ހުޅަނގު އައްސޭރީގެ ބިން ރަޖިސްޓްރީކޮށް، ވެރިވެގަންނަން އިޒްރޭލުން ނިންމައިފި

އިޒްރޭލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ބިންތައް ރަޖިސްޓްރީކޮށްދިނުމަށް އެ ގައުމުގެ ކެބިނެޓުން ނިންމި ނިންމުމަށް ފަލަސްތީނުން ރައްދުދީ، އެއީ އަމަލީ ގޮތުން ބިންތައް ފޭރިގަތުން ކަމަށް ބުނެ އެކަން ކުށްވެރިކޮށްފި އެވެ.
އިޒްރޭލުގެ ކެބިނެޓުން ފާސްކުރި އާ ފިޔަވަޅުތަކުގެ މަގުސަދަކީ ހިފާފައިވާ ހުޅަނގު އައްސޭރީގެ މައްޗަށް އިޒްރޭލުން ބާރު ފޯރުވުން އިތުރަށް ވަރުގަދަކުރުމެވެ. މީގެ ތެރޭގައި ޔަހޫދީ ވަޒަންވެރިންނަށް ފަސޭހައިން ބިން ގަނެވޭނެ އިންތިޒާމުތައް ހަމަޖެއްސުން ހިމެނެ އެވެ.
ފަލަސްތީނުން ބުނާ ގޮތުގައި، މިއީ ހުޅަނގު އައްސޭރި ރަސްމީކޮށް އިޒްރޭލުގެ ބައެއްގެ ގޮތުގައި ހެދުމަށް އެޅި ފިޔަވަޅެކެވެ.
މި ނިންމުމުގެ ދަށުން، 1967 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ބިންތައް ރަޖިސްޓްރީކުރުމުގެ މަސައްކަތް ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.
އިޒްރޭލުގެ ވަޒީރުން ވިދާޅުވާ ގޮތުގައި، މިއީ ސަލާމަތީ ކަންކަން ވަރުގަދަކޮށް، ބިމުގެ މުއާމަލާތްތަކުގައި ހާމަކަން ބޮޑުކުރުމަށް ކުރާ ކަމެކެވެ.
އިޒްރޭލުގެ ހަރުކަށި ފިކުރުގެ ފިނޭންސް މިނިސްޓަރު ބެޒަލެލް ސުމޮޓްރިޗް ވިދާޅުވީ، "އަހަރެމެން މިދަނީ ވަޒަންވެރިވުން ކުރިއަށް ގެންގޮސް، އަހަރެމެންގެ ބިމުގެ ހުރިހާ ސަރަހައްދެއްގެ މައްޗަށް އޮތް ބާރުވެރިކަން ވަރުގަދަކުރަމުން" ކަމަށެވެ.
ޑިފެންސް މިނިސްޓަރު އިސްރާއީލް ކަޓްޒް ވިދާޅުވި ގޮތުގައި، ބިން ރަޖިސްޓްރީ ކުރުމަކީ ސަލާމަތީ ގޮތުން މުހިންމު ފިޔަވަޅެކެވެ. އަދި ކެބިނެޓުން ބުނެފައިވަނީ މިއީ ފަލަސްތީނުގެ އޮތޯރިޓީން ބިން ރަޖިސްޓްރީކުރަން ކުރާ މަސައްކަތްތަކަށް ދެވޭ "އެކަށީގެންވާ ރައްދެއް" ކަމަށެވެ. އިޒްރޭލުގެ ފޮރިން މިނިސްޓްރީން ބުނި ގޮތުގައި މިކަމުގެ ސަބަބުން ބިމުގެ މައްސަލަތައް ހައްލުކުރުމަށް އެހީތެރިވެދޭނެ އެވެ.
ނަމަވެސް ފަލަސްތީނުން މި ނިންމުން ކުށްވެރިކޮށް ބުނެފައިވަނީ، މިއީ ގަވާއިދާ ހިލާފަށް ވަޒަންވެރިވުމުގެ ހަރަކާތްތައް މެދުވެރިކޮށް، ހިފާފައިވާ ބިންތައް ދާއިމީކޮށް ފޭރިގަތުން ރަސްމީކުރުން ކަމަށެވެ.
އިޒްރޭލުގެ ޖަމިއްޔާއެއް ކަމަށްވާ ޕީސް ނައުން އިންޒާރު ދީފައިވާ ގޮތުގައި، މި ފިޔަވަޅުގެ ސަބަބުން ހުޅަނގު އައްސޭރީގެ ދެބައިކުޅަ އެއްބައި ބިމުން ފަލަސްތީނު މީހުން ބޭރުކޮށްލުމުގެ ފުރުސަތު ބޮޑެވެ.
ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރަކީ ޔަހޫދީ ވަޒަންވެރިންގެ ބޮޑު ތާއީދެއް އޮތް ސަރުކާރެކެވެ. އޭނާ ވިދާޅުވަމުން ގެންދަވަނީ ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމްކުރުމަކީ އިޒްރޭލުގެ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށެވެ.
ފަލަސްތީނުން އެ މީހުންގެ މުސްތަގުބަލުގެ ދައުލަތުގެ ބައެއްގެ ގޮތުގައި ކަނޑައަޅާފައިވާ ހުޅަނގު އައްސޭރި އާއި އިރުމަތީ ގުދުސްގައި މިހާރު ވެސް 700،000އަށް ވުރެ ގިނަ އިޒްރޭލު މީހުން ވަޒަންވެރިވެގެން އުޅެ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ހުޅަނގު އައްސޭރި ރަސްމީކޮށް އިޒްރޭލުގެ ބައެއްގެ ގޮތުގައި ހެދުމާ ދެކޮޅު ހައްދަވާފަ އެވެ. ނަމަވެސް، އިޒްރޭލުން ބާރުމިނުގައި ކުރިއަށްގެންދާ ވަޒަންވެރިވުމުގެ މަޝްރޫއުތައް ހުއްޓުވުމަށް ޓްރަމްޕްގެ ސަރުކާރުން މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ