އީރާނުގެ ޔުރޭނިއަމް އަތުލައިގަތުމަށް އެމެރިކާއިން ހާއްސަ އޮޕަރޭޝަނެއް ހިންގަން ވިސްނަނީ

އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް ދާދި ފަހުން ދިން ހަމަލާތަކަށް ފަހު، އެ ގައުމުގައި ރައްކާކޮށްފައި ހުރި މަތީ ފެންވަރަށް މުއްސަނދިކޮށްފައިވާ ޔުރޭނިއަމް އެހެން ތަނަކަށް ބަދަލުކޮށްފާނެ ކަމުގެ ބިރު އޮތުމުން، އެ ތަކެތި އަތުލައިގަތުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސިފައިން ފޮނުވުމާ މެދު ވިސްނަވަމުންދާ ކަމަށް މިކަމުގެ މައުލޫމާތު ލިބިފައިވާ ޑިޕްލޮމެޓިކް މަސްދަރުތަކުން ބުނެފި އެވެ.
މިދިޔަ އަހަރު ހިނގި 12 ދުވަހުގެ ކުރިމަތިލުންތަކުގައި އެމެރިކާ އާއި އިޒްރޭލުން ވަނީ އީރާނުގެ މުހިންމު ނިއުކްލިއާ މަރުކަޒުތަކަށް އަމާޒުކޮށް ހަމަލާތަކެއް ދީފަ އެވެ. ނަމަވެސް، އީރާނުގެ ޔުރޭނިއަމް ހުރި ވަކި ތަނެއް މިހާރު ކަށަވަރު ނުވާއިރު، އދ.ގެ އިންސްޕެކްޓަރުންނަށް އެ ތަކެތި ބަލައި ފާސްކުރުމުގެ ފުރުސަތު ނުލިބޭތާ މިހާރު ގާތްގަނޑަކަށް ނުވަ މަސް ވެއްޖެ އެވެ.
އެއާ ފޯސް ވަންގައި ހުންނަވައި ވާހަކަ ދައްކަވަމުން ޓްރަމްޕް އިއްޔެ ވިދާޅުވީ، އެ ތަކެތި އަތުލައިގަތުމަށް އެމެރިކާއިން އަދި މަސައްކަތެއް ކޮށްފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތަނުގައި އެފަދަ ފިޔަވަޅެއް އެޅުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
"އެ މީހުންނަށް އެ ތަކެތި ހުރި ތަނާ ހަމައަށް ނުދެވޭ. ފަހަރުގައި އަހަރެމެން އެކަން ކޮށްފާނަން،" ޓްރަމްޕް ވިދާޅުވި އެވެ.
"އަދި އަހަރެމެން އެކަމާ ނޫޅެން. އެކަމަކު އެއީ ފަހުން ކުރެވިދާނެ ކަމެއް."
އޮފިޝަލުން ބުނާ ގޮތުގައި، އީރާނުގެ އަތުގައި 441 ކިލޯގްރާމްގެ މަތީ ފެންވަރަށް މުއްސަނދިކޮށްފައިވާ ޔުރޭނިއަމް އެބަހުއްޓެވެ. މިއީ އިތުރަށް ސާފުކޮށްފި ނަމަ، ގާތްގަނޑަކަށް 11 ނިއުކްލިއާ ހަތިޔާރު އުފެއްދޭނެ މިންވަރެކެވެ.
އެންމެ ފަހުން މި ތަކެތި ހުރި ކަމަށް ރެކޯޑު ކުރެވިފައިވަނީ އިސްފަހާން ކައިރީގަ އެވެ. ނަމަވެސް އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީގެ ރިޕޯޓުތަކާ ހަވާލާދީ ޑިޕްލޮމެޓުން ބުނާ ގޮތުގައި، ބިމުގެ އަޑީގައި ހަދާފައިވާ ބިންގަރާސްތަކެއްގެ ކައިރިން ފެނުނު ހަރަކާތްތަކަށް ބަލާއިރު، އެ ތަކެތީގެ ތެރެއިން ބައެއް މިހާރު ވަނީ އެހެން ތަނަކަށް ބަދަލުކޮށްފަ އެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި، އެމެރިކާ އާއި އިޒްރޭލުގެ އޮފިޝަލުން ދަނީ މި ޔުރޭނިއަމް ހުރި ތަނެއް ހޯދައި އެ ތަކެތި އަތުލައިގަތުމަށް ހިންގާނެ ހާއްސަ އޮޕަރޭޝަންތަކުގެ ރޭވުންތައް މުރާޖައާ ކުރަމުންނެވެ. އެމެރިކާގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، އެ ތަކެތި ހުރި ތަނެއް ކަށަވަރުވުމުން، އެ ތަނެއްގައި އެ ތަކެތި ނައްތާލުން ނުވަތަ އީރާނުން ބޭރަށް އެ ތަކެތި ގެންދިއުމުގެ ފުރުސަތު އެބައޮތެވެ.
ނަމަވެސް، އެއްގަމު މަގުން ސިފައިން ފޮނުވާނީ ވަރަށް ހާއްސަ ހާލަތްތަކެއްގައި ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
"ސިފައިން ފޮނުވާނީ ވަރަށް ވަރުގަދަ ސަބަބެއް އޮވެގެން،" އޭނާ ވިދާޅުވި އެވެ.
އެފަދަ ފިޔަވަޅެއް އަޅާނީ އީރާނުގެ އަސްކަރީ ގާބިލުކަން އެއްގަމު މަގުން ހަނގުރާމަ ނުކުރެވޭ ވަރަށް ބަލިކޮށްލުމަށް ފަހު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ