މާލެ "ރިސެޓް" ކުރަން ޒަރިޔަންދުގެ ބޮޑެތި ވައުދުތަކެއް މާލެ "ރިސެޓް" ކުރަން ޒަރިޔަންދުގެ ބޮޑެތި ވައުދުތަކެއް

މާލެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމާއި ޖާގައިގެ ދަތިކަން ކަމަށްވާއިރު، އެކަންކަމަށް ޒަރިޔަންދުގެ މޭޔަރުކަމުގައި ގެނެސްދޭނެ ކޮންމެވެސް ވަރެއްގެ ހައްލުތަކެއް ހާމަކުރައްވައިފި އެވެ.
އަދަދު ނޫހުން ގެނެސްދޭ ކުޅިކޮށް ޕްރޮގްރާމުގައި ޒަރިޔަންދު ވިދާޅުވީ މާލޭގައި ކުއްޔަށް އުޅޭ މީހުން ދިރިއުޅޭ ތަންތަނުގެ ކުލި ކުޑަކޮށް، އަގުހެޔޮކޮށް ކުއްޔަށް ތަންތަން ހަމަޖެއްސުމަށް މުނިސިޕަލް ހައުސިން ސްކީމެއް ގާއިމުކުރާނެ ކަމަށެވެ.
އެއީ ދާއިމީ ބޯހިޔާވަހިކަމެއް ލިބެންދެން ފޯރުކޮށްދޭ ވަގުތީ ބޯހިޔާވެހިކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މުނިސިޕަލް ހައުސިން ސްކީމްގެ ދަށުން ބޯހިޔާވަހިކަން ފޯރުކޮށްދޭނީ މިނިމަމް ވޭޖުގެ 70 ޕަސަންޓަށްވުރެ ކުލި ބޮޑުނުވާ ގޮތަށް ކަމަށެވެ.
މޭޔަރު ކަމަށް އިންތިހާބުވުމަށްފަހު ދައުރުގެ ތެރޭގައި މާލޭގައި ޖުމްލަ 8،000 ޕާކިން ޖާގަ ގާއިމުކުރާނެ ކަމަށާއި އެކަމަށް ބޭނުންވާ ފައިސާވެސް ހޯދަން އެނގޭ ކަމަށް ޒަރިޔަންދު ވިދާޅުވި އެވެ.
މާލޭގައި ދުއްވާ ސައިކަލުތަކުގެ ފީގެ ގޮތުގައި އަހަރެއްގެ މައްޗަށް 125 މިލިއަން ރުފިޔާ ލިބޭއިރު، އޭގެއިން ޕާކިން ޖާގަތައް ގާއިމުކުރުމަށް އެއްވެސް މަސައްކަތެއް ނުކުރާކަން އޭނާ ފާހަގަކުރެއްވި އެވެ.
"ތަރައްގީއަކީ ލާމެހިފައި އޮންނަ ކަމެއް. އެއް ކަމެއް ރަނގަޅުކޮށްފައި އަނެއް ކަމަކަށް ދާންޖެހޭނީ. އެހެންވީމަ އަޅުގަނޑު ގަތާލާފައި އިންނަ ޖޯލިފައްޗެއްހެން މުޅި މާލެ ފަސް އަހަރަށް ގަތާލައިގެން މިއުޅެނީ ތަރައްގީކުރަން،" ޒަރިޔަންދު ވިދާޅުވި އެވެ.
މާލެ ސިޓީގައި އެކި ހިދުމަތް ދޭ ކުންފުނިތަކުން އަތޮޅުތަކާ ގުޅިފައި އޮންނަ ލޯކަލް އޮތޯރިޓީ ކުންފުންޏެއް އުފައްދައި، މާލޭގެ ކޮންމެ އަވަށެއްގައި ކޯޕަރޭޓިވް ސޮސައިޓީއެއް ގާއިމުކޮށް އެފަދަ ތަންތަނުން އަވަށު ތެރޭގައި ކުދިކުދި މަސައްކަތް ކޮށްގެން އާމްދަނީ ހޯދޭނެ މަގު ތަނަވަސް ކުރާނެ ކަމަށް ޒަރިޔަންދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މާލެ ސިޓީ ކައުންސިލުގައި ކޮންސަލްޓަންޓުން ގެންގުޅުމުގެ ބަދަލުގައި ކައުންސިލް ހިންގާނީ ލާމަރުކަޒީ އިންތިޒާމުގެ ތެރެއިން ކަމަށާއި ކޮންމެ އަވަށެއްގެ އަވަށު ކޮމިޓީ އުފައްދާނެ ކަމަށެވެ.
މީގެއިތުރުން އޭނާ ވިދާޅުވީ މުހައްމަދު މުއިއްޒުގެ ހައުސިން މިނިސްޓަރުކަމުގައި މާލޭ މަގުތަކުގައި އެޅި ހޮޅިތައް މޭޔަރުކަމާ ހަވާލުވާތާ ތިން އަހަރު ތެރޭގައި މުޅި މާލެއިން ނަގައި ހުސްކުރާނެ ކަމަށެވެ.
ޒަރިޔަންދު ވިދާޅުވީ އޭނާގެ މޭޔަރު ކަމެއްގައި މާލެ ސިޓީ ކައުންސިލްގެ އާމްދަނީ އަހަރަކު ދެ ބިލިއަން ރުފިޔާއަށް އިތުރު ކުރެވޭނެ ކަމަށެވެ. އެގޮތުން ގާއިމުކުރާ ޕާކިން އިން އެކަނިވެސް 200 މިލިއަން ރުފިޔާ ހޯދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ކައުންސިލާ ހަވާލުކުރެވިފައިވާ ބިންތަކުގެ އަސްލު އަގު ދެނެގަނެ، ބިންތަކަށް ހަމަ އަގު ގެންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ޒަރިޔަންދު ވިދާޅުވީ ކައުންސިލް ތެރޭގައި ކޮރަޝްނަށް މަގުފަހިވާ ހުރިހާ ކަމެއް ހިފައިގެން އެންޓި ކޮރަޕްޝަން ކޮމިޝަނަށް ވެސް ދާނީ އޭނާ ކަމަށެވެ.
މާލޭގެ މޭޔަރަކަށް ޒަރިޔަންދު މިނިވަން ކެންޑިޑޭޓަކަށް ވާދަކުރައްވާއިރު، އޭނާއަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕާޓީ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން ވަނީ ތާއީދުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ