ބުލީ ކުރުމަކީ ޤާނޫނީ ކުށެއް ކަމަށް ކަނޑައެޅުމަށް އެކަމަށް ޚާއްސަ ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިޤާނޫނުގައި ހިމެނޭނެ މުހިންމު ދައިރާތަކުގެ ތަފްސީލް އެމަނިކުފާނު ވަނީ ހިއްސާކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ އޮފީހުގައި ސިލްސިލާކޮށް ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އެންޓި ބުލީން ޤާނޫން އެކުލަވާލުމުގެ މަސައްކަތް މިހާރު ސަރުކާރުން ފަށާފައިވާ ކަމަށެވެ.
ބުލީ ކުރުމުގެ މައްސަލައަކީ ދުނިޔޭގެ އެހެން ޤައުމުތަކެކޭ އެއްފަދައިގެން ރާއްޖޭގައި އޮތް މައްސަލައެއް ކަމެއް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިމައްސަލަ ހައްލުކުރުމަށް ޚާއްސަ ޤާނޫނެއް ސަރުކާރުން އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާއިރު، 2024 ވަނަ އަހަރު ޤާނޫނުލް އުޤުބާތަށް ގެނެވުނު އިސްލާހުތަކުގައި އޮންލައިންކޮށް ކުރާ މިފަދަ ޢަމަލުތައް ހުއްޓުވުމަށް ހިމަނާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"މިކަން އިތުރަށް ހުއްޓުވުމަށްޓަކައި، އަދި ޕްރިވެންޓިވް އެކިކަހަލަ މެޝާސްތައް ލުމައްޓަކައި، މިފަދަ އަމަލްތައް ކުރާ ފަރާތްތަކަށް ފިޔަވަޅު އެޅުން އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ބުލީ ކުރުން އެއީ ޤާނޫނީ ކުށެއް ކަމަށް ކަނޑައެޅުމަށް އެކަމަށް ހާއްސަ ޤާނޫނެއް، އެންޓި ބުލީ ޤާނޫނެއް ތަޢާރަފް ކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފި. އެހެންވީމަ އެ މަސައްކަތް އޭޖީ އޮފީހުން ކުރިއަށް ގެންދަވާ. ކަމާ ގުޅޭ ފަންނީ ބޭފުޅުންގެ ލަފަޔާ އެކީގައި. އެހެންވީމަ މަޝްވަރާގެ ހުރިހާ ޕްރޮސެސްއެއް ނިންމާފައި މަޖިލީހަށް ފޮނުވާނަން. " ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މި ޤާނޫނު އެކުލަވާލާއިރު، ސާފުކޮށް ބުލީ ކުރުމުގެ ޢަމަލުތަކަކީ ކޮބާކަމާއި ޤާނޫނު ހިންގާނެ ދައިރާތައް ކަނޑައެޅިފައި ހުންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އޭގެ ތެރޭގައި ސްކޫލްތަކާއި ތަޢުލީމުދޭ އެކި ދައިރާތަކުގެ އިތުރުން މަސައްކަތު މާހައުލަށްވެސް ޤާނޫނު ހިންގާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އިތުރު ތަފްސީލް އަންނަނީ...
ބުލީކުރުން ހުއްޓުވުމަށް ޤާނޫނެއް އެކުލަވާލަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ