މި ރޯދަމަހު ވެސް ތިނަދޫގައި މުނިފޫހިފިލުވުމުގެ ހަރަކާތްތައް މަނާ
މި ރަމަޟާން މަހުގައި ވެސް ތިނަދޫ ސިޓީގައި މުނިފޫހިފިލުވުމުގެ ހަރަކާތްތައް އެ ރަށުގެ ކައުންސިލުން މަނާކޮށްފިއެވެ. މިކަމާ ގުޅުވާ އެރަށުގެ ކައުންސިލުން ނެރުނު އިއުލާނެއްގައި ވަނީ، މި އަހަރުގެ ރަމަޟާން މަހަކީ ވެސް ވީހާ ވެސް ބޮޑަކަށް އަޅުކަމަށް މަގުފަހިވެ، ރައްޔިތުންގެ މެދުގައި އިސްލާމީ ރިވެތި އާދަކާދައާއި އުސޫލުތައް އާލާވާން ފުރުސަތު ފަހިވާ ޚާއްސަ ދުވަސްތަކަކަށް ހެދޭތޯ ކައުންސިލުން އަދާކުރަންޖެހޭ ދައުރު އަދާކުރަން މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން ދުވާލުގެ ވަގުތު ވެސް، އަދި ޚާއްސަކޮށް ރޭގަނޑުގެ ވަގުތުތަކުގައި އެއްވެސް ބާވަތެއްގެ ކުޅިވަރު ހަރަކާތްތަކެއް ނުވަތަ މުނިފޫހި ފިލުވުމުގެ ޙަރަކާތްތަކެއް އެއްވެސް ބަޔަކު އެއްވެސް މިންވަރަކަށް ތިނަދޫ ސިޓީގައި އިންތިޒާމްކޮށް ނުހިންގުމަށް އެ ރަށުގެ ކައުންސިލުން ވަނީ އެދިފައެވެ. ކައުންސިލުން ވަނީ ކްލަބު ޖަމިއްޔާ، ޖަމާޢަތްތަކަށް ނުވަތަ އިޖުތިމާޢީ ޙަރަކާތްތައް ހިންގުމަށް ޚާއްސަކޮށްގެން ކައުންސިލުން ދޫކޮށްފައިވާ ބިންބިމާއި ޢިމާރާތްތައް ނޫން ތަންތަނުގައި ވެސް ކުޅިވަރާއި މުނިފޫހި ފިލުވުމުގެ ހަރާކާތްތައް އާއްމުކޮށް ހުޅުވާލައިގެން ނުވަތަ އެ ނޫންގޮތަކަށް ވިޔަސް ނުބޭއްވުމަށް އެދިފައެވެ. އަދި މީގެ އިތުރުން ކުޅިވަރާއި މުނިފޫހި ފިލުވުމަށް ނުފެތޭ ރަސްމީ ހަރަކާތްތަކެއްވިޔަސް ކޮންމެހެން ހިންގަން ޖެހޭ ޙާލަތެއް މެދުވެރިވެގެން މެނުވީ ދުވާލު ނުވަތަ ރޭގަނޑު ވިޔަސް ނުބޭއްވުމަށް އެދިފައިވެއެވެ. އަދި ރަމަޟާން މަހާ ގުޅުންހުރި ޙަރަކާތެއް ރޭވިކަމުގައިވިޔަސް އެކަމެއް ދުރާލާ ރާވައި، ގުޅުންހުރި ހުރިހާ ފަރާތްތަކަށް އަންގައި، އަޅުކަމުގެ ވަގުތުތަކަށް ދަތިނުވާނެހެން، އަދި ރައްޔިތުންނަށް ބުރަޔަކަށް ނުވާނެހެން ވަގުތު ދިގުލައި ނުދާނެހެން އިންތިޒާމް ކުރުމަށް ކައުންސިލުން ވަނީ އެދިފައެވެ. ތިނަދޫ ސިޓީ ކައުންސިލުން ވަނީ އޮފީސްތަކުން ދީނީ ޙަރަކާތްތައް އިންތިޒާމް ކުރިކަމުގައިވިޔަސް، އެ އިދާރާއަށް އެ ކަންކަމުގެ މަޢުލޫމާތު ދުރާލައި ޙިއްސާ ކުރުމަށް އަންގާފައެވެ. އަދި ކައުންސިލުން އަންގާފައިވާ ގޮތާ އެއްގޮތަށް އެއްމެންގެ ވިސްނުން ބެހެއްޓުމަށާއި، ކަސްރަތާއި ސިއްހީ ބޭނުންތަކަށް، ޙަރަކާތްތެރިވާ ފަރާތްކަށް މަގުފަހިކޮށްދިނުމަށް ޓަކައި ރަށުގައި ގާއިމުކުރެވިފައިވާ ކުޅިވަރު މައިދާންތަކާއި، ދަނޑުތަކާއި، ޓްރެކްތައް ފަދަ ތަންތަން ދުވާލާއި ރޭގަނޑުގެ ކަނޑައެޅޭ ވަގުތު ތަކުގައި އާއްމުކޮށް ހުޅުވާފައި ބެހެއްޓޭނެ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ. މީގެތެރެއިން ކައުންސިލްގެ ބެލުމުގެ ދަށުގައިހުރި ތަންތަނުގެ ތެރެއިން ވަގުތު ކަނޑައެޅިގެން ހުޅުވާފައި ބެހެއްޓޭ ތަންތަނުގެ މަޢުލޫމާތު ވަކީން ޢާއްމުކޮށް އިޢުލާނު ކުރަމުންދާނެ ކަމަށް ވެސް ކައުންސިލުން ވަނީ ބުނެފައެވެ. ކައުންސިލުން ވަނީ ކައުންސިލަށް އެއްބާރުލުން ނުދޭ ފަރާތްތަކާއި، ޤަޞްތުގައި އެ އުޞޫލުތަކާއި ޚިލާފަށް އަމަލުތައް ބަހައްޓާ ފަރާތްތަކަށް އެއިން އެއްވެސް ކަމެއްގައި ކައުންސިލްގެ އެއްބާރުލުން ނުލިބޭނެ ކަމަށް ބުނެފައެވެ. އަދި އެ ކަންކަމާއި ޚިލާފަށް ޢަމަލުތައް ބަހައްޓާ ފަރާތްތަކާމެދު ފިޔަވަޅު އަޅަން ޖެހޭ ޙާލަތުގައި ކައުންސިލުން ފިޔަވަޅު ވެސް އަޅަމުންގެންދާނެ ކަމަށް ތިނަދޫ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ