ދިރާގު "3 އޮން 3" މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މާދަމާއަށް ހަމަވާނެ
ދިރާގު ތްރީ އޮން ތްރީ ބާސްކެޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މާދަމާއަށް ހަމަވާނެއެވެ. އަންނަ މާރިޗު މަހުގެ ފުރަތަމަ ހަފުތާގައި މާލޭ ޒުވާނުންގެ މަރުކަޒުގެ އައުޓްޑޯ ބާސްކެޓު ކޯޓުގައި އޮންނަ މި މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލީ މީގެ ހަފުތާއެއް ކުރިންނެވެ. ދިރާގުން މިއަދު ބުނީ، މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު، މާދަމާ މެންދުރުފަހު ދޭއް ޖެހުމުން ހަމަވާނެ ކަމަށެވެ. ޓައިޓަންސް ބާސްކެޓް އެކެޑަމީން އިންތިޒާމުކޮށްގެން ބާއްވާ މި މުބާރާތުގެ މަގުސަދަކީ ބާސްކެޓުބޯޅައަށް ޝައުގުވެރިކަން ހުންނަ ކުދިންނަށާއި ޒުވާނުންނަށް، އެ ކުޅުންތެރިންގެ ހުނަރުތައް ދައްކާލައި، ހުނަރުތައް ތަރައްގީކުރުމަށް ވާދަވެރި ޕްލެޓްފޯމެއް ހޯދައިދިނުމަށް ކަމަށް، ދިރާގުން ބުންޏެވެ. މިދިޔަ އަހަރުގެ ތްރީ އޮން ތްރީ ބާސްކެޓްބޯޅަ މުބާރާތުގައި 103 ޓީމަކުން ޖުމުލަ 408 ކުޅުންތެރިން ބައިވެރިވިކަމަށް ދިރާގުން މައުލޫމާތުދެއެވެ. މިއަހަރުގެ ތްރީ އޮން ތްރީ މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެ ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ އެކެޑަމީ ކެޓަގަރީއާއި އާންމުކޮށް ހުޅުވާލައިގެން ބާއްވާ އޯޕަން ކެޓަގަރީއެވެ. މީގެ ތެރެއިން އެކެޑަމީ ކެޓަގަރީގައި އަށް އަހަރުން ދަށާއި 10 އަހަރުން ދަށާއި 12 އަހަރުން ދަށުގެ އުމުރުފުރާގެ ޓީމުތަކަށް ބައިވެރިވެވޭނެއެވެ. އޯޕަން ކެޓަގަރީގައި ބައިވެރިވެވޭނީ 14 އަހަރުން ދަށާއި 16 އަހަރުން ދަށާއި 18 އަހަރުން ދަށުގެ ޓީމުތަކަށާއި، އަންހެން ޑިވިޝަނާއި، ފިރިހެނުންގެ ފުރަތަމަ ޑިވިޝަނާއި ދެވަނަ ޑިވިޝަންގެ އިތުރުން، މުބާރާތުގައި ބައިވެރިވާ ކުދިންގެ ބެލެނިވެރިންނަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ