ބުރު ބަލިކޮށް އޮޑިން ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލަށް ބުރު ބަލިކޮށް އޮޑިން ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލަށް

ސެމީ ފައިނަލް ދެ ވަނަ މެޗުގައި ބުރު ސްޕޯޓްސް ކްލަބް 2-0 އިން ބަލިކޮށް، އޮޑި ސްޕޯޓްސް ކްލަބުން ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގެ ދެ ވަަނަ ޖާގަ ހޯދައިފި އެވެ.
އޮޑިން އެ ކްލަބްގެ ތާރީހުގައި ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ފުރަތަމަ އަހަރު މި ވަނީ ދެ މުބާރާތެއްގެ ފައިނަލަށް ދަތުރުކޮށްފަ އެވެ. އެ ގޮތުން، މެއި މަހު ކުރިއަށްދިޔަ އެފްއޭއެމް ލީގު ކަޕްގައި ވެސް އޮޑިން ފައިނަލުގައި ކުޅުނުއިރު، އެ ޓީމުން ދިވެހި ޕްރިމިއާ ލީގުގައި ވަނީ ދެ ވަނައިގައި ނިންމައިފަ އެވެ. ޕްރެޒިޑެންޓްސް ކަޕް ފައިނަލުގައި ކުޅޭނީ، ލީގު ކަޕް ފައިނަލާއި ދިވެހި ޕްރިމިއާ ލީގު ތަށި ހޯދަން އޮޑި އަށް ވުރެން ކުރިހޯދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށެެވެ.
ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އޮޑިން ރަނގަޅަށް ބޯޅަ ހިފަހައްޓައި ގޯލެއް ޖެހޭތޯ މަސައްކަތްކުރި އެވެ. އެ ގޮތުން، ފުރަތަމަ ހާފުގައި އޮޑީގެ އަހުޒަމް ރަޝީދު (އަހު) ޖެހި ޝޮޓެއް ބުރުގެ ކީޕަރު ހަސަން އަލީފް އިބްރާހިމް ވަނީ މަތަކޮށްފަ އެވެ. އަދި، އޮޑީގެ އިނގިރޭސި ފޯވާޑް، ކިއާނޫ މާޝް-ބްރައުން ފޮނުވާލި ބޯޅައެއް ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.
ފުރަތަމަ ހާފުގައި އޮޑިން ރަނގަޅަށް ޑިފެންސްކުރިިއިރު، ބުރަށް ރަނގަޅު ހަމަލާތަކެއް ފޮނުވައެއްނުލެވުނެވެ. ފުރަތަމަ ހާފު ނިންމާލި ގޮތަށް އޮޑިން ވަނީ ދެ ވަނަ ހާފު ފަށައިގެން ވެސް ރަނގަޅަށް އެޓޭކްތަކެއް ކޮށްފަ އެވެ. އެ ގޮތުން، އަހު ފޮނުވާލި ބޯޅައެއް ކީޕަރު އަލީފް ވަނީ މަތަކޮށްފަ އެވެ.
އޮޑިން ލީޑުނެގީ 51 ވަނަ މިނިޓްގަ އެވެ. މިއީ، އަހުމަދު އައިހަމް (އައިހު) ނެގި ހުރަހަކަށް އަރައި ވެއްޓިގެންފައި، އޮޑީގެ މިސްރު ޑިފެންޑަރު، އިސްލާމް ފެކްރީ ބޮލުން ފޮނުވާލި ބޯޅައަކުން ކާމިޔާބުކުރި ގޯލެކެވެ.
އޭގެ ފަހުން ބުރުން އެޓޭކަށް ޖެހިގެން ގޯލެއް ޖެހޭތޯ ބަލަމުންދިޔަ އެވެ. އެކަމަކު، މެޗުގެ 62 ވަނަ މިނިޓްގައި އޮޑިން ލީޑުފުޅާކޮށް ހަމަޖެހިލި އެވެ. މިއީ، އޭރިއާތެރެއިން ލިބުނު ފުރުސަތަކުން ހަމަޖެހިލައިފައި ގޯލަށް ބޯޅަ ފޮނުވާލައިގެން އަހު ކާމިޔާބުކުރި ގޯލެކެވެ. އަދި، މެޗުގެ 73 ވަނަ މިނިޓްގައި ހާފުގެ މެދެެއްހާ ހިސާބުން އަހު ފޮނުވާލި ބާރު ހަަަމަލާއެއް އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ،
މެޗުގެ 80 ވަނަ މިނިޓްގައި އޭރިއާތެރެއިން ފުންމައިގެން އަރައި، ބުރުގެ މުހައްމަދު ނާއިމް ބޮލުން ޖެހޭތޯ މަސައްކަތްކުރި ބޯޅަ ރަނގަޅަށް ފޮނުވާލެވޭ ގޮތެއްނުވި އެވެ. އޭގެ ފަހުން، ގްރީން ސްޓްރީޓްސްގެ އަބްދުﷲ ޔާމީން (ޔާނު) ހިލޭޖެހުމަކުން ފޮނުވާލި ބޯޅަ ކީޕަރު މުހައްމަަދު ޝަފީއު (ޗެކް) ވަނީ މަތަކޮށްފަ އެވެ.
ބަދަލަކަށް ކުޅެން އަރަައި، މެޗުގެ އިތުރު ވަގުތުގެ ތެރޭގައި އޮޑީގެ އަޔާޒް އަހުމަދު (އަޔާ) ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.
މާޒިޔާ އާއި އޮޑިން ކުޅޭ ޕްރެޒިޑެންޓްސް ކަޕް ފައިނަލް މެޗު އޮންނާނީ އަންގާރަ ދުވަހުގެރޭގަ އެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ