މެޑްރިޑް (ފެބްރުއަރީ 22) - ސްޕެނިޝް ލީގުގައި މިރޭ އެއް ވަނައިގައި ލީޑުފުޅާކުރަން ނުކުތް ރެއާލް މެޑްރިޑްގެ މައްޗަށް ފަހު ވަގުތު 2-1 އިން އޮސަސޫނާ އިން ކުރިހޯދައިފި އެވެ.
އޮސަސޫނާ އަތުން ކުރިހޯދައިގެން ރެއާލަށް ލީގުގެ އެއް ވަނައިގައި ފަސް ޕޮއިންޓަށް ލީޑުފުޅާކުރެވެން އޮތެވެ. އެކަމަކު، ދެ ވަނައިގައި އޮތް ބާސެލޯނާ އަށް ވުރެން އެއް މެޗު އިތުރަށް ކުޅެެގެން ރެއާލުން އެއް ވަނައިގައި އޮތީ ދެ ވަނައިގައި އޮތް ބާސެލޯނާ އަށް ވުރެން ދެ ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ. ރެއާލަށް 25 މެޗުން 60 ޕޮއިންޓް ލިބިފައިވާއިރު، ބާސެލޯނާ އަށް 24 މެޗުން ވަނީ 58 ޕޮއިންޓް ލިބިފަ އެވެ.
ބާސެލޯނާ އިން ލެވަންޓޭ އަތުން މޮޅުވެ، ލީގުގެ އެއް ވަނަ އަށް އެރުމުގެ ފުރުސަތު އޮތީ ފަހިވެފަ އެވެ.
އަމިއްލަ ދަނޑުގައި ކުޅުނު އޮސަސޫނާ އިން 38 ވަނަ މިނިޓްގައި ލީޑުނެގީ އަންޓޭ ބުޑިމީއާ ޖެހި ޕެނަލްޓީންނެވެ. މިއީ، ރެއާލްގެ ކީޕަރު، ތިބައު ކޯޓުއާ، އެ ޓީމުގެ އޭރިއާތެރެއިން ބުޑިމިއާ އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ. އެންމެ ފުރަތަމަ ޕެނަލްޓީ ނުދޭން ނިންމި ނަމަވެސް ފަހުން، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން އަންގައިގެން، މޮނީޓަރުން ބަލައިގެން، ނިންމީ ޕެނަލްޓީ ދިނުމަށެވެ.
ނަތީޖާ ހަމަހަމަކުރަން ރެއާލުން ކުރި މަސައްކަތް 73 ވަނަ މިނިޓްގައި ކާމިޔާބުކުރިއިރު، މި ލަނޑު ޖެހީ ފެޑެރީކޯ ވަލްވޭޑޭ ދިން ބޯޅައަކުން ވިނީޝިއުސް ޖޫނިއާ އެވެ. މިއީ، މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހުން، ރަށުންބޭރުގައި ސްޕެނިޝް ލީގުގައި ވިނީޝިއުސްގެ ފުރަތަމަ ލަނޑެވެ.
މެޗު އެއްވަރުވެެން ނިމެން ދަނިކޮށް، އިތުރު ވަގުތުގައި އޮސަސޫނާ މޮޅުވި ލަނޑު ޖެހީ ރައުލް ގާސިއާ އެވެ. މިއާ އެކު، 2011 ވަނަ އަހަރުގެ ފަހުން ސްޕެނިޝް ލީގުގައި ފުރަތަމަ ފަހަރަށް އޮސަސޫނާ އިން ރެއާލް އަތުން މޮޅެއް ހޯދިއިރު، ސްޕެނިޝް ލީގުގައި އަލްވާރޯ އާބެލޯއާގެ ކޯޗުކަމުގައި ރެއާލުން ކުޅުނު ހަ މެޗުގެ ތެރެއިން ފުރަތަމަ ފަަހަރަށް ވަނީ ބަލިވެފަ އެވެ.
އޮސަސޫނާ އިން ފަހު ވަގުތު ރެއާލް ބަލިކޮށްފި އޮސަސޫނާ އިން ފަހު ވަގުތު ރެއާލް ބަލިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ