ބާޒާރަށް ދޮންކެޔޮ ލިބޭ މިންވަރު މަދުވެ، ކިލޯއެއް 60 ރުފިޔާއަށް އުފުލިއްޖެ
ދަތުރުވެރިންގެ މާރުކޭޓަށް ދޮންކެޔޮ ލިބޭ މިންވަރު މަދުވެ، ކިލޯއެއްގެ އަގުބޮޑުވެއްޖެއެވެ. މާރުކޭޓު ގޮޅިއެއްގައި މަސައްކަތް ކުރާ މުހައްމަދު އާރިފް 'ސަން'އަށް ބުނީ ދޮންކޭލުގެ އަގު ބޮޑުވާން ފެށީ، ރަށްތަކުން ލިބޭ މިންވަރު މަދުވުމުން ކަމަށެވެ. އެގޮތުން، ކުރިން 35އާއި 40 ރުފިޔާއަށް ވިއްކި ދޮންކެޔޮ ކިލޯއެއް މިހާރު ލިބެނީ 50އާއި 60 ރުފިޔާއަށެވެ. އިތުރު އެހެން ބާވަތްތަކަށް ބަލާއިރު، ގިނަ ބާވަތްތަކުގެ އަގުތައް ހުރީ ހިފެހެއްޓިފައެވެ. އޭގެތެރޭގައި، މަޝްހޫރު ކަނޑޫދޫ މިރުހާއި ކަރައާއި އަލަނާސި ކަރާ ހިމެނެއެވެ. މާރުކޭޓުގައި މޭވާއާއި ތަރުކާރީ ވިއްކަން އަތުރާފައި --- ސަން ފޮޓޯ/ މުހައްމަދު އަފްރާހު ކަނޑޫދޫ މިރުހުގެ އާ ޝިޕުމަންޓެއް މިއަދު ބާޒާރަށް ނެރެފައިވާއިރު، ކިލޯއެއް ވިއްކަނީ 430އާއި 480 ރުފިޔާއަށެވެ. އޭގެއިތުރަށް، ކަރާ ކިލޯއެއް 20 ރުފިޔާއަށް ލިބެން ހުރިއިރު، އަލަނާސި ކަރާ ކިލޯއެއް ވިއްކަނީ 30 ރުފިޔާއަށެވެ. ބައެއް މޭވާތަކަށް ބަލާއިރު، ފަޅޯ ކިލޯއެއް 50 ރުފިޔާއަށް ވިއްކާއިރު، މެލަން ކިލޯއެއް މާރުކޭޓުގައި ލިބެން ހުރީ 55 ރުފިޔާއަށެވެ. އަދި، އަލަނާސި ކިލޯއެއް މާރުކޭޓުގައި ވިއްކަނީ، 60 ރުފިޔާއަށެވެ. https://sun.mv/218194 ގިނަ ބާވަތްތަކުގެ އަގުތައް ހިފެހެއްޓިފައި ހުރި ނަމަވެސް، ފެޝަންފުރުޓު ނުވަތަ ޖުމްހޫރީ މޭވާ ކިލޯއެއްގެ އަގު ވަނީ ދަށްވެފައެވެ. އެގޮތުން، މިދިޔަ ހޮނިހިރު ދުވަހު 140 ރުފިޔާއަށް ވިއްކި، ފެޝަންފުރުޓު ކިލޯއެއް މިހާރު ލިބެން ހުރީ 120 ރުފިޔާއަށެވެ. ފާހަގަކުރެވޭ ގޮތުގައި، އެސްޓީއޯއިން އަންނަނީ މި ރޯދަ މަހު އަގުތައް އުފުލުނަ ނުދިނުމަށް މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން، މޭވާއާއި ތަރުކާރީ ހިމެނޭ ގޮތަށް ގަނޑުކޮށް އެތެރެކުރަން ހަވާލުކުރި 23 ބާވަތުގެ މަދުނުވާ ވަރަށް އެތެރެކުރެވި، ހުސްނުކޮށް ލިބޭނެ ކަމުގެ ޔަގީންކަން އެ ކުންފުނިން އަންނަނީ ދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ