އަންނަ މަހު މުޅި ރާއްޖެއަށް އާންމު މިންވަރަށް ވުރެ، ފިނިހޫނުމިން މަތިވާނެ: މެޓް

އަންނަ އާދިއްތަ ދުވަހު ފެށޭ، މާރިޗު މަހުގައި މުޅި ރާއްޖެއަށް އާންމުކޮށް އިހުސާސް ކުރެވޭ ފިނި ހޫނުމިން ކުޑަކޮށް މަތިވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ބުނެފިއެވެ. އާންމުކޮށް ރާއްޖެއަށް އެންމެ ހޫނު ގަދަ ވަނީ، އޭޕްރީލް މަހުގެ ތެރޭގައެވެ. އެކަމަކު، މިހާރު ވަނީ އިހުސާސްކުރެވޭ ހޫނު މިން މައްޗަށް ދާން ފަށާފައެވެ. އެ އިދާރާއިން މިއަދު ބުނި ގޮތުގައި، އަންނަ މަހު މުޅި ރާއްޖޭގައި ފިނި ހޫނު މިން އެންމެ މައްޗަށް ދާނެ މިންވަރާއި ދަށަށް ދާނެ މިންވަރު ވެސް އާންމު މިންވަރަށް ވުރެ ކުޑަކޮށް މަތިވާނެއެވެ. ބާޒާރުމަތީގައި ބިދޭސީން މަސައްކަތުގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ އޭގެއިތުރަށް، އެ މަހު މުޅި ރާއްޖެއަށް ވާރޭ ވެހޭނެ މިންވަރު މެޓުން ވަނީ ލަފާކޮށްފައެވެ. އެގޮތުން، އުތުރުގެ އަތޮޅުތަކަށް މާރިޗުގައި ވާރޭވެހޭނީ އާންމުކޮށް ވާރޭ ވެހޭ މިންވަރަށް ނުވަތަ އެއަށް ވުރެ މަދުން ކަމަށް މެޓުން ބުންޏެވެ. ނަމަވެސް، މެދު ރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް އާންމުކޮށް ވާރޭ ވެހޭ މިންވަރަށް ވުރެ ވާރޭ ވެހުން މަދުވާނެ ކަމަށް މެޓުން ލަފާކުރިއެވެ. އާންމު މިންވަރަށް ވުރެން އަންނަ މަހު، ފިނިހޫނު މިން މަތިވާނެ ކަމަށް މެޓުން ބުނިއިރު، މިއަދު މުޅި ރާއްޖެއަށް އިހުސާސްކުރެވޭ ހޫނު މިން ހުންނާނެ ކަމަށް ލަފާ ކުރަނީ، 33 ޑިގްރީއިން މަތީގައެވެ. މިގޮތުން، މިއަދުގެ 14:00ގައި މެޓުން އާންމުކުރި ރިކޯޑުތަކުން އެނގޭ ގޮތުގައި، އިހުސާސް ކުރެވޭ ހޫނުމިން އެންމެ މަތީގައި ހުރީ ލ. ކައްދޫގައެވެ. އެ ރަށުގައި ހޫނުމިން ހުރީ 36.4 ޑިގްރީ ސެލްސިއަލްސްގައި ކަމަށްވާއިރު، ހުޅުލޭގައި އެ އަދަދު ހުރީ 34.7ގައެވެ. އޭގެއިތުރަށް، އުތުރުން ހދ. ހަނިމާދޫގައި އިހުސާސް ކުރެވޭ ހޫނުމިން ހުރީ 33.8ގައި ކަމަށްވާއިރު، އެންމެ ދެކުނުން އައްޑޫ ސިޓީ ގަމުގައި ހުރީ، 34.9ގައެވެ. މެޓުގެ ހިސާބުތަކުން އެނގޭ ގޮތުގައި، މިއަދު ހުރިހާ ހިސާބެއްގައި ފިނިމިން ހުރީ 30 ޑިގްރީ ސެލްސިއަސްގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ