ތިން ކިލޯގެ ޑުރަގާއެކު، ދިވެއްސަކާއި ބިދޭސީ މުވައްޒަފަކު ހައްޔަރަށް
ތިން ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު، ދިވެއްސަކާއި އޭނާގެ ބިދޭސީ މުވައްޒަފު މިދިޔަ ހުކުރު ދުވަހު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ، ތިން ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކުރީ މަސްތުވާތަކެތި ގެންގުޅެ، އޭގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. ހުކުރު ދުވަހު ހިންގި މި އޮޕަރޭޝަނުގައި ދެ އުޅަނދެއް ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތިން ކިލޯއަށް ވުރެ ގިނަ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. މި މައްސަލައިގައި ހައްޔަރުކުރީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ، އުމުރުން 36 އަހަރުގެ ޙަނީފާއި، ގއ. މާމެންދޫ، ފިޔާތޮށިވިލާ، އުމުރުން 28 އަހަރުގެ އަޒުހަދު ނަސީމެވެ. މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޙަނީފް ފަސް ދުވަހަށް، އަދި އަޒުހަދު 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. ދެ މީހުންގެ ތެރެއިން އަޒުހަދުގެ ބަންދު އަމުރުގައިވާ ގޮތުން ޙަނީފަކީ އަޒުހަދުގެ މުވައްޒަފެކެވެ. ވަކިވަކިން ނެރުނު އަމުރުތަކުގައިވާ ގޮތުން، މައްސަލައާ ގުޅޭ އިތުރު ހެކި މަސްތުވާތަކެތި އަތުލައިގަތް ސަރަހައްދުން ފެނިފައިވެއެވެ. ފުލުހުން ބުނީ، މި މައްސަލަ އިތުރަށް ތަހްގީގުކުރަމުން އަންނަ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ