ވ. ފެލިދޫ ކައިރީގައި ހިނގި ލޯންޗު އެކްސިޑެންޓުގައި ލޯންޗު ދުއްވީ އިންޑިއާގެ ބިލިއަނަރު، ރޭމަންޑް ގްރޫޕްގެ ޗެއާމަން ގޯތަމް ސިންހާނިއާ ކަމަށާއި ލޯންޗުން ދަތުރުކުރި އެންމެންވެސް ތިބީ މަސްތުގެ ހާލަތުގައި ކަމަށް ވ. އަތޮޅު ކައުންސިލުން ބުނެފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު އެ އެކްސިޑެންޓު ހިނގި އިރު، އެ ލޯންޗުން ހަތް މީހަކު ދަތުރުކުރިއެވެ. އޭގެ ތެރެއިން އިންޑިއާއަށް ނިސްބަތްވާ ދެ މީހަކު ވަނީ ގެއްލިފައެވެ.
ވ. އަތޮޅު ކައުންސިލުގެ ރައީސް ޝުޖާއު އަލީ ވިދާޅުވީ އެމީހުން ރާއްޖެ އައިސްފައިވަނީ އިންޑިއާގެ ބިލިއަނަރު ގޯތަމް ސިންހާނިއާގެ ޔޮޓެއްގައި ކަމަށާއި އެކްސިޑެންޓުވި ލޯންޗަކީ ވެސް އެ ޔޮޓްގެ އުޅަނދެއް ކަމަށެވެ.
ޔޮޓްގެ އެހެން އުޅަނދަކުން ނަގައިގެން ފެލިދުއަށް ގެނައި އިރު، އެ އެންމެންވެސް ތިބީ މަސްތުގެ ހާލަތުގައިކަން ފާހަގަކުރެވިފައިވާ ކަމަށާއި އެކްސިޑެންޓުވި ލޯންޗު ދުއްވާފައިވަނީ ސިންހާނިއާ ކަމަށް ޝުޖާއު ވިދާޅުވިއެވެ.
ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ވ. ފެލިދޫ ކައިރީގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހިނގި ހާދިސާގައި ލޯންޗުގައި ތިބި އެންމެންނަށްވެސް އެކިވަރުގެ އަނިޔާތައް ލިބިފައިވާ އިރު، އެ މީހުންނަށް ފުރަތަމަ ފަރުވާ ދީފައިވަނީ ވ. އަތޮޅު ހޮސްޕިޓަލުގައި ކަމަށެވެ. އޭގެ ތެރެއިން ރަޝިއާގެ އަންހެނަކަށާއި އިންޑިއާގެ ފިރިހެނަކަށް މިހާރު ދަނީ ހުޅުމާލޭ ޓްރީ ޓޮޕް ހޮސްޕިޓަލުގައި އިތުރު ފަރުވާދެމުން ކަމަށް ފުލުހުން ބުންޏެވެ.
”އަދި މި ހާދިސާގައި އަތެއް ބުރިވެ، ސީރިއަސް އަނިޔާތަކެއް ލިބުނު އިންޑިއާގެ ފިރިހެނަކު، އިތުރު ފަރުވާ ހޯދުމަށްޓަކައި މިއަދުގެ ވަގުތެއްގައި ވަނީ އިންޑިއާއަށް ފުރައިފައެވެ..،“ ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ހާދިސާ ހިނގި ވަގުތު ލޯންޗުގައި ތިބި އިތުރު ދެ މީހަކު ފަރުވާއަށް އިއްޔެ ރާއްޖެއިން ފުރައިގެން އިންޑިއާއަށް ގޮސްފައިވާ ކަމަށާއި އެއީ އިންޑިއާއަށް ނިސްބަތްވާ ފިރިހެނަކާއި އިނގިރޭސިވިލާތަށް ނިސްބަތްވާ އަންހެނެއް ކަމަށެވެ.
އެ ހާދިސާ ހިނގިއިރު އެ އުޅަނދުގައި ޖުމުލަ ހަތް މީހުން ތިބި ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ އިނގިރޭސިވިލާތާއި ރަޝިޔާއަށް ނިސްބަތްވާ ދެ އަންހެނުންނާއި، އިންޑިއާއަށް ނިސްބަތްވާ ފަސް ފިރިހެނުން ކަމަށް ފުލުހުން ބުންޏެވެ.
”މި ހާދިސާގައި އުޅަނދުން ކަނޑަށް ވެއްޓިފައިވަނީ ފަސް މީހުންނެވެ. އެއީ ރަޝިޔާގެ އަންހެން މީހާގެ އިތުރުން އިންޑިއާއަށް ނިސްބަތްވާ ހަތަރު ފިރިހެނުންނެވެ..،“ ފުލުހުން ބުންޏެވެ.
ފުލުހުން އިތުރަށް ބުނީ އެ ހާދިސާގައި ކަނޑަށް ގެއްލުނު އިންޑިއާގެ ދެ މީހަކު ހޯދުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން އަދިވެސް ކުރަމުންދާ ކަމަށެވެ.
އެ ލޯންޗުން ދަތުރުކުރި މީހުންގެ ތެރޭގައި ގޯތަމް ސިންހާނިއާ ވެސް ދަތުރުކުރިއެވެ. އޭނާއަށް ވ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު ވަނީ ދޫކޮށްލައިފައެވެ.
ފުލުހުން ދަނީ އެ ހާދިސާ ތަހުގީގުކުރަމުންނެވެ.
ލޯންޗު ދުއްވީ އިންޑިއާގެ ބިލިއަނަރު، އެންމެން ވެސް ތިބީ މަސްތުގެ ހާލަތުގައި: ކައުންސިލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ