ޕެންޝަން ޖަމާނުކޮށް އެ ފައިސާ ނަގަނީ ސަރުކާރުގެ ބޭނުންތަކަށް: ސޯލިހު

ޕެންޝަން ފަންޑާއި އެ ފަންޑަށް ސަރުކާރުން ޖަމާކުރަންޖެހޭ ފައިސާ މުވައްޒަފުންގެ ރިޓަޔާމަންޓަށް ޖަމާނުކޮށް، އެ ފައިސާ ސަރުކާރުގެ ބޭނުންތަކަށް ހަރަދުކުރަން ނަގަމުންދާ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ތުހުމަތުކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - ކުރިއަށް އޮތް ކައުުންސިލް އިންތިހާބަށް ގދ. ތިނަދޫ ސިޓީ ކައުންސިލްގެ ކެމްޕެއިން އިފްތިތާހުކުރުމަށް ރޭ ބޭއްވި ޖަލްސާގައި ސޯލިހު ވިދާޅުވީ، ސަރުކާރުގެ ހަރަދުތައް ދެކޮޅު ނުޖެއްސި، ލިބޭ އާމްދަނީ އާއި ކުރާ ހަރަދާ ދިމާނުވާ ކަމަށެވެ. ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމަށްޓަކައި މިހާރު އުޅެނީ ޕެންޝަން ފަންޑަށް "ރައްޔިތުން ޖަމާކުރާ ފައިސާކޮޅު ނަގައިގެން" ކަމަށް ސޯލިހު ވިދާޅުވި އެވެ.
ބުނީ ކީކޭ؟ - މުވައްޒަފުންގެ މުސާރައިގެ %7.5 ކޮންމެ މަހަކު ޕެންޝަން ފަންޑަށް ޖަމާކުރަމުން އަންނައިރު، އެ ފައިސާ އެ މުވައްޒަފެއްގެ ރިޓަޔާމަންޓަށް ރައްކާކޮށްދިނުމަކީ ސަރުކާރުން ކުރަންޖެހޭ ކަމެއް ކަމަށް ސޯލިހު ވިދާޅުވި އެވެ. ސަރުކާރުން ޖަމާކުރަންޖެހޭ ފައިސާ ސަރުކާރު މުވައްޒަފުންގެ ޕެންޝަން ފަންޑަށް ޖަމާނުކޮށް ހަތް މަސް ވެފައި އެބަހުރި ކަމަށް ވެސް ސޯލިހު ވިދާޅުވި އެވެ. 
"މިއަދު ވެސް ތިބޭފުޅުން ގޮސް ސަރުކާރުގައި އުޅުއްވާ މުވައްޒަފެއް ވިއްޔާ ބައްލަވާ. ހަ މަސް، ހަތް މަސް ވެފައި އެބަހުރި ސަރުކާރުން ޖަމާކުރަންޖެހޭ ފައިސާ ޖަމާނުކޮށް. މިއީ ރައްޔިތުން ފަހަށް ރައްކާކޮށްގެން ރިޓަޔާމަންޓްގައި ބޭނުންކުރަން ހުރި ފައިސާ. އެއަށް ބޭނުންވާ ފައިސާ ވެސް ޖަމާނުކޮށް [ސަރުކާރުން] އެ އުޅެނީ. އަދި އޭގައި ހުރި ފައިސާކޮޅު ނަގައިގެން މަސައްކަތް ކުރަމުން އެ ގަންދަނީ، އެ ހޭދަކުރަމުން އެ ގެންދަނީ،" ސޯލިހު ވިދާޅުވި އެވެ.
އެކަންކަމާ މެދު ރައްޔިތުން ވިސްނައި ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ސޯލިހު އެދިވަޑައިގަތެވެ. މަޖިލިސް މެންބަރުން ލައްވައި ޖަވާބުދާރީ ނުކުރެވޭ ނަމަ ރައްޔިތުން ނުކުމެ ޖަވާބުދާރީ ކުރުވުމަށް ވެސް އެދިވަޑައިގަތެވެ. ނޫނީ ގައުމުގެ ކަންކަން ބޮއްސުންލައި ބީވެގެން ހިނގައިދާނެ ކަމަށް ވިދާޅުވި އެވެ.
އެނގުން މުހިންމު - ސަރުކާރުގެ ހަރަދުތައް ހަމަޖައްސަން ޕެންޝަން ފަންޑު ނަހަމަގޮތުގައި ބޭނުންކޮށް، މާލީ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފުވަމުންދާކަމުގެ ކަންބޮޑުވުން ފާޅުކޮށް އިދިކޮޅު އެމްޑީޕީން ވަނީ މަޖިލީހަށް ގަރާރެއް ވެސް ހުށަހަޅާފަ އެވެ. އެ ގަރާރުގައި ވެސް ވަނީ، ޕެންޝަން ފަންޑުގައި ފަހަށް ރައްކާކޮށްފައި ހުރި ރައްޔިތުންގެ ފައިސާ އެގޮތް މިގޮތަށް ސަރުކާރުން ހަރަދުކޮށް ހުސްކޮށްލަމުންދާ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ޕެންޝަން ފަންޑުން އިންވެސްޓުކޮށްފައި ހުރި 2.4 ބިލިއަން ރުފިޔާގެ ބޮންޑް އެމްއެމްއޭއަށް ވިއްކުމަށް ފަހު އެ ފައިސާ ބޭނުންކޮށްގެން ސަރުކާރުގެ ބޮންޑަކަށް އިންވެސްޓުކުރަން ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ.
އެއީ ނުރައްކާތެރި ކަމެއްކަން ފާހަގަކޮށް، އެ މުއާމަލާތައް ހުއްދަދިނުމާ ދެކޮޅު ހަދައި އެ ބޯޑުގެ އިސް ވެރިންތަކެއް ވަނީ އިސްތިއުފާ ވެސް ދެއްވާފަ އެވެ. އެ ކަންބޮޑުވުންތަކަށް ބެލުމެއްނެތި ޕެންޝަން ބޯޑުން މިހާރު ވަނީ އެ މުއާމަލާތައް ހުއްދަދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ