ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގައި ޢުމްރާއަށް އައި ފަރާތްތަކުން މިއަދުވަނީ ހިރާ ކަލްޗަރަލް ސެންޓަރަށް ޒިޔާރަތްކޮށްފައެވެ. މިޒިޔާރަތުގައި ރަސޫލު ބޭކަލުންގެ ވާހަކަތަކާއި، ކީރިތި ޤުރުއާން ބާވާލެއްވުމާއި އެފޮތް ރައްކާ ކުރެއްވުނު ގޮތްތަކުގެ މަޢުލޫމާތު ޢުމްރާވެރިންނަށް ވަނީ ދީފައެވެ.
ރަސޫލު ބޭކަލުންގެ ވާހަކަތަކަކީ، އަޅުގަނޑުމެން ޝައުޤުވެރިވާ އަދި އެމަޢުލޫމާތުގެ ސަބަބުން އީމާންކަން އިތުރުވެގެންދާ ވާހަކަތަކެކެވެ. އެހެންކަމުން މިއަދު ހިރާ ކަލްޗަރަލް ސެންޓަރަށް ޙައްޖު ކޯޕަރޭޝަންގެ ޢުމްރާވެރިން ކުރި ޒިޔާރަތް ވެގެން ދިޔައީ ޢުމްރާވެރިންނަށް މުހިއްމު ޒިޔާރަތަކަށެވެ.
ޢުމްރާވެރިން އެންމެ ފުރަތަމަ ދިޔައީ، ވަޙީއާއި ބެހޭ މައުރަޒަށެވެ. އެތަނުން އާދަމް އާލައިހިއްސަލާމުން ފެށިގެން ކީރިތި ރަސޫލާ މުޙައްމަދު(ޞ.ޢ.ވ) އާއި ހަމައަށް ވަޑައިގެންނެވި ހުރިހާ ރަސޫލު ބޭކަލުންނާއި، ނަބީބޭކަލުންގެ ރިސާލަތުގެ ވާހަކަތައް ޕްރެޒެންޓޭޝަން މެދުވެރިކޮށް ވަނީ ކިޔައިދީފައެވެ. އަދި ކީރިތި ރަސޫލާއަށް ވަޙީ ލިބިވަޑައިގަތުމާއި، އެކަލޭގެފާނުގެ އަނބިކަނބަލުން ޚަދީޖަތުގެފާނުގެ ދައުރުގެ މުހިއްމުކަން ވަނީ ފާހަގަކޮށްފައެވެ. އަދި މިއަދުގެ އަންހެނުންނަށް އެކަމުން މުހިއްމު ފިލާވަޅުތަކެއް ލިބިގެންދާކަން ޢުމްރާވެރިންވެސް ވަނީ ފާހަގަކޮށްފައެވެ.
"ވަޙީ އައުމުން ކީރިތި ރަސޫލާ ބިރުފުޅުން ވަޑައިގަތުމުން ޚަދީޖަތުގެފާނު އެދެއްކެވި އޯގާތެރިކަމާއި، އެވާހަކަތައް އިވުނީމަ އަޅުގަނޑަށް ވަރަށް އަސަރުކުރި އަސްލު." ޢުމްރާވެރިއަކު ކިޔައިދިނެވެ.
އެއަށްފަހު ޢުމްރާވެރިން ދެން ޒިޔާރަތް ކުރީ، ކީރިތި ޤުރުއާނާ ބެހޭ މައުރަޒަކަށެވެ. އެމައުރަޒުގައި ވަނީ، ކީރިތި ޤުރުއާން އެންމެ ފުރަތަމަ ލިޔަން ފެށުނު ގޮތާއި، އެފޮތް ރައްކާ ކުރުމަށް ކުރި މަސައްކަތް ދައްކާލާފައެވެ. އެންމެ ފުރަތަމަ ކީރިތި ޤުރުއާން ލިޔެވުނީ ޖަމަލުތަކުގެ ހަމުގައާއި، ކަދުރު ރުކުގެ އޮށީގައާއި، ހިލައާއި ވޮށުފިލާ ފަދަ ތަކެތީގައެވެ. އެއަށްފަހު ޤުރުއާން އެއްފޮތަކަށް ޖަމަޢު ކުރެވުނީ، އުޘްމާނުގެފާނުގެ ޚަލީފާކަމުގެ ދުވަސްވަރުގައެވެ.
އެމިއުޒިއަމްގައިވަނީ، މުހިއްމު އެތައް އާސާރުތަކެއް ރައްކާކުރެވިފައެވެ. އެގޮތުން މިވަގުތު ދުނިޔޭގައި އޮތްކަމަށް ބުނެވޭ އަދި ދުނިޔޭގެ ރިކޯޑު ފޮތުން ޖާގަ ހޯދާފައިވާ އެންމެ ބޮޑު ޚަތިމުވެސް އޮތީ، އެމިއުޒިއަމްގައެވެ. އަދި މިލިއަނަކަށްވުރެ ގިނަ މުށިކޮޅުން ތައްޔާރުކޮށްފައިވާ ކީރިތި ޤުރުއާނުގެ ފުރަތަމަ ދެޞަފްޙާވެސް އެތަނުގައި ވަނީ ބަހައްޓާފައެވެ. މީގެއިތުރުން 1407 ވަނަ އަހަރު ރަސްކަމުގައި ފަހުދު ރަސްގެފާނު ހުންނެވި ދުވަސްވަރު ކަޢުބަތުﷲ ގެފުޅުގެ އުރަކޮޅެއް ނުވަތަ ކިސްވާއެއްވެސް ބަހައްޓާފައިވެއެވެ. އުރަކޮޅު ތައްޔާރު ކުރުމަށް އެތައް ކިލޯއެއްގެ ރަނާއި، ހިރި އަދި ފަށުވި ބޭނުން ކުރެއެވެ. އަދި މިއުޒިއަމްގައި ކަޢުބާގެ ދޮރުކޮޅެއްގެ ނަމޫނާއެއްވެސް ބަހައްޓާފައިވެއެވެ. ދޮރުކޮޅު ތައްޔާރު ކުރުމަށް 280 ކިލޯގެ ރަން ބޭނުން ކުރެއެވެ.
ޢުމްރާވެރިންނަށް އިސްލާމީ ތާރީޚާއި ބެހޭގޮތުން މުހިއްމު މަޢުލޫމާތުތަކެއް ހިރާ ކަލްޗަރަލް ސެންޓަރުން ވަނީ ކިޔައިދީފައެވެ. އަދި ވަޙީ ލިބިވަޑައިގެންނެވިއިރު، ކީރިތި ރަސޫލާ ހުންނެވި ހިރާ ފަރުބަދައާއި ގުޅޭ މަޢުލޫމާތު ދީފައިވާއިރު، އެފަރުބަދަ ބަލާލުމުގެ ފުރުސަތުވެސް ޢުމްރާވެރިންނަށް ވަނީ ހުޅުވާލާފައެވެ.
ހިރާ ކަލްޗަރަލް ސެންޓަރުން ޤުރުއާނާއި ރަސޫލު ބޭކަލުންގެ އެތައް ވާހަކަތަކެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ