"ފަރާޖު ރާއްޖެ އައީ 60މިލިއަން ޑޮލަރުގެ ޕްރައިވެޓް ޖެޓެއްގައި، އެއީ ބޮޑު ސްޓަންޓެއް"

އިނގިރޭސިވިލާތުގެ ރިފޯމް ޔޫކޭ ޕާޓީގެ ލީޑަރު ނައިޖަލް ފަރާޖު ރާއްޖެ ވަޑައިގެންނެވީ 60 މިލިއަން ޑޮލަރުގެ އަގުބޮޑު ޕްރައިވެޓް ޖެޓެއްގައި ކަމަށާއި، އެއީ އޭނާ ޖެއްސެއްވި "މެގާ ސްޓަންޓެއް" ކަމަށް ބުނެ ފާޑުކިޔުން އަމާޒުވެއްޖެއެވެ. "ގާޑިއަން" ނޫހުން ރިޕޯޓްކުރި ގޮތުގައި، ފަރާޖު ރާއްޖެ ވަޑައިގަތީ ފޯޅަވަހި ނުވަތަ ޗާގޯސްއަށް ވަޑައިގަތުމަށްކަމަށް ވިދާޅުވި ނަމަވެސް، މި ދަތުރާ ބެހޭ އެއްވެސް މައުލޫމާތެއް އިނގިރޭސި ސަރުކާރަށް ކުރިން އެނގިފައެއް ނުވެއެވެ. https://sun.mv/218224 އެއާއެކު މިދިޔަ ހޮނިހިރު ދުވަހު، ސޯޝަލް މީޑިއާގައި އާންމުކުރެއްވި ވީޑިއޯއެއްގައި ފަރާޖު ވަނީ، އޭނާ ފޯޅަވައްސަށް ވަޑައިގަތުމަށް ކުރައްވާ ދަތުރު ހުއްޓުވުމަށް އިނގިރޭސި ސަރުކާރުން ދިވެހި ސަރުކާރަށާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ޕްރެޝަރު ކުރަމުންދާ ކަމަށް ތުހުމަތުކުރައްވައިފައެވެ. ނަމަވެސް ދިވެހި ސަރުކާރުގެ އޮފިޝަލުން ވެސް ވަނީ އެ ވާހަކަތައް ދޮގުކުރައްވައިފައެވެ. ޗާގޯސްއަކީ އިނގިރޭސީންގެ ބާރުގެ ދަށުގައި އޮތް ތަނަކަށްވާއިރު، އެ ތަނަށް ބަޔަކު އަރައި ފޭބުން ހުއްޓުވުމަށް ކަމެއް ކުރާނަމަ އެ ކަމެއް ކުރާނީ އިނގިރޭސި ސަރުކާރުންކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ. އަދި އެ ކަމުގައި ދިވެހި ސަރުކާރުގެ އެއްވެސް ބައިވެރިވުމެއް އެއްވެސް މިންވަރަކަށް ނޯންނާނެކަމަށް ވިދާޅުވިއެވެ. https://sun.mv/218235 ފަރާޖު ވިދާޅުވި ގޮތުގައި ފޯޅަވައްސަށް އޭނާ ކުރައްވަން ނިންމެވި އެ ދަތުރަކީ އިންސާނީ އެހީގެ މިޝަނެއްގައި ފޯޅަވަހީގެ ހަތަރު ރައްޔިތަކާއެކު އެ ސަރަހައްދަށް ވަޑައިގެން، އިނގިރޭސި ސަރުކާރުން ފޯޅަވަހީގެ މިލްކުވެރިކަން މޮރިޝަސްއަށް ބަދަލުކުރުމަށް ނިންމާފައިވާ ނިންމުމާ ދެކޮޅަށް އަޑުއުފުއްލެވުމަށް ކުރައްވާ ދަތުރެކެވެ. ނަމަވެސް، އިނގިރޭސި ސަރުކާރުގެ މަސްދަރުތަކާ ހަވާލާދީ، ގާޑިއަންއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ފަރާޖު ރާއްޖޭގައި ހުންނެވިކަން އެ ސަރުކާރަށް އެނގުނީ އޭނާގެ ވީޑިއޯ އާންމުކުރުމުންނެވެ. އަދި ފޯޅަވަހި ފަދަ ހުއްދަ ނެތި ވަނުން މަނާ ސަރަހައްދަކަށް ދިއުމަށް އޭނާ އެއްވެސް ހުއްދައަކަށް އެދިވަޑައިގެންފައި ނުވާ ކަމަށްވެސް އެ ގައުމުން ބުނެއެވެ. މި ދަތުރާ ގުޅިގެން އިނގިރޭސި ލޭބާ ޕާޓީގެ މަސްދަރަކުން ބުނީ، ފަރާޖު ރާއްޖެއަށް ދަތުރުކުރެއްވީ 60 މިލިއަން ޑޮލަރުގެ ޕްރައިވެޓް ޖެޓެއްގައި ކަމަށާއި، ރާއްޖޭގެ ރަށެއްގެ ގޮނޑުދޮށެއްގައި ހުންނަވައި ސަރުކާރަށް ފާޑުކިޔުމަށްފަހު އެންމެ ދުވަހެއްގެ ތެރޭގައި އަނބުރާ ގައުމަށް އޭނާ ވަޑައިގެންނެވި ކަމަށެވެ. މި އަމަލަކީ ސިޔާސީ ގޮތުން ސަމާލުކަން ހޯދުމަށް ޖެއްސެވި "ސްޓަންޓެއް" ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ. ފަރާޖުގެ މި ދަތުރު މި ދިމާވީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ފޯޅަވަހީގެ މައްސަލައިގައި އިނގިރޭސި ސަރުކާރަށް ފާޑުވިދާޅުވެ، އެ ސަރަހައްދުގައި އޮންނަ އަސްކަރީ މަރުކަޒު، ޑިއޭގޯ ގާސިއާ ހިމެނޭ ސަރަހައްދު މޮރިޝަސްއަށް ދޫކޮށްނުލުމަށް ގޮވާލައްވާފައިވާ ދަނޑިވަޅެއްގައެވެ. ނަމަވެސް، ފަރާޖުގެ މި ދަތުރުން އެއްވެސް ނަތީޖާއެއް ނުނިކުމެ، އޭނާ ވަނީ އިނގިރޭސިވިލާތުގައި އޮތް ބައި-އިލެކްޝަނަކަށް އަނބުރާ ގައުމަށް ވަޑައިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ