހާރު ކުރިއަށްގެންދާ ނުސީދާ މަޝްވަރާތަކަކީ ޓްރަމްޕް ވެރިކަމުގެ ފުރަތަމަ ދައުރުގައި ދޫކޮށްލެއްވި ޖޮއިންޓް ކޮމްޕްރިހެންސިވް ޕްލޭން އޮފް އެކްޝަން (ޖޭސީޕީއޯއޭ)އާ ގުޅޭގޮތުން ކުރާ މަޝްވަރާތަކެކެވެ. މަޝްވަރާތަކުގެ ފުރަތަމަ ބުރު ބާއްވާފައިވަނީ މި މަހުގެ ހަވަނަ ދުވަހު އޮމާންގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ