ޖަވާބު ފޯރުކޮށްނުދީ، އައިކޮމްގެ އަޑުއެހުމަށް ހާޒިރުނުވުމުން އިސްލާމިކް މިިނިސްޓްރީ ޖޫރިމަނާކޮށްފި

މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ގާނޫނުގެ ދަށުން އިސްލާމިކް މިނިސްޓްރީން މައުލޫމާތު ހޯދުމަށް އެދުނު ދެ ހުށަހެޅުމެއްގެ މައްސަލާގައި އިންފޮމޭޝަން ކޮމިޝަން (އައިކޮމް)ގެ އަޑުއެހުމަކަށް ހާޒިރުނުވުމުން އިސްލާމިކް މިނިސްޓްރީ ޖޫރިމަނާކޮށްފި އެވެ.
ވީކިހިނެއް؟ - އައިކޮމް އިން މިއަދު ނެރުނު ބަޔާނެއްގައިވާ ގޮތުން، އެއީ އިސްލާމިކް މިނިސްޓްރީން ދެ ހުށަހެޅުމަށް ވެސް އެއްވެސް ޖަވާބެއް ނުލިބުމުން އައިކޮމް އިން ބަލަން ފެށި މައްސަލައެކެވެ.
ތަފްސީލް - މި މައްސަލާގައި އިސްލާމިކް މިނިސްޓްރީ ޖޫރިމަނާކުރީ 700ރ. އިންނެވެ.
އެންމެ ފުރަތަމަ އަޑުއެހުމެއް ތާވަލުކުރީ މި މަހުގެ 3 ވަނަ ދުވަހަށެވެ. އެ ދުވަހު އިސްލާމިކް މިިނިސްޓްރީން އަޑުއެހުން ފަސްކުރަން އެދުމުން އިއްޔެއަށް އަޑުއެހުން ފަސްކުރި އެވެ. އިއްޔެގެ އަޑުއެހުން މިއަދަށް ފަސްކުރީ މިނިސްޓްރީން އެދިގެނެވެ.
އައިކޮމް އިން ބުނި ގޮތުގައި، މިއަދުގެ އަޑުއެހުން ތާވަލުކުރި ވަގުތު ޖެހުމުން ވެސް އިސްލާމިކް މިނިސްޓްރީން އަޑުއެހުމުގައި ބައިވެރިވެފައެއް ނުވެ އެވެ. މިއަދު އަޑުއެހުމުގައި ބައިވެރިނުވެވޭނެކަން ވެސް މިނިސްޓްރީން އަންގާފައިނުވާ ކަމަށް އައިކޮމް އިން ބުންޏެވެ.
މިނިސްޓްރީގެ އެ އަމަލަކީ އައިކޮމްގެ ވާޖިބުތައް އަދާކުރުމަށް ހުރަސްއެޅުން ކަމުގައި ގަބޫލުކުރާކަމަށް އައިކޮމް އިން ބުންޏެވެ.
އެ އޮފީހުން އަންގާ ތާރީހުތަކުގައި އަޑުއެހުމަށް ހާޒިރުނުވެވޭ ފަރާތްތަކުން މަދުވެގެން އެއް ގަޑިއިރު ކުރިން އަންގަން ޖެހޭނެކަން މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ގަވާއިދުގައި ބަޔާންކުރާކަން ވެސް އައިކޮމް ފާހަގަކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ