އަކްޝޭގެ ދަރިފުޅަށް އޮންލައިންކޮށް ފުރައްސާރަކުރި މީހާ ހައްޔަރުކޮށްފި
މީގެ މަސްތަކެއް ކުރިން ބޮލީވުޑްގެ އެކްޓަރު އަކްޝޭ ކުމާރުގެ ދަރިފުޅު ނިތާރާއަށް ކުރިމަތިވި އޮންލައިން ފުރައްސާރައާ ގުޅިގެން ތުހުމަތުކުރެވޭ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ. މި މައްސަލަ ފުލުހުންގެ ސަމާލުކަމަށް ގެނެސް އާއްމުންނަށް އަކްޝޭ އެކަން ހާމަކޮށްފައި ވަނީ ފާއިތުވި އަހަރުގެ އޮކްޓޫބަރު މަހުތެރޭއެވެ. މުމްބާއީގައި ބޭއްވި ސައިބަ ހޭލުންތެރިކަމުގެ ހަރަކާތެއްގައި އަކްޝޭ ބުނީ އުމުރުން 13 އަހަރުގެ ދަރިފުޅަށް ޖިންސީ ފުރައްސާރަކުރީ އޮންލައިންކޮށް ގޭމު ކުޅެން އުޅުމުގެ ތެރޭގައި ދިމާވި މީހަކު ކަމަށެވެ. އެގޮތުން އެ މީހާ ދަރިފުޅާ ބެހޭ މައުލޫމާތުތަކެއް ހޯދުމަށް ފަހު، ވަރަށް ޒާތީ މައުލޫމާތުތަކެއް ސާފުކޮށް، ދަރިފުޅުގެ ބަރަހަނާ ފޮޓޯތަކެއް ފޮނުވައި ދޭން އެދުނު ކަމަށް އަކްޝޭ އޭރު ހާމަކޮށްފައިވެއެވެ. އެކަން އަކްޝޭ އާއި އަންހެނުން ޓުވިންކަލްއަށް އެނގުނީ އެ ހާދިސާ ދަރިފުޅު އެ މީހުންނާ ހިއްސާކުރުމުން ކަމަށް އަކްޝޭ ވަނީ ކިޔައިދީފައެވެ. އޭރު އެ ހާދިސާ އާއްމުންނާ ހިއްސާކުރި އެންމެ މުހިއްމު އެއް ބޭނުމަކީ، އޮންލައިން ގޭމްތައް ކުޅޭއިރު ކުދިންނަށް ކުރިމަތިވެދާނެ ނުރައްކާތަކާއި، ޑިޖިޓަލް ދުނިޔޭގައި ހޭލުންތެރިވުމުގެ މުހިންމުކަން ހާމަކުރުމަށެވެ. އަކްޝޭ އަންހެނުން ޓުވިންކަލް އަދި ދެ ކުދިން ކަމަށްވާ އާރަވް އާއި ނިތާރާއާ އެކު--ފޮޓޯ/އިންޑިއަންއެކްސްޕްރެސް އޭގެ އެތައް މަސްތަކެއް ފަހުން، މި މަސްތެރޭ މި މައްސަލައިގައި ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފައިވާކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ. މި މައުލޫމާތު ހާމަކުރެއްވީ އާރުޑީ ނޭޝަނަލް ކޮލެޖުގައި ބޭއްވި ސައިބަ ހޭލުންތެރިކަމުގެ ސެޝަނެއްގައި، އެޑިޝަނަލް ޑައިރެކްޓަރ ޖެނެރަލް އޮފް ޕޮލިސް ޔަޝަސްވީ ޔާދަވް އެވެ. މި މައްސަލައާ ބެހޭގޮތުން ވާހަކަދައްކަވަމުން ޔާދަވް ވިދާޅުވީ، އަކްޝޭ ކުމާރު ހިއްސާކުރީ ވަރަށް ސިހުން ގެނުވި ވާހަކައެއް ކަމަށެވެ. "އަކްޝޭގެ އަންހެން ދަރިފުޅަށް ބިރުދައްކައިގެން ބަދުއަޚުލާގީ އަމަލު ހިންގަން ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށް އެކްޓަރު ފުލުހުންނަށް އެންގި. އެ ކުއްޖާއަކީ ވަރަށް ހިތްވަރުގަދަ ކުއްޖެއް. އޭނާ އެކަން މައިންބަފައިންނަށް އެންގުމުން މައިންބަފައިންގެ ފަރާތުން އަޅުގަނޑުމެންނަށް މި މައުލޫމާތު ލިބި މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އަޅަން މިވަނީ ފަށާފައި" ޔާދަވް ވިދާޅުވިއެވެ. މިއީ މިފަދަ ކަންކަން ފެށޭ ގޮތް ކަމަށާއި މިއީ ސައިބަ ކްރައިމްގެ ބައެއް ކަމަށް އަކްޝޭ ވަނީ ބުނެފައެވެ. މީހުންނާއި ކުދިން މިކަމުގެ މަޅީގައި ޖެހި، ބިރުދައްކައިގެން ފައިސާ އަތުލުމުގެ ކަންކަން ހިނގާއިރު، މިފަދަ ކަންކަމާ ހުރެ އަމިއްލަ ނަފުސަށް ގެއްލުންދޭ މީހުންވެސް އުޅޭ ކަމަށް އަކްޝޭ ވަނީ ބުނެފައެވެ. ޑިޖިޓަލް ދުނިޔޭގައި ކުދިން މިފަދަ ކަންކަމަށް ހޭލުންތެރިކުރުވުމަކީ ވަރަށް މުހިންމު ކަމެއް ދެ ކުދިންގެ ބައްޕަ އަދި ކާމިޔާބު އެކްޓަރު ވަނީ ބުނެފައެވެ. އަކްޝޭގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައިގައި ހައްޔަރުކުރި މީހާއާ ބެހޭ އިތުރު ތަފްސީލެއް ނުވަތަ ކުރިއަށްދާ ތަހުގީގާ ބެހޭ މައުލޫމާތެއް ކަމާބެހޭ ފަރާތްތަކުން އަދި ހާމައެއް ނުކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ