ގެއިން މަސައްކަތް ކުރާ މުވައްޒަފުން އެމްއޭސީއެލްގައި އެބަތިބި؛ އަދަދެއް ނޭނގޭ: ޝަރީފް

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ މުވައްޒަފުންގެ ގޮތުގައި 'ވޯކް ފްރޮމް ހޯމް' ނުވަތަ ގެއިން މަސައްކަތް ކުރާ މުވައްޒަފުންް ވެސް އެބަތިބި ކަމަށާއި ނަމަވެސް އެއީ ކިހާާ މުވައްޒަފުންނެއްކަން ސީދާ ވިދާޅުވާން ނޭނގޭ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އެމްއޭސީއެލްގެ އޮފީހުގައި މަސައްކަތެއް ނުކޮށް އަދި އޮފީހަށް ނުނިކުމެ މުސާރަ ލިބޭ މީހުންގެ ގޮތުގައި މުވައްޒަފުން ތިބި ކަމަށް ބުނެ ލިސްޓެއް މިފަހުން ވަނީ އާންމުވެފަ އެވެ.
ރައީސް އޮފީހުގައި އޮތް ބައްދަލުވުމަކަށް ވަޑައިގެންނެވި ޝަރީފް މިއަދު އެހެން ވިދާޅުވީ، ރައީސް މުހައްމަދު މުއިއްޒު މިއަދު އެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމަށް ފަހު ނުކުތް ނޫސްވެރިންނާ ޝަރީފްއާ އެ އޮފީހުގެ ބޭރުން ބައްދަލުވުމުން އެ ނޫސްވެރިން ކުރި ސުވާލުތަކުގެ ޖަވާބުގަ އެވެ.
ބުނީ ކީކޭ؟ - ޝަރީފް ވިދާޅުވީ އެމްއޭސީއެލްއަކީ ބޮޑު ކުންފުންޏެއް ކަމަށާއި އެ ކުންފުނިން މިހާރު އިތުރު މަސައްކަތްތައް ވެސް ކުރާ ކަމަށެވެ. އެހެންވެ، ކުންފުނީގައި މުވައްޒަަފުން ވެސް އިތުރުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު ފިނޭންސް މިނިސްޓްރީ އާއި ޕީސީބީން އަންގައިގެން ރައިޓް ސައިޒް ކުރުމުގެ މަސައްކަތް އެބަ ކުރަން،" އޭގެ ތަފްސީލަށް ވަޑައިނުގަންނަވައި ޝަރީފް ވިދާޅުވި އެވެ.
އެމްއޭސީއެލްގެ މުވައްޒަފުންގެ ތެރޭ ގެއިން މަސައްކަތް ކުރާ މީހުން ވެސް ހިމެނޭ ކަމަށާއި ކުންފުނީގެ ޖުމްލަ މުވައްޒަފުންގެ އަދަދު 5،000އަށް ވުރެ އިތުރުވާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.
ގެއިން މަސައްކަތް ކުރާ މީހުންގެ ތެރޭ ތިބީ ކޮން މަސައްކަތެއް ކުރާ ބަޔަކު ކަމެއް ވިދާޅުވާން ދަތި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ ސްޓްރެޓެޖިކް އެކްޝަން ޕްލޭނެއްގެ ދަށުން ކުންފުނި ރައިޓް ސައިޒް ކުރުމުގެ މަސައްކަތް ކުރާއިރު ވަކިކުރާނީ ކިހާ މުވައްޒަފުންނެއް ކަމެއް ކަމެއް އަދި ވިދާޅުވާން ނޭނގޭ ކަމަށެވެ.
އެނގުން މުހިންމު - އެމްއޭސީއެލްއަކީ ސަރުކާރު ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު އެއް ކުންުފުންޏެވެ. މައި އެއާޕޯޓު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އިތުރުން އެ ކުންފުނީގެ ދަށުން އިތުރު އެއާޕޯޓުތައް ހިންގަމުން އަންނައިރު އެ ކުންފުނީގެ ދަށުން ސަބްސިޑަރީ ކުންފުންޏެއް އުފައްދާ މިހާރު އަންނަނީ ބިން ހިއްކުމުގެ މަޝްރޫއުތައް ވެސް ކުރިއަށް ގެންދަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ