ރަށްރަށަށް ވުރެ މާލޭގައި ބޭސް ހޯދަން އުނދަގޫ: މިނިސްޓަރު

ރަށްރަށަށް ވުރެ މާލޭގައި ބޭސް ހޯދަން އާއްމުން އުފުލަން ޖެހޭ ތަކުލީފު ބޮޑު ކަމަށް އާ ހެލްތު މިނިސްޓަރު ޑރ. ގީލާ އަލީ ރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ޕީއެސްއެމްގެ ޕްރޮގްރާމެއްގައި މިނިސްޓަރު ވަނީ ބޭހުގެ ދަތިކަމާއި އެކަމަށް ގެނެވޭނެ ހައްލުތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވާފަ އެވެ. އެގޮތުން، ބޭސް ނުލިބިގެން، ބޭސް ސިޓީ ހިފައިގެން އާއްމުން އެއް ފިހާރައިން އަނެއް ފިހާރައަށް ދާން ޖެހުމާއި ނުލިބިއްޖެ ނަމަ އަލުން ޑޮކްޓަރު ކައިރިއަށް ގޮސް ބޭސް ބަދަލުކުރަން ޖެހޭކަން އެނގިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ބުނީ ކީކޭ؟ - މިިނިސްޓަރު ވިދާޅުވީ ރަށެއްގައި ނަމަ ބޭސް ހޯދުމުގެ މަރުހަލާ ތަންކޮޅެއް ފަސޭހަ ކަމަށެވެ. އެގޮތުން، ކޮންމެ ރަށެއްގައި ވެސް ހަތަރު ފަސް ބޭސް ފިހާރައަކަށް ފަސޭހަކަމާ އެކު ގޮސް ބޭސް ހޯދޭ ކަަމަށާއި އެތަންތަނުގައި ނެތް ނަމަ، ޖެހިގެން އަންނަ ދުވަހު ކައިރީގައި އޮންނަ ރަށަކުން އެ ބޭސް ހޯދޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެކަމަކު މާލޭގައި ޑޮކްޓަރަށް ދައްކައިގެން އެ ބޭސް ހޯދުމަށް އުފުލަން ޖެހޭ ތަކުލީފު މާ ބޮޑު،" އޭގެ މާ ބޮޑު ތަފްސީލެއް ނުދެއްވައި މިނިސްޓަރު ވިދާޅުވި އެވެ.
ގީލާ ވިދާޅުވި ގޮތުގައި:
ސްޓޮކްގައި ހުންނަ ބޭހުގެ ލިސްޓެއް ފެންނަން ހުންނަން ޖެހޭ
އެ ސްޓޮކްގައި ހުންނަ ބޭސް ޑޮކްޓަރުން ލިޔެދިނުން މުހިއްމު
"މިހާރު ވެސް އެ މަސައްކަތް އެބަ ޕެރެލެލްކޮށް ކުރެވެމުން ދޭ. މިކަމަށް ޖުމްލަ ހައްލެއް އަންނަން ޖެހެނީ. މިއީ ހަމައެކަނި ވަކި ކަމެއް ރަނގަޅުކޮށްލައިގެން މުޅި ނިޒާމަށް ގެނެވޭނެ ހައްލެއް ނޫން،" އޭނާ ވިދާޅުވި އެވެ.
އެނގުން މުހިއްމު - ރާއްޖޭގައި ހުރި ބޭހުގެ މައުލޫމާތާއި އެ ބޭސް ހުރި ތަންތަނުގެ މައުލޫމާތު އެނގޭނެ ނިޒާމެއް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސަރުކާރުގެ ބޭސް ކުންފުނިން މި މަހުގެ ކުރީކޮޅު ވަނީ ބުނެފަ އެވެ.
އޭރުން ރާއްޖޭގައި ހުރި ބޭހާއި އެ ބޭސް ހުރި އަދަދު އަދި ހުރި ތަނެއް އާންމުންނަށް ވެސް އެނގޭނެ ކަމަށް އެތަނުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ