މާލެ ސަރަހައްދުގައި މެންޓަލް ހެލްތު ހޮސްޕިޓަލެއް އަޅަނީ

ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން މާލެ ސަރަހައްދުގައި މެންޓަލް ހެލްތު ހޮސްޕިޓަލެއް އަޅަން ނިންމާފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރައީސް އޮފީހުގައި މިއަދު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ މާލެ ސަރަހައްދުގައި އެފަދަ ފަރުވާ ދޭ ހޮސްޕިޓަލެއް ހުރުން ވަރަށް މުހިއްމު ކަމަށެވެ.
ތަފްސީލް - މެންޓަލް ހެލްތު ހޮސްޕިޓަލެއް ލ. ގަމުގައި އަޅަން ނިންމާ މީގެ ކުރިން އިއުލާނުކޮށްފައިވާއިރު، އެ މަޝްރޫއު ކެންސަލް ނުކޮށް ފަހުން އެއަށް ގޮތެއް ނިންމަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އެ މަޝްރޫއު ކުރިއަށް ގެންދަން ނިންމާފައި އޮތީ ބޭރުގެ ލޯނު އެހީގައިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ލޯނު ހަމަޖެހުން ލަސްވެގެން ޕްރޮޖެކްޓު ލަސްވެފައިވާ ކަމަށެވެ.
"މި މައްސަލަ [ނަފްސާނީ ސިއްހަތު] ރާއްޖޭގައި ވަރަށް ބޮޑު. އިތުރު އެހީތެރިކަމެއް ބޭނުންވާ ހިސާބަށް ގޮސްފައިވާ ބޮޑު މައްސަލައަކަށް ވާތީ އަޅުގަނޑުމެން މިހާރު މަޝްވަރާކޮށްފައި ސަރުކާރުގެ ބަޖެޓުން ސީދާ މެންޓަލް ހެލްތު ފެސިލިޓީ، ހޮސްޕިޓަލް އަޅަން ނިންމީ،" ރައީސް ވިދާޅުވި އެވެ.
"މާލެ ސަރަހައްދުގައި އެންމެ ގިނައީ މީހުން ވެސް. [ނަފްސާނީ މައްސަލަތައް ތަހައްމަލު ކުރާ] ކުދިން ވެސް. އަޅުގަނޑުމެން ބަލާއިރު މެންޓަލް ހެލްތު ކޮންސަލްޓޭޝަން ޖެނުއަރީ 1 އިން ފެށިގެން އޭޕްރީލް 24އާ ހަމައަށް ނެގި މީހުންނަށް ބަލާއިރު މާލެއިން އެބަތިބި 8،125 ފަރާތަކުން މިދިޔަ ކުޑަ ދުވަސްކޮޅު ތެރޭ އާސަންދަ އިން ފަރުވާ ހޯދާފައި. މިއީ ވަރަށް ބޮޑު އަދަދެއް."
ރައީސް ވިދާޅުވީ އަތޮޅުތެރެއިން ވެސް ވަރަށް ގިނަ އަދަދެއްގެ މީހުން މާލެ އަންނައިރު، އެފަދަ ހޮސްޕިޓަލެއް މި ސަރަހައްދުގައި ހުރުން މުހިންމު ކަމަށެވެ.
"އެ ޕްރޮޖެކްޓު ވަރަށް އަވަހަށް އެ އޮންނަ ޕްރޮކިޔުމެންޓު ޕްރޮސެސްގެ ތެރެއިން ކުރިއަށް ގެންދާނަން،" އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މެންޓަލް ހެލްތާ ގުޅޭ ބިލެއް ވެސް ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ކަނޑައަޅާފައިވާ ކަމަށެވެ.
މެންޓަލް ހެލްތާއި ބުލީ ކުރުން ވެސް ގުޅިފައިވާ ކަމަށާއި ބުލީ ކުރުން ހުއްޓުވުމަށް އެއީ ގާނޫނީ ކުށަކަށް ހެދުމަށް ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.
ފާހަގަ ކުރެވޭ - މާލެ ސަރަހައްދުގައި މެންޓަލް ހެލްތު ހޮސްޕިޓަލެއް އެޅުމަށް ނިންމަވާ ރައީސް އެކަން އިއުލާނު ކުރެއްވި އިރު، އަމިއްލައަށް މަރުވުމުގެ ކޭސްތަކާއި ނަފްސާނީ ސިއްހަތާ ގުޅުން ހުރި މައްސަލަތައް މިފަހުން ފެންމަތިވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ