ޕްލާސްޓިކް ފުޅި އަލުން ބޭނުންކުރުމުގެ ނުރައްކާ! ޕްލާސްޓިކް ފުޅި އަލުން ބޭނުންކުރުމުގެ ނުރައްކާ!

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ފުޅި، ދޮވެގެން އަލުން ފެންބޯން ނުވަތަ ކާބޯތަކެތި އެޅުމަށް ބޭނުންކުރުމަކީ އާދައެކެވެ. ތިމާވެއްޓަށް ފައިދާހުރި "ރީޔޫސް" ކުރުމުގެ އަމަލެއްގެ ގޮތުގައި މިކަން ފެނުނު ކަމުގައިވިޔަސް، ސިއްހީ ނަޒަރަކުން ބަލާއިރު މިއީ ހަށިގަނޑަށް ބޮޑު ނުރައްކަލެކެވެ. އެހެންވެ، މިފަދަ އަމަލުތައް ނުކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވެސް ވަނީ އިލްތިމާސްކޮށްފައެވެ.
މި ރޯދަ މަހު މާރުކޭޓުން ފެންނަ މަންޒަރަކަށް ބަލާލަމާ ހިނގާށެވެ. ފެން ހުސްކުރި 1.5 ލީޓަރުގެ ޕްލާސްޓިކް ފުޅިއަށް ކުރުނބާ ފެން އަޅައިގެން ވިއްކާއިރު، އޭގެ ސާފުތާހިރުކަމާއި ރައްކާތެރިކަމާ މެދު ސުވާލު އުފެދެއެވެ. މިފަދަ ފުޅިތަކަކީ އެއްފަހަރު ބޭނުންކުރަން އުފައްދާފައިވާ އެއްޗެހި ކަމުން، ތަކުރާރުކޮށް ބޭނުންކުރުމަކީ ސިއްހަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭ ކަމެކެވެ.
ގިނަ ޕްލާސްޓިކް ފުޅިތައް ހަދާފައި ހުންނަނީ ޕޮލިއެތްލީން ޕެރެފަތަލާއިންނެވެ. މި ބާވަތުގެ ޕްލާސްޓިކް ތަކުރާރުކޮށް ބޭނުންކުރުމުން ނުވަތަ ހޫނުވުމުން (މިސާލަކަށް އަވީގައި ނުވަތަ ކާރުތެރޭގައި ބޭއްވުމުން) އޭގައި ހިމެނޭ އެންޓިމޮނީ ފަދަ މާއްދާތައް ފެނުގެ ތެރެއަށް ދެއެވެ.
މީގެ އިތުރުން، އެންމެ ކަންބޮޑުވާންޖެހޭ އެއް މާއްދާއަކީ ބިސްފެނޯލް އޭ އެވެ. ބައެއް ފުޅިތަކުގައި އެ މައްދާ ނުހިމެނޭ ކަމަށް ބުނި ކަމުގައިވިޔަސް، އޭގެ ބަދަލުގައި ބޭނުންކުރާ ބީޕީއެސް ފަދަ މާއްދާތަކަކީވެސް ހަށިގަނޑުގެ ހޯމޯންތަކަށް ބަދަލުތައް ގެނުވާ އެއްޗެހިކަން ދިރާސާތަކުން ދައްކައެވެ. މީގެ ސަބަބުން ދަރިމައިވުމުގެ މައްސަލަތަކާއި، ހަކުރު ބައްޔާއި، ބައެއް ކަހަލަ ކެންސަރަށް މަގުފަހިވެއެވެ.
ޕްލާސްޓިކް ފުޅިއަކީ ބޭނުންކުރާ ވަރަކަށް އޭގައި ވަރަށް ފަސޭހައިން ކުދިކުދި ރެނދުލާ އެއްޗެކެވެ. ފުޅި ދޮންނައިރު ނުވަތަ ބޭނުންކުރާއިރު އުފެދޭ މި ކުދިކުދި ރެނދުތަކުގެ ތެރޭގައި ބެކްޓީރިއާ އާލާވެ، "ބަޔޯފިލްމް" އުފެދެއެވެ. ދިރާސާއަކުން ދައްކާގޮތުގައި، ގިނަ ދުވަހު ދޮވެގެން ބޭނުންކުރާ ޕްލާސްޓިކް ފުޅިއެއްގައި ހުންނަ ބެކްޓީރިއާގެ މިންވަރު، އާންމުކޮށް ކުއްތާ ކާން ބޭނުންކުރާ ތަށްޓެއްގައި ހުންނަ ބެކްޓީރިއާއަށްވުރެ ވެސް ގިނަވެދާނެއެވެ.
ޕްލާސްޓިކް ފުޅި ބޭނުންކުރާ ވަރަކަށް އޭގެ ބާރުދެރަވެ، ލޮލަށް ނުފެންނަ ކުދިކުދި ޕްލާސްޓިކް ކޮޅުތައް ފެނުގެ ތެރެއަށް ދެއެވެ. މިއީ ދިގު މުއްދަތުގައި ގޮހޮރަށާއި، ދިފާއީ ނިޒާމަށް އަދި ލޭގެ ދައުރުވުމަށް ނޭދެވޭ އަސަރުކުރާ ކަމެކެވެ.
ކޮންމެ ޕްލާސްޓިކް އެއްޗެއްގެ ފުލުގައިވާ ތިނެސްކުގެ ތެރޭގައި ނަންބަރެއް ޖަހާފައި ހުންނާނެއެވެ. މިއީ އެ ޕްލާސްޓިކެއްގެ ރައްކާތެރިކަން ދެނެގަންނަން އޮތް އެންމެ ފަސޭހަ މަގެވެ.
ޕްލާސްޓިކް ފުޅީގެ ބަދަލުގައި ރައްކާތެރި ގޮތަކީ ފެންވަރު ރަނގަޅު ސްޓީލް ނުވަތަ ބިއްލޫރި ފުޅި ބޭނުންކުރުމެވެ.
މައުލޫމާތު: https://www.webmd.com/
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ