ޕްރެޝަރުތަކެއް އަޔަސް ވިކްޓިމްގެ ޒާތީ މައުލޫމާތު އާންމުނުުކުރަން އަންގައިފި

ފުލުހުންގެ ވިކްޓިމް ސަޕޯޓަށް ފޮނުވާ މެސެޖުތައް އާންމުކުރުމަކީ ގޯހެއް ކަމަށާއި ކުރިއަށް އޮތް ތަނުގައި ވިކްޓިމެއްގެ އެފަދަ ޒާތީ މައުލޫމާތު އާންމުނުކުރުމަށް އަންގަވާފައިވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ވީކިހިނެއް؟ - ހޯމް މިނިސްޓަރު އަލީ އިހުސާނާއި ފުލުހުންގެ މުއައްސަސާއިން ވިކްޓިމްގެ މައުލޫމާތުތަކެއް މި ގޮތަށް ދެ ފަހަރަކު އާންމުކުރި އެވެ. އެ ގޮތުން:
18 އޭޕްރީލް 2025ގައި މާލޭގެ އިމާރާތަކުން ޖެހިގެން ހުރި ގުދަނުގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލާގައި ޔުމްނުގެ ވަރަށް ޒާތީ މައުލޫމާތުތައް ފުލުހުން އާންމުކުރި
ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ)ގެ ދަނާލުގައި މިދިޔަ ހޯމަ ދުވަހުގެ ރޭ ޒުވާނަކު މަރުވުމުގެ ކުރިން، ފުލުހުންގެ ވިކްޓިމް ސަޕޯޓަށް އޭނާ ކުރި މެސެޖުތައް 'އަކުރުން އަކުރަށް' ހޯމް މިނިސްޓަރު އިހުސާން ކިއުއްވި
މިކަމާ ގުޅިގެން ނަފުސާނީ ދުޅަހެޔޮކަމުގެ ތަޖުރިބާކާރުންނާއި އާންމުން އަދި ހާއްސަކޮށް ފުލުހުންގެ ވިކްޓިމް ސަޕޯޓް ޔުނިޓުން އެހީތެރިކަން ހޯދަމުންދާ މީހުން ވަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ބުނީ ކީކޭ؟ - މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު މިކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން ރައީސް ވިދާޅުވީ އެއީ އެއްގޮތަކަށް ވެސް ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ.
އެންމެ ފަހުން މައުލޫމާތުތަކެއް އާންމުކުރީ، ފުލުހުންގެ މުއައްސަސާއަށް ވެސް އިލްޒާމުތަކެއް ސޯޝަލް މީޑިއާގައި އަޅުވާފައި އޮތުމުން އެ ކަމަށް ޖަވާބުދާރީވުމުގެ ނިޔަތުގައި އާންމުކުރި މައުލޫމާތުތަކެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
މަޖުބޫރީ ހާލަތަކަށް ގޮސްގެން އާންމުކޮށްފައި ވަނީ ވެސް މަދު މައުލޫމާތުތަކެއް ކަމަށް ރައީސް ވިދާޅުވި އެވެ. ނަމަވެސް އާންމުކުރި މިންވަރަކީ ވެސް އާންމުކުރެވިގެން ވާނެ ވަރެއް ނޫންކަން ގަބޫލުކުރައްވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
"ޕްރެޝާތަކެއް އައިސްގެން ލިމިޓެޑް މައުލޫމާތުތަކެއް ދިނީ. އެކަމަކު އެ ވެސް ދީގެން ނުވާނެ. އަޅުގަނޑު އެކަން ޑިފެންޑް ކުރަނީކީ ވެސް ނޫން މިއީ. އެއީ އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްއަށް ބެލިއަސް އެންމެ ރަނގަޅު ގޮތެއް ނޫން އެއީއެއް،" ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑު މިހާރު އަންގާފައިވާނެ ދެން އެ ގޮތަށް އާންމުނުކުރަން. ކިތަންމެ ޕްރެޝަރަކަށް ދިޔައަސް ނުދޭށޭ [މި ޒާތުގެ ޒާތީ] މައުލޫމާތު. ކޮންމެ މީހެއްގެ ވެސް ޕްރައިވެސީ ރައިޓް ހިމާޔަތްކުރަން ޖެހޭނެ."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ