މިއުނިކްގެ ސަލާމަތީ ކޮންފަރެންސަކީ ޗަރުކޭހެއް ކަމަށް އީރާންގެ ހާރިޖީ ވަޒީރު ސިފަކުރައްވައިފި

މިއުނިކްގެ ސަލާމަތީ ކޮންފަރެންސަކީ ޗަރުކޭހެއްގެ ގޮތުގައި އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރަގްޗީ ސިފަ ކުރައްވައިފި އެވެ.
އޭނާ ތުހުމަތު ކުރެއްވި ގޮތުގައި، އެމެރިކާއާ އެކު ނިއުކްލިއާ މަޝްވަރާތައް އަލުން ފެށުމަށް ޔޫރަޕްގެ ބާރުތަކުން ކުރާ މަސައްކަތަކީ "ވާވެފައިވާ" މަސައްްކަތެކެވެ. 
ޖަރުމަނުގައި އިއްޔެ ނިންމާލި ސަލާމަތީ ބައްދަލުވުމަށް އީރާނުގެ އޮފިޝަލުންނަކަށް ދައުވަތު ދީފައެއް ނުވެ އެވެ.
"އީރާނުން ދެކޭ ގޮތުގައި މިއުނިކް ސެކިއުރިޓީ ކޮންފަރެންސަކީ ޗަރުކޭހެއް. ހިތާމަކުރަން،" އަރަގްޗީ އެކްސްގައި އިއްޔެ ވިދާޅުވި އެވެ.
"އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ ގޮތުން މިހާރު ކުރިއަށްދާ މަޝްވަރާތަކުން އީޔޫ/އީ3ގެ ނުކުޅެދުންތެރިކަން ވަރަށް ބޮޑަށް ހާމަވޭ... ކުރިން މަޝްވަރާތަކުގައި މުހިންމު ދައުރެއް އަދާކުރި ޔޫރަޕް މިހާރަކު ނެތް. އޭގެ ބަދަލުގައި ގަލްފު ސަރަހައްދުގައި ތިބި އަޅުގަނޑުމެންގެ އެކުވެރިން، އީ3އަށް ވުރެ މާ ހަރުދަނާ އަދި އެހީތެރިވޭ."
އީ3އަކީ ދުނިޔޭގެ ބާރުތަކާއި އީރާނާ ދެމެދު ނިއުކްލިއާ މަޝްވަރާތަކުގައި އިސް ދައުރެއް އަދާކުރި ބައެކެވެ. އީ3ގައި ހިމެނެނީ ފްރާންސް، އިނގިރޭސިވިލާތް އަދި ޖަރުމަނެވެ.
އެ މަރުހަލާ އެންމެ ކުރިއަށް ދިޔައީ 2015 ވަނަ އަހަރު ޖޮއިންޓް ކޮމްޕްރިހެންސިވް ޕްލޭން އޮފް އެކްޝަން އާ އެކުގަ އެވެ. އެއީ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމްގެ ފުރުސަތު ކުޑަކުރުމުގެ ގޮތުން އެކުލަވާލި އެއްބަސްވުމެކެވެ. އަދި އެ އެއްބަސްވުމުގެ އަނެއް ބަޔަކީ އީރާނަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ލުއި ކުރުމެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފުރަތަމަ ވެރިކަމުގައި 2018 ވަނަ އަހަރު އެމެރިކާ އިން ވަނީ އެ އެއްބަސްވުމުން ވަކިވެފަ އެވެ. އަދި އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ.
އޭގެ ފަހުން އެ މަސައްކަތް ވަނީ މުޅިންހެން ހުއްޓުމަކަށް އައިސްފަ އެވެ. ނަމަވެސް އީ3 އިން އީރާނާއި އެމެރިކާއާ ދެމެދު ރޯލެއް ކުޅެމުންދިޔަ އެވެ.
ނަމަވެސް މިދިޔަ އަހަރު އަލުން މަޝްވަރާތައް ފެށި ފަހުން ގަތަރު ފަދަ ގައުމުތަކުން ވަނީ އެމެރިކާ އާއި އީރާނާ ދެމެދު މަޝްވަރާތައް ކުރިއަށް ގެންދިއުމުގައި އިސް ދައުރެއް އަދާކޮށްފަ އެވެ.
އަރަގްޗީ މިހެން ވިދާޅުވީ އެމެރިކާއާ އެކު ނިއުކްލިއާ މަޝްވަރާތައް ފެށުމަށް ޑިޕްލޮމެޓިކް އަދި ޓެކްނިކަލް ވަފުދެއްގެ އިސް ބޭފުޅެއްގެ ގޮތުގައި ޖެނީވާއަށް ފުރާވަޑައިގަތުމުގެ ކުރިންނެވެ. އީރާނުގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އެ މަޝްވަރާތަކަކީ މިދިޔަ ހަފުތާގައި އޮމާނުގައި ބޭއްވި ނުސީދާ މަޝްވަރާތަކަށް ފަހު ބާއްވާ މަޝްވަރާތަކެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ