ވަރކްސައިޓް ޑިކްލަރޭޝަން ފޯމް ހުށަހެޅުމުން ނޫނީ ދާއިމީ ކޯޓާގައި ބިދޭސީން ރާއްޖެ ނުގެނެވޭނޭގޮތަށް އުސޫލް ބަދަލުކޮށްފިއެވެ.
މިކަމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ މިނިސްޓްރީން ގެޒެޓްކުރި އިއުލާނެއްގައި ބުނެފައިވަނީ، ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމަށް ދާއިމީ ކޯޓާ (ޕަރމަނަންޓް ކޯޓާ) ދޫކުރުމުގެ އުސޫލުތަކަށް ބަދަލުތަކެއް ގެނެސްފައިވާކަމަށެވެ.
އެގޮތުން ދާއިމީ ކޯޓާ ދޫކުރާ މަސައްކަތްތަކަށް ވަރކް ސައިޓް ރަޖިސްޓްރީ ކޮށްދެވޭނީ، މިހާރު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ އިތުރުން ނޮޓޮރައިޒް ކޮށްފައިވާ "ވަރކް ސައިޓް ޑިކްލަރޭޝަން ފޯމު" އަދި އިޤްރާރު ހުށަހެޅުމުންކަމަށް މިނިސްޓްރީ ބުންޏެވެ. މިގޮތަށް އަމަލުކުރަން ފެށުމަށް ނިންމާފައިވަނީ މާދަމައިން ފެށިގެންނެވެ.
އެ މިނިސްޓްރީން ބުނީ ފޯމާއި އިޤުރާރު އެކްސްޕެޓް ސިސްޓަމްގެ ހޯމްޕޭޖުން ލިބެން ހުންނާނޭކަމަށެވެ. މީގެ އިތުރުން ވަރކް ސައިޓް ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާ ލިޔެކިއުންތަކާއި، އިތުރަށް ކަމެއް ސާފުކުރަން ޖެހިއްޖެ ހާލަތައްގައި، ސައިޓް ރަޖިސްޓަރީކުރަނީ ކުއްޔަށް ހިފާތަނެއްގައި ކަމުގައިވަނީ ނަމަ، ވަޒީފާދޭ ފަރާތާއި އިމާރާތް ނުވަތަ ބިމުގެ ވެރިފަރާތާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ކޮޕީއާއި އެހެނިހެން ލިޔެކިޔުންތައް ހުށަހެޅުމަށް އެންގުމުގެ އިޚްތިޔާރު މިނިސްޓްރީއަށް ލިބިގެންވާކަމަށް ވަނީ ކަނޑައަޅާފައެވެ.
އެގޮތުން ހޯމްލޭންޑް މިނިސްޓްރީން ވަނީ ވަޒީފާދޭ ފަރާތްތަކަށް މިހާރު ދާއިމީ ކޯޓާ ދޫކުރެވި ރަޖިސްޓަރީކޮށްފައިވާ ސައިޓްތަކުގެ މަޢުލޫމާތު އަދާހަމަކުރުމުގެ ގޮތުން، އަންނަ ޖެނުއަރީމަސް ނިމުމުގެ ކުރިން "ވަރކް ސައިޓް ޑިކްލަރޭޝަން ފޯމު" އަދި އިޤްރާރު، ރަޖިސްޓަރީކޮށްފައިވާ ސައިޓުގެ "ޑޮކިއުމަންޓް އަޕްޑޭޓް ރިކުއެސްޓް" ނުވަތަ "ސައިޓް ޕަރމިޓް އަޕްޑޭޓް" މެދުވެރިކޮށް ހުށަހެޅުމަށް އަންގާފައެވެ. ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ފޯމު ހުށަނާޅާ ފަރާތްތަކުގެ ސައިޓްތައް ސަސްޕެންޑް ކުރެވޭނޭކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނައިރު، ބިދޭސީންނާ ގުޅޭ ކަންކަން މިހާތަނަށް އޮތީ ވަރަށްބޮޑަށް އަޅައި ނުލެވިކަން ފާހަގަކޮށްލެވެއެވެ. އަދުގެ ސަރުކާރުން ދަނީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ އުސޫލްތައް ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ބިދޭސީ މަސައްކަތްތެރިންގެ ބައޯމެޓްރިކް ޑޭޓާ ނެގުމުގެ ކަންކަން މިވީ ދުވަސްތަކުގެ ތެރޭގައި ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައިވާއިރު، ބައޯމެޓްރިކް ޑާޓާ ނުދޭ ބިދޭސީން ޑީޕޯޓްކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
ބިދޭސީން ގެނައުމަށް ކޯޓާ ދޫކުރުމުގެ އުސޫލަށް މާދަމައިން ފެށިގެން ބަދަލެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ