ޕެންޝަން ފަންްޑާ ކުޅެ، ސަރުކާރުން މާލީ އުސޫލުތަކާ ހިލާފުވާތީ މަޖިލީހަށް ގަރާރެއް

ސަރުކާރުގެ ހަރަދުތައް ހަމަޖައްސަން ޕެންޝަން ފަންޑު ނަހަމަގޮތުގައި ބޭނުންކޮށް، މާލީ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފުވެ، ޕެންޝަން ފަންޑުގައި ފަހަށް ރައްކާކޮށްފައި ހުރި ރައްޔިތުންގެ ފައިސާ އެގޮތް މިގޮތަށް ސަރުކާރުން ހަރަދުކޮށް ހުސްކޮށްލަމުންދާ ކަމަށް ބުނެ، އެ ކަންބޮޑުވުން ފާޅުކޮށް، ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.
ވީ ކިހިނެއް؟ - މި ގަރާރު އިއްޔެ ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް އެވެ. ގަރާރުގައި އެދިފައި ވަނީ، މިއަހަރަށް މަޖިލީހުން ފާސްކޮށްދީފައިވާ ދައުލަތުގެ ބަޖެޓާއި މާލީ ގާނޫނުތަކާއި ހިލާފަށް، ސަރުކާރުން ކުރަމުންގެންދާ ކަންކަމާ މެދު މަޖިލީހުން ދެކޭ ގޮތެއް ސާފުކުރުމަށެވެ.
ގަރާރު ބަލައިގަތުމާ މެދު ގޮތެއް ނިންމުމަށް މިއަދުގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފަ އެވެ.
ތަފްސީލް - މި ގަރާރުގައި ބުނެފައިވަނީ، ބަޖެޓުގައިވާ މިންވަރަށް ވުރެ އިތުރަށް އަދި ބަޖެޓުގައި ކަނޑައަޅާފައިވާ ކަންކަމަށް ފިޔަވައި ބަޖެޓުން ހަރަދުކޮށްގެން ނުވާނެ ކަމަށް ގާނޫނުއަސާސީގައި ބަޔާންކުރާ ކަމަށެވެ. އެނޫންގޮތަކަށް ކަމެއް ކުރާނަމަ މަޖިލީހުގެ ހުއްދަ ނަގަންޖެހޭނެ ކަމަށް ވެސް ބަޔާންކުރާ ކަމަށެވެ.
މާލިއްޔަތު ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތާ ހިލާފަށް ދައުލަތުގެ ފައިސާއިން ހަރަދުކުރުމަކީ ހުއްދަ ކަމެއް ނޫން ކަމަށް މާލިއްޔަތު ގާނޫނުގައި ބަޔާންކުރާ ކަމަށް ވެސް ގަރާރުގައިވެ އެވެ.
އެކަމަކު އުސޫލާ ހިލާފަށް ފައިސާ ނެގުމުގެ ބޭނުމުގައި ޕެންޝަން ފަންޑު މެދުވެރިކޮށް ނާޖާއިޒް މުއާމަލާތްތައް ހިންގުމަށް ފަހު، އެ ފައިސާ ސަރުކާރަށް ނެގުމަށް މަސައްކަތްކުރަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ގަރާރުގައިވެ އެވެ.
ގަރާރުގައި ވަނީ:
ޕެންޝަން އެސެޓްސް އިންވެސްޓް ކުރުމާ ބެހޭ އެއްވެސް ހުށަހެޅުމެއް ހުށަހަޅަންވާނީ ލިޔެކިއުމާ އެކު އަދި އެ ލިޔުމެއް އާންމުކޮށް ހާމަކުރަންވާނެ ކަމަށް ޕެންޝަން ގާނޫނު ބުނޭ
މާލީ ގާނޫނުތައް ބުނާ ގޮތުން ސަރުކާރުން ދަަރަންޏަށް ފައިސާ ނަގަންވާނީ ދައުލަތުގެ ކޭޝްފްލޯ މެނޭޖުކުރުމަށް، 91 ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކާ ހަލާސްކުރާ ގޮތަށް އެޑްވާންސްގެ ގޮތުގައި
މިގޮތަށް ވެސް ފައިސާ ނެގޭނީ ވޭތުވެދިޔަ 3 އަހަރުދުވަހުގެ ތެރޭގައި ލިިބުނު ޖުމްލަ އާމްދަނީގެ %2.5އަށް ވުރެ އިތުރުނުވާނެހެން
އެފަދަ މުއާމަލާތްތަކުގެ ތެރެއިން ޕެންޝަން ފަންޑުން ފައިސާ ނެގުމާ ދެކޮޅު ހަދައި ޕެންޝަން ބޯޑުގެ އިސްވެރިން ހިމެނޭހެން މެމްބަރުން އިސްތިއުފާ ދެއްވިކަން ގަރާރުގައި ފާހަގަކޮށްފައިވޭ
މިފަދަ ގާބިލު ތަޖުރިބާކާރު އެތައް ބަޔަކު މިކަމާ ދެކޮޅު ހެދުމަކީ ކަމުގެ ނުރައްކާތެރިކަން ވަޒަންކުރެވޭ ކަމެއް
މިކަންކަމަކީ ބަޖެޓުގެ ބޭރުން މަޖިލީހުގެ ހުއްދަ ނުހޯދާ ކުރާ ކަމެއް
މިކަމުގެ ސަބަބުން ދިވެހި ރުފިޔާގެ އަގު ދަށްވެ މުދަލާއި ހިދުމަތުގެ އަގުތައް ބޮޑުވުމާ އެކު ދައުލަތުގެ މާލީ ކަންކަން ނުރައްކާތެރި ހާލަތަކަށް ހިނގައިދާނެ
"ސަރުކާރުގެ މި އަމަލުގެ ސަބަބުން ޕެންޝަން ފަންޑުގައި ފަހަށް ރައްކާކޮށްފައި ހުރި ރައްޔިތުންގެ ފައިސާ އެގޮތް މިގޮތަށް ހަރަދުކޮށް ހުސްކޮށްލަމުންދާކަން ފާޅުކަންބޮޑުގޮތެއްގައި ފެންނަން އޮތް ހިނދު، މިކަމަކީ ޕެންޝަން ފަންޑުގެ މިނިވަންކަން ގެއްލި، ނަތީޖާއެެއްގެ ގޮތުން ރާއްޖޭގެ މުޅި މާލީ ނިޒާމުގެ އިތުބާރު ގެއްލިދާނެފަދަ ކަމެެއް،" ގަރާރުގައިވެ އެވެ.
އެނގުން މުހިންމު - ޕެންޝަން ފަންޑުން އިންވެސްޓުކޮށްފައި ހުރި 2.4 ބިލިއަން ރުފިޔާގެ ބޮންޑް އެމްއެމްއޭއަށް ވިއްކުމަށް ފަހު އެ ފައިސާ ބޭނުންކޮށްގެން ސަރުކާރުގެ ބޮންޑަކަށް އިންވެސްޓުކުރަން ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ.
އެއީ ނުރައްކާތެރި ކަމެއްކަން ފާހަގަކޮށް، އެ މުއާމަލާތައް ހުއްދަދިނުމާ ދެކޮޅު ހަދައި އެ ބޯޑުގެ އިސް ވެރިންތަކެއް ވަނީ އިސްތިއުފާ ވެސް ދެއްވާފަ އެވެ. އެ ކަންބޮޑުވުންތަކަށް ބެލުމެއްނެތި ޕެންޝަން ބޯޑުން މިހާރު ވަނީ އެ މުއާމަލާތައް ހުއްދަދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ