ކޮންޓްރެކްޓަރުންނާއެކު މަސައްކަތްކުރަން ސަރުކާރު އޮތީ ތައްޔާރަށް، ލުއި ދޭނަން: މުއްޠަލިބު

ކޮންޓްރެކްޓަރުންނާއި ޑިވެލޮޕަރުންނާއެކު ސަރުކާރުން މަސައްކަތްކުރަން ތައްޔާރުކަމަށާއި، ދެވެން އޮތް އެހީތެރިކަމެއް ސަރުކާރުން ދޭނެ ކަމަށް، ހައުސިން މިނިސްޓަރު ޑރ. ޢަބްދުالله މުއްޠަލިބު މިރޭ ވިދާޅުވެއްޖެއެވެ. ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން މިރޭ ވަނީ، ގައުމީ ބޭންކު ބީއެމްއެލުން ކުރިއަށް ގެންދާ "ބީއެމްއެލް އެފޯޑަބަލް ހައުސިން" މަޝްރޫއުގެ ތެރެއިން 1،224 ޔުނިޓުގެ މަސައްކަތް ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އާ ހަވާލުކޮށް، އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފައެވެ. އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މުއްޠަލިބު ވިދާޅުވީ، މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު ބައްޓަންކޮށްފައިވަނީ ނިކަމެތި، ބޯހިޔާވަހިކަމެއް ނެތް އާއިލާތަކަށް ޚާއްސަ އިސްކަމެއްދޭ ގޮތަށް ކަމަށެވެ. އެގޮތުން، ބީއެމްއެލްގެ އެފޯޑަބަލް ހައުސިން މަޝްރޫއަކީ ތަފާތު ވިސްނުމަކުން އައި ހައްލެއްގެ ތެރެއިން އުފަންވި މަޝްރޫއެއްގެ ގޮތުގައި މުއްޠަލިބު ސިފަކުރެއްވިއެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހައުސިން މިނިސްޓަރު ޑރ. ޢަބްދުالله މުއްޠަލިބާ ސަލާމްކުރައްވަނީ --- ފޮޓޯ: ރައީސް އޮފީސް އަމިއްލަ ބޯހިޔާވަހިކަމެއް ނެތް، އާއިލީ ބޯހިޔާވަހިކަމުގެ ޕްރޮގްރާމުގެ ޝަރުތުހަމަވާ ކޮންމެ ފަރާތަކަށްވެސް މި މަޝްރޫއުގެ ދަށުން ފުލެޓު ހޯދުމުގެ ފުރުސަތު އެބައޮތްކަން މުއްޠަލިބު ފާހަގަކުރެއްވިއެވެ. "އަޅުގަނޑު ބޭންކުތަކަށާއި ފައިނޭންޝަލް އިންސްޓިޓިއުޝަންތަކުގެ ކިބައިން މި އެދެނީ މިކަމުގައި ސަރުކާރާ ގުޅިގެން އިތުރު މަސައްކަތްތަކެއް ކުރުމަށް، އަދި ކޮންޓްރެކްޓަރުންނަށާއި ޑިވެލޮޕަރުންނަށް ދަންނަވާލަން އޮތީ ސަރުކާރުން މިއޮތީ ތިބޭފުޅުންނާއެކު މަސައްކަތްކުރަން ތައްޔާރަށޭ، ސަރުކާރުން ދެވެން އޮތް އެހީތެރިކަމާއި ލުއިތަކެއްދީގެން ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުމަށް ތައްޔާރަށޭ،" މުއްޠަލިބު ވިދާޅުވިއެވެ. މި ސަރުކާރަކީ ރައްޔިތުންގެ އަޑުއަހައި، ރައްޔިތުންގެ ވިސްނުމާ އެއްގޮތަށް މަސައްކަތްކުރާ ސަރުކާރެއް ކަމަށް މުއްޠަލިބު ވިދާޅުވިއެވެ. ބީއެމްއެލްގެ އެފޯޑަބަލް ހައުސިން މަޝްރޫއުގެ ތެރެއިން އިމާރާތްކުރާ 3،260 ފުލެޓުތައް ދޫކުރާނީ ބޯހިޔާވަހިކަމަށް އެންމެ ބޮޑަށް ބޭނުންވާ ފަރާތްތަކަށް، ވަކި މުއްދަތަކަށް ކުލި ދައްކައި ނިމުމުން ފުލެޓު މިލްކުކުރެވޭ އުސޫލުންނެވެ. މި މަޝްރޫއަކީ ރައްޔިތުންނަށް އަގުހެޔޮ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް މި ސަރުކާރުން ފެށި މަޝްރޫއުތަކުގެ ތެރެއިން އެންމެ މުހިންމު އެއް މަސައްކަތެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިން ކަނޑައަޅާފައިވާ ގަވާއިދުގެ ދަށުން، ރާއްޖޭގެ ކޮމާޝަލް ބޭންކުތަކުން ދޫކުރާ ޖުމްލަ ލޯނު ޕޯޓްފޯލިއޯގެ 10-15 ޕަސެންޓާ ދެމެދުގެ އަދަދެއް އެފޯޑަބަލް ހައުސިން އަށް ހާއްސަކުރަން ވަނީ ލާޒިމް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ