ފަތްޖަހާލާއިރު ރޫނާރާނެ އާ ޓެކްނޮލޮޖީއެއް، އައިފޯން ފޯލްޑްގައި ބޭނުންކުރަނީ
ފަތްޖަހާލާއިރު ރޫނާރާނެހެން އައިފޯން ފޯލްޑްގައި ޚާއްސަ 'ޓެކްނޮލޮޖީ'އެއް ބޭނުންކުރާނެކަމަށް ރިޕޯޓްތައް ބުނެފިއެވެ. އެޕަލް ކުންފުނިން އުފައްދާ ފުރަތަމަ ފަތްޖަހާލެވޭ ފޯނު އަންނަ ސެޕްޓެމްބަރު މަހު ބާޒާރަށް ނެރުމަށް ތައްޔާރުވަމުންދާއިރު، މި ފޯނާ ގުޅޭ އާ ތަފުސީލުތަކެއް މިވަނީ ހާމަވެފައެވެ. ކުރިން "އައިފޯން ފޯލްޑް"ގެ ނަމުން މަޝްހޫރުވި ނަމަވެސް، އެންމެ ފަހުގެ ރިޕޯޓްތައް ބުނާގޮތުގައި އެޕަލްއިން މި ފޯނު މާކެޓް ކުރާނީ "އައިފޯން އަލްޓްރާ"ގެ ނަމުގައެވެ. މި ފޯނުގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައަކީ ފޯނު ފަތްޖަހާލުމުން ސްކްރީނުގެ މެދުން އުފެދޭ ރޫ ނުވަތަ "ކްރީޒް" ނުހުންނާނެ ގޮތަށް ފަރުމާކުރުމެވެ. މިކަން ކާމިޔާބު ކުރުމަށްޓަކައި އެޕަލްއިން ބޭނުންކުރަނީ "އޮޕްޓިކަލީ ކްލިއާ އެޑްހީސިވް" (އޯސީއޭ) ކިޔާ ޚާއްސަ ތަތްކުރާ އެއްޗެކެވެ. މިއީ އާންމުކޮށް ބިއްލޫރި ނުވަތަ ހަރު ޕްލާސްޓިކްގެ ދެ އެތިގަނޑު ތަތްކުރުމަށް ބޭނުންކުރާ، ދެފުށް ފެންނަ ކޮލިޓީ ރަނގަޅު މާއްދާއެކެވެ. ޓްރެންޑްފޯސްގެ ރިޕޯޓަކާ ހަވާލާދީ "9ޓު5މެކް" އިން ބުނެފައިވަނީ، މި ޚާއްޞަ ޓެކްނޮލޮޖީއަކީ ވަރަށް ބޮޑަށް ދެމޭ އަދި ބައްޓަން ބަދަލުކުރެވޭ، އެލާސްޓިކް ޕްރޮޕަޓީސް ހުންނަ ޓެކްނޮލޮޖީއެއް ކަމަށެވެ. މީގެ ސަބަބުން، ފޯނު ފަތްޖަހާލާއިރު ސްކްރީނަށް ކުރާ ބާރު ކުޑަކޮށްދީ، ސްކްރީން މަޑުކޮށްދެއެވެ. އަދި ގިނަ ދުވަހު ފޯނު ފަތްޖަހައި ހުޅުވުމުގެ ސަބަބުން ސްކްރީނުގައި އުފެދޭ ކުދިކުދި ރޫތައް ނުވަތަ މައިކްރޯސްކޯޕިކް މައްސަލަތައްވެސް މި މާއްދާގެ ސަބަބުން ފޮރުވައިދެއެވެ. https://sun.mv/220306 މީގެ އިތުރުން، ފޯނު ހުޅުވާލާފައި އޮންނަ ވަގުތުތަކުގައި ސްކްރީނަށް ބޭނުންވާ ވަރުގަދަކަން މީގެ ސަބަބުން ލިބިގެންދެއެވެ. މިއީ ފަތްޖަހާލެވޭ އެހެން ފޯނުތަކުގައި އާންމުކޮށް ފެންނަ ރޫތައް ނައްތާލުމަށް އެޕަލްއިން ބޭނުންކުރާ އުކުޅެކެވެ. އައިފޯން އަލްޓްރާ ނުވަތަ އައިފޯން ފޯލްޑް ބާޒާރަށް ނެރުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރު މަހު އައިފޯން 18 ޕްރޯ އަދި 18 ޕްރޯ މެކްސް އާއެކުގައެވެ. ލީކުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި މި ފޯނުގެ ފަހަތުގައި ދެ ކެމެރާގެ ސިސްޓަމެއް ހިމެނޭނެއެވެ. ނަމަވެސް އެޕަލް ކުންފުނިން އަދި މިކަމާ ގުޅޭގޮތުން ރަސްމީކޮށް އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ