"ގޭސް ސްޓޮކް ލިބޭނެ އިރެއް ވެސް ނޭނގެ، މޯލްޑިވް ގޭހުގެ ބާރެއް ނެތް"
ރާއްޖެއަށް ގޭސް އެތެރެކުރާ ސަރުކާރު ކުންފުނި މޯލްޑިވް ގޭސްއިން ގޭސް އޯޑަރު ކުރުމުން، ގޭސް ލިބުން އާދަޔާ ޚިލާފަށް ލަސްވާކަމުގެ ޝަކުވާ ކަސްޓަމަރުން ކުރަމުން އަންނަނިކޮށް، އެއީ ކުންފުނީގެ އެއްވެސް ބާރެއް އޮތް ކަމެއް ނޫން ކަމަށާއި އެއީ އެސްޓީއޯއިން ގޭސް ސަޕްލައިކުރުން ލަސްވާތީ ދިމާވާ ކަމެއް ކަަމަށް މޯލްޑިވް ގޭހުގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވެއްޖެއެވެ. ނަން ނުޖަހަން ޝަރުތުކޮށް "ސަން"އަށް މައުލޫމާތު ދިން މޯލްޑިވް ގޭހުގެ މުވައްޒަފުންތަކެއް މީގެ ކުރިން ބުނީ އެ ކުންފުނީގެ ސްޓޮކް ހުސްވެފައި ހުންނަތާ މިހާރު ގިނަ ދުވަސްތަކެއްވެއްޖެ ކަމަށެވެ. އަދި މިހާރު ކަސްޓަމަރުންނަށް ގޭސް ފޯރުކޮށްދެނީ ތިލަފުށީގައި ބޮޑު ސްޓޯރޭޖެއް ހުންނަ އަމިއްލަ ކުންފުންޏެއް ކަމަށްވާ ވިލާ ގޭހުން ގަނެގެން ކަމަށް އެ މުވައްޒަފުން ބުނެއެވެ. މި މައްސަލައާ ގުޅިގެން މޯލްޑިވް ގޭސްގެ އިސް އޮފިޝަލަކު މިއަދު "ސަން"އަށް ވިދާޅުވީ، ކުންފުންޏަށް ގޭސް ގަތުމުގެ ހުރިހާ މުއާމަލާތެއް މިހާރު ހިންގަނީ އެސްޓީއޯއިން ކަމަށެވެ. އެނގިފައިވާ ގޮތުގައި ގޭސް ގަތުމުގައި ޕްރޮކިއުމަންޓުގެ ހުރިހާ މަސައްކަތެއް އެސްޓީއޯއިން ކުރާ ގޮތަށް ހަމަޖެއްސީ މޯލްޑިވް ގޭހާ ގުޅޭ ކޮރަޕްޝަންގެ މައްސަލަތަކެއް ފާހަގަވި ހިސާބުންނެވެ. އެހެންކަމުން އޮފިޝަލް ވިދާޅުވި ގޮތުގައި ގޭސް ގަންނަން 'ރިކުއެސްޓް ފޯ ކޯޓޭޝަން' އެސްޓީއޯއަށް ހުށަހެޅުމުން ގޭސް ގަންނަ ތަނަކާއި ގަންނަ އަގު ވެސް މިހާރު ނިންމަނީ އެސްޓީއޯއިން ކަމަށެވެ. https://sun.mv/217706އޮފިޝަލް އިތުރަށް ހާމަކުރެއްވި ގޮތުގައި، އެސްޓީއޯއިން މިހާރު ގޭސް ގަންނަނީ ވިލާ ގޭސް މެދުވެރިކޮށް ވަރަށް ބޮޑު އަގުގައެވެ. އަދި ވިލާއަށް ފައިސާ ދައްކަން ޖެހެނީ ޑޮލަރުން ކަމަށްވުމާއެކު، ބޭންކް ރޭޓުގައި ޑޮލަރު ހޯދައިގެން މި މުއާމަލާތް ކުރުމަކީ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު މާލީ ގެއްލުމެއްކަން ފާހަގަކުރެއްވިއެވެ. ގޭހުގެ ސަޕްލައި މައްސަލަ ދިމާވެގެން އުޅެނީ އެސްޓީއޯގެ އިހުމާލުން ކަމަށް ފާހަގަކުރައްވައި އޮފިޝަލް ވިދާޅުވީ، މިއީ ކުންފުނީގެ ތާރީޚުގައި ވެސް ގޭސް ހުސްވެ މިފަދަ މައްސަލައެއް މިހާ ދިގުލައިގެން ދިޔަ ފުރަތަމަ ފަހަރު ކަމަށެވެ. މީގެ ކުރިން މިފަދަ ކަމެއް ދިމާވި ނަމަވެސް އެންމެ ގިނަވެގެން ދެތިން ދުވަސް ތެރޭގައި ހައްލުވާ ކަމަށް އޭނާ ވިދާޅުވިއެވެ. ޑެލިވަރީ ފަދަ އާންމު އޮޕަރޭޝަންތަކަށް ތައްޔާރުވާ ގޮތުގެ ތަފްސީލް ދެއްވަމުން އޭނާ ވިދާޅުވީ މާލޭ ސަރަހައްދުގައި ގޭސް ރައްކާކުރާނެ ޖާގަ މަދުވުމުގެ ސަބަބުން، އާންމުކޮށް އަމަލުކުރާ އުސޫލަކީ ޖެހިގެން އަންނަ ދުވަހަށް ބޭނުންވާ މިންވަރު ބަލައި، އޭގެ ކުރީ ދުވަހު ގޭސް މާލެ ގެނެސް ތައްޔާރު ކުރުމެވެ. "މިހާރު މި ކަން އަބަދުވެސް ކުރާ ބަޔަކަށް ވީމާ އެނގޭނެތާ އެ ދުވަހަކަށް އާންމުކޮށް ގޭސް ފުޅި ގަންނަ އަދަދުތައް. އެހެންވީމާ މިއަދަކީ ހޯމަ ނަމަ، އަންގާރައަށް ބޭނުންވާ މިންވަރަށް ތައްޔާރުކޮށް އަންގާރައަށް ގެންދާނެ،" އޮފިޝަލް ވިދާޅުވިއެވެ. ނަމަވެސް، އެސްޓީއޯއިން ގޭސް އެތެރެނުކުރެވި، ސަޕްލައި ނުލިބުމުން މިހާރު ކުންފުނީގެ ސްޓޮކް ހުސްވެފައި ހުރުމާއި، ވިލާ ގޭހަށް ބަރޯސާވާން ޖެހުމުން ޑެލިވަރީގެ އެއްވެސް ކޮންޓްރޯލެއް މޯލްޑިވް ގޭހުގެ އަތުގައި ނެތް ކަމަށް އޮފިޝަލް ވިދާޅުވިއެވެ. ގޭސް ލިބެނީ ވިލާއިން ދޫކުރި އިރަކުން ކަމަށްވާތީ، ކަސްޓަމަރުންނަށް ގޭސް ފޯރުކޮށްދިނުން ލަސްވަނީ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ. މީގެ އިތުރުން ކުރިއަށް އޮތީ ރަމަޟާން މަސް ކަމަށްވާއިރު، ކުންފުންޏަށް އަމިއްލަ ގޭސް ޝިޕްމަންޓެއް ލިބޭނެ ދުވަހެއް އަދިވެސް ނޭނގޭ ކަމަށް އޮފިޝަލް ވިދާޅުވިއެވެ. މިކަމުގައި މޯލްޑިވް ގޭހަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށާއި، ހުރިހާ ބާރެއް އޮތީ އެސްޓީއޯގެ އަތްމަތީގައި ކަމަށް ބުނެ އޮފިޝަލް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. https://sun.mv/204601 މިކަންބޮޑުވުންތަކާ ގުޅޭގޮތުން ވޭތުވެދިޔަ ދެ ދުވަހު ވެސް އެސްޓީއޯގެ ބަހެއް ހޯދާލުމަށް މި ނޫހުން ވާނީ މަސައްކަތް ކޮށްފައެވެ. އެކަމަކު ރަސްމީ ބަހެއް ލިބޭގޮތެއް އަދި ނުވެއެވެ. މީގެ ކުރިން މޯލްޑިވް ގޭހާ ގުޅުން ހުރި ކޮރަޕްޝަނުގެ މައްސަލަތަކެއް ފެންމަތިވެފައިވެއެވެ. އެގޮތުން، އޮކްޓޯބަރު 2024ގައި އޯޑަރުކުރި އަށްލައްކަ ޑޮލަރުގެ ގޭސް ޝިޕްމަންޓްގެ ތެރެއިން އެޑްވާންސްގެ ގޮތުގައި ދެއްކި 250،000 އެއްހާ ޑޮލަރު "ގެއްލުނު" މައްސަލައެއް ބަލަމުން އަންނަކަން މިދިޔަ އޭޕްރިލް މަހު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ވަނީ ބުނެފައެވެ. މޯލްޑިވް ގޭސްއަކީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެވެ. އެ ކުންފުންޏަށް މީގެ ކުރިން ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކެއް ކުރެވިފައިވެއެވެ. އެގޮތުން، މިދިޔަ އެމްޑީޕީ ސަރުކާރުގައި ވެސް އެ ކުންފުނީގެ ވެރިންނަށް ތިއްބެވި ބޭފުޅުން ކޮރަޕްޝަން ހިންގި ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއް ފެންމަތިވުމާ އެކު އެކަން ބަލަން ފެށިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ