ރޯދަމަހު އެކަނިި ޖަމާއަތަށް ދާތީ މަލާމާތްކުރެވިދާނެތަ؟

ސޯޝަލް މީޑިއާގައި އެކަކު، ބައެއް ދިވެހިން ސިފަކުރީ 'ރަމަޑާން މުސްލިމުންނާ'އި 'ފްރައިޑޭ މުސްލިމުން'ގެ ގޮތަށެވެ.
އޭނާގެ މަލާމާތުގެ އެ ބަސް އެ ރައްދުކުރީ ރޯދަމަހު ނަމާދުގެ ޖަމާއަތަށް އަރާ މީހުން ގިނަވުމާއި ހުކުރު ނަމާދަށް ދާ މީހުންތަކުން މިސްކިތްތައް ފުރޭތީ، އެކަމާ އެވެ.
އެ ޕޯސްޓުން އެނގެނީ އޭނާއަކީ ގަވާއިދުން މިސްކިތަށް ނުވަތަ ޖަމާއަތަށް އަރާ މީހެއް ކަމެވެ. ރޯދަ މަހާއި ހުކުރު ނަމާދުގައި މިސްކިތްތައް އެ ފުރޭ ފުރުން އެހެން މަސްމަހާއި ދުވަސްތަކުގައި ވެސް ތަކުރާރުނުކުރާތީ، އޭނާގެ އޮތީ ޝަކުވާ އެވެ.
މީގެ ކުރީ ރޯދަމަހެއްގެ އަސްރު ނަމާދުން ފޭބި ތަނުން މީހަކު، އަޅުގަނޑާ ވާހަކަ ދެއްކި އެވެ. ގިނަ މީހުންނަށް މިސްކިތް ފެންނަނީ ރޯދަމަހު ދޯއޭ، ބުނެލި އެވެ. އަޅުގަނޑު އެއަށް ޖަވާބު ދިނީ ކުޑަ ތަފުސީލަކާ އެކުގަ އެވެ.
އޭނާ ގާތު ބުނި އެއް ވާހަކައަކީ މާތްﷲ ރޯދަމަސް ހާއްސަކުރައްވައި، މާތްކުރެއްވީ ވެސް ސަބަބުތަކެއް އޮވެގެން ކަމަށެވެ. އަނެއް ވާހަކައަކީ ރޯދަމަހުގެ އެ މާތްކަން ހޯދަން މަސައްކަތްކުރާ މީހުން ގިނަ ކަމެވެ. އެހެންވެ ކޮންމެ ނަމާދެއްގެ ޖަމާއަތަށް މިސްކިތަށް ދާން ގިނަ މީހުން ބޭނުންވަނީ އެވެ.
ހުކުރު ނަމާދު ތަފާތެވެ. އެއީ ވަކި ވަގުތެއްގައި ޖަމާއަތުގައި ނޫނީ ނުކުރެވޭ ނަމާދެކެވެ. އެހެންކަމުން ހުކުރު ނަމާދަށް މިސްކިތްތައް އަބަދުވެސް ފުރޭނެ އެވެ. އެ ނޫން މަންޒަރެއް ނުފެންނާނެ އެވެ.
'ރަމަޑާން މުސްލިމުންނާ'އި 'ފްރައިޑޭ މުސްލިމުން'ގެ މިސާލު ހިފައިގެން އަޅުގަނޑު ދިޔައީ ދީނީ އިލްމުވެރިއެއް ކައިރިއަށެވެ. އާދައިގެ އިލްމުވެރިއެއް ނޫނެވެ. އެކަމަކު އޭނާ ވާހަކަ ދެއްކެވީ ނަން ނުޖަހަން ޝަރުތުކުރައްވަ އެވެ.
އިލްމުވެރިޔާ ވިދާޅުވީ ރޯދަމަހުގެ ނަމާދުތަކަށް ދާ މީހުން ގިނަވެގެން އެކަމާ މަލާމަތްނުކުރެވޭނެ ކަމަށެވެ. އޭގެ ބަދަލުގައި ގެންގުޅެން ޖެހޭނީ ރޯދަ މަހުގެ އެ އާދަ ދަމަހައްޓަން ހިތްވަރުދިނުމުގެ ނިޔަތެވެ.
"އެއްވެސް ކަމެއްގައި މަލާމާތްކުރުމެއް ދީނުގައި ނޯންނާނެ. ހިތްވަރުދިނުން އޮންނާނީ. ހިތްވަރާއި ނަސޭހަތް ދިނުން،" އިލްމުވެރިޔާ ވިދާޅުވި އެވެ.
މާތްﷲގެ ކޮންމެ ނިންމެވުމެއްގައި ވެސް ހިކުމަތްތަކެއް ވެ އެވެ. ޖަމާއަތުގައި ނަމާދުކުރުމުގައި ވެސް އެހެންނެވެ. މިސާލަކަށް ޖަމާއަތުގެ ނަމާދަށް އެރުމުން ލިބޭ ސަވާބު މަތިވެ އެވެ. އެ ޖަމާއަތްތަކުން މުސްލިމުންގެ އެއްބައިވަންތަކަމާއި ގުޅުން ރަމްޒުކޮށްދެ އެވެ. ނުދަންނަ މީހުންނާ ބައްދަލުވެ އާ އެކުވެރިން ލިބެ އެވެ. އެކުވެރިކަން އާލާކުރެވެ އެވެ. އެއްބައެއްގެ ފަރާތުން އަނެއް ބަޔަކަށް، އެކި ކަންކަމުގައި، ހިތްވަރު ދެ އެވެ.
އިލްމުވެރިޔާ ވިދާޅުވި ގޮތުގައި ސަބަބެއް ނެތި ގަސްދުގައި ނަމާދުގެ ޖަމާއަތް ތަކުރާރުކޮށް ކަޓުވާލުމަކީ ވަރަށް ބޮޑު މައްސަލައެކެވެ. ރަސޫލާގެ ހަދީސްފުޅަކުން މިސާލު ނެންގެވި އެވެ. ޖަމާއަތަށް ނުގޮސް ގޭގައި ތިބި ބަޔަކަށް އިޝާރަތްކުރައްވާ އެ ހަދީސްގައި ކީރިތި ރަސޫލާ ވިދާޅުވަނީ އެގެތައް އަންދާލަން ހިތްޕުޅަށްއަރާވަޑައިގަންނަވާ ވާހަކަ އެވެ.
އެއްވެސް ސަބަބެއް ނެތި ޖަމާއަތަށް ނޭރުމަކީ "ވަަރަށް ބޮޑު ގޯހެއް. އެގޮތަށް އެކަން ކޮށްގެން ނުވާނެ. މަސައްކަތްކުރަން ވާނީ ޖަމާއަތަށް ދެވޭތޯ،" އިލްމުވެރިޔާ ވިދާޅުވި އެވެ.
"އެއީ އާދަޔަކަށް، ސަގާފަތަކަށް ހަދަން ވާނެ."
އެކަމަކު ވެސް ނުކުރަންވީ ކަމަކީ މަލާމާތްކުރުމެވެ. ހަގީގަތުގައި ރޯދަމަހު މިސްކިތްތައް ފުރޭތީ އުފާކުރަންވީ އެވެ. ހުކުރު ނަމާދަށް ދާ މީހުން ގިނަވީމާ ވެސް އުފާކުރަންވީ އެވެ. ދެން އަހަރެމެން އެންމެންނަށް ވެސް އޮންނާނީ ހިތްވަރު ދިނުމެވެ.
"ގޯސްކޮށް ކަންތައް ކުރާ ނަމަވެސް މަލާމަތްކުރާކަށް ނޯންނާނެ. ރޯދަމަހު ޖަމާއަތަށް އަރާ މީހާ އެހުރީ އިސްލާހުވާން ރެޑީވެފައިކަން އެބަ އެނގޭ. ކުރިން ކޮންމެވެސް ސަބަބުތަކެއް ހުރެ ނުކުރެވުނީ،" އިލްމުވެރިޔާ ވިދާޅުވި އެވެ.
"ރޯދަމަސް އެ އަންނަނީ ފަރިތަކުރަން. މިއީ ޕްރެކްޓިސްއެއް. އެހެންވެ ޖަމާއަތް ބޮޑުވީމާ އުފާކުރަންވީ."
ދެން އޮންނާނީ އެ ޖަމާއަތް، އެހެން މަސްމަހުގެ ނަމާދުތަކުގައި ވެސް ބޮޑުކުރަން މަސައްކަތްކުރުމެވެ. އެއީ ހިތްވަރުދިނުމާއި ނަސޭހަތް ދިނުމެވެ. މަލާމާތްކުރުމެއް ނެތެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ