ސްޕެއިނުގެ ދެވަނަ ޑިވިޝަން ކުލަބެއްގެ ހިއްސާ ރޮނާލްޑޯއަށް

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ ކުލަބެއް ކަމުގައިވާ އަލްމޭރިއާގެ ހިއްސާ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ގަނެފިއެވެ. ރޮނާލްޑޯ ގަނެފައިވަނީ އަލްމޭރިއާގެ 25 އިންސައްތަ ހިއްސާއެވެ. އެ ކުލަބަކީ ސައުދީ އަރަބިއްޔާގެ އިންވެސްޓްމެންޓް ކޮންސޯޓިއަމްގެ ދަށުން ހިންގަމުންދާ ކުލަބެކެވެ. ކުލަބުގެ 25 އިންސައްތަ ހިއްސާ ގަނެފައިވީ ނަމަވެސް އެ މުއާމަލާތުގެ އަގެއް ހާމައެއްނުކުރެއެވެ. ބެލެވޭ ގޮތުގައި ކުލަބުގެ ހިއްސާ ގަތުމަށް ރޮނާލްޑޯ ވަނީ ބޮޑު ހޭދައެއްކޮށްފައެވެ. މިކަމާ ގުޅޭގޮތުން ރޮނާލްޑޯ ވަނީ ނޫސްބަޔާނެއްވެސް ނެރެފައެވެ. މި ބަޔާނުގައި ރޮނާލްޑޯ ބުނެފައިވަނީ ފުޓުބޯޅަ ކުޅޫމުގެ އިތުރަށް ހިދުމަތްކުރުމަކީ އަބަދުވެސް ދެކެން ބޭނުންވި ދުވަހެއް ކަމަށާއި މިއީ އޭގެ ތެރެއިން މުހިންމު މަސައްކަތެއް ކަމަށެވެ. ރޮނާލްޑޯ ބުނީ އަލްމޭރިއާގެ ހިއްސާ ގަންނަން ނިންމީ ކުލަބުގެ ވަރުގަދަ މެނޭޖްމަންޓެއް އޮތުމާއި މުސްތަގްބަލަށް ރަނގަޅު އިންވެސްޓުމަންޓުތަކެއް ކުރަން ތައްޔާރަށްއޮތް ރަނގަޅު ޓީމަކަށްވުމުން ކަމަށެވެ. އަދި މި ބަދަލާއެކު މުސްތަގުބަލުގައި ކުލަބަށް ރަނގަޅު ބަދަލުތަކެއް އަންނާނެކަމަށް ގަބޫލުކުރާކަމަށްވެސް ރޮނާލްޑޯ ބުންޏެވެ. ސްޕެއިންގެ ފުޓުބޯޅަ ރޮނާލްޑޯއަށް އަލެއް ނުވާނެއެވެ. އޭނާ ވަނީ ހަތް އަހަރުދުވަސް ވަންދެން ސްޕެއިންގެ ރެއާލް މެޑްރިޑުގައި ހޭދަކޮށްފައެވެ. ރޮނާލްޑޯއަކީ ދުނިޔޭގައި މިވަގުތު ހުރި އެންމެ މުސާރަބޮޑު ކުޅުންތެރިޔާއެވެ. އެގޮތުން ސައުދީގެ އަލްނ ނަސްރުން އަހަރެއްގެ މައްޗަށް އޭނާއަށް 177 މިލިއަން ޕައުންޑުގެ މުސާރައެއް ލިބެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ