ދެ މަސްދުވަހަށް ދެމިގެންގޮސްފައިވާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް މަޝްވަރާ ކުރަން ބޭނުން ނަމަ ވޮޝިންޓަނަށް ގުޅިދާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއްޔެ ވިދާޅުވިއިރު، އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ ރަޝިއާގެ ރައީސް ލަޑީމިއަ ޕޫޓިންގެ ތާއީދު ހޯއްދެވުމަށް މިއަދު ރަޝިޔާއަށް ވަޑައިގެންފި އެވެ.
ސުލްހައިގެ މަސައްކަތްތަކުގެ ދުވެލި މަޑުޖެހުނީ، އެމެރިކާގެ މަންދޫބުން ކަމަށްވާ ސްޓީވް ވިޓްކޮފް އާއި ޖެރެޑް ކުޝްނާ ޕާކިސްތާނަށް ކުރަން އޮތް ދަތުރު ޓްރަމްޕް ކެންސަލް ކުރެއްވުމާ ގުޅިގެންނެވެ.
"އެ މީހުން ވާހަކަދައްކަން ބޭނުން ނަމަ، އަހަރެމެންގެ ގާތަށް އާދެވިދާނެ، ނުވަތަ ގުޅިދާނެ. ފޯނެއް ވެސް އެބަހުރި،" ފޮކްސް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް އިއްޔެ ވިދާޅުވި އެވެ.
މީގެ އިތުރުން، ކޮންމެ އެއްބަސްވުމެއްގައި ވެސް އީރާނުން ނިއުކްލިއަ ހަތިޔާރު ނުގެންގުޅުން ޝަރުތުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިދިޔަ 28 ފެބްރުއަރީގައި އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދިން ހަމަލާތަކާ އެކު ފެށުނު މި ހަނގުރާމަ، ހަމަލާ ބަދަލުކުރުން މެދުކަނޑާލުމުގެ އެއްބަސްވުމެއްގެ ދަށުން މެދުކަނޑާލާފައިވީ ނަމަވެސް، ދާއިމީ ހައްލަކަށް އަދި އާދެވިފައެއް ނުވެ އެވެ. މައިގަނޑު މައްސަލަތަކެއްގެ ގޮތުގައި އޮތީ އީރާނުގެ ނިއުކްލިއަ ޕްރޮގްރާމާއި ހޮރްމޫޒް ކަނޑުއޮޅިން ދަތުރުފަތުރު ކުރުމުގެ މައްސަލަ އެވެ.
އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން ވިދާޅުވީ ބިރުދެއްކުމާއި ބަންދުކުރުންތަކުގެ ދަށުން މަޖުބޫރުކޮށްގެން ކުރާ މަޝްވަރާތައް ތެހެރާނުން ގަބޫލުނުކުރާނެ ކަމަށާއި އެންމެ ފުރަތަމަ އެމެރިކާގެ ކަނޑުގެ ބްލޮކޭޑް އުވާލަންޖެހޭނެ ކަމަށެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި، ޕާކިސްތާނު މެދުވެރިކޮށް އީރާނުން ވަނީ އާ ހުށަހެޅުމެއް ހުށަހަޅާފަ އެވެ. އެ ހުށަހެޅުން ބިނާވެފައިވަނީ ހޮރްމޫޒް ކަނޑުއޮޅި ހުޅުވާލުމާއި ހަނގުރާމަ ނިމުމަކަށް ގެނައުމުގެ މައްޗަށެވެ. އަދި ނިއުކްލިއަ މަޝްވަރާތައް ފަހުގެ ތާރީހަކަށް ފަސްކުރުމަށް ވެސް ވަނީ ހުށަހަޅާފަ އެވެ.
ހާރިޖީ ގުޅުންތައް ހުއްޓުމަކަށް އައުމުގެ ސަބަބުން ގަލްފުގެ ދަތުރުފަތުރުގެ މަގުތަކަށް ބުރޫއަރާފައިވާތީ، ބާޒާރުތަކަށް އޭގެ ނޭދެވޭ އަސަރުކޮށް، ތެލުގެ އަގު އުފުލި، އެމެރިކާގެ ސްޓޮކް މާކެޓް ވަނީ ދަށަށް ގޮސްފަ އެވެ. ހަމަ އެއާ އެކު، ލުބުނާނުގައި ހަމަނުޖެހުންތައް ކުރިއަށްދާއިރު، އިޒްރޭލުން އިއްޔެ ދިން ހަމަލާތަކުގައި 14 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އީރާނުގެ ފޮރިން މިނިސްޓަރު ރަޝިޔާއަށް؛ ޓްރަމްޕް އެދުނީ ވާހަކަދައްކަން 'ގުޅުމަށް'
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ