ފުލުހުންގެ ހެދުމުގައި ތިބި ބަޔަކު، އިކުއެޑޯގެ މަސްތުވާތަކެތީގެ ބޮޑެއްގެ ގޮތުގައި ހިމެނޭ މީހެއްގެ ކޮއްކޮގެ ގަޔަށް ބަޑިޖަހައި މަރާލައިފި އެވެ.
އުމުރުން 35 އަހަރުގެ ޑޭވިޑް މަކިއަސްއަކީ އިކުއެޑޯގެ ނުފޫޒު ގަދަ ކުށްވެރި ގްރޫޕެއް ކަމަށްވާ "ލޮސް ޗޮނޭރޯސް" ގެ ސަރަހައްދީ ލީޑަރެއް ކަމަށް ފުލުހުން ބުނެ އެވެ. މި ގްރޫޕްގެ އެންމެ އިސް ވެރިއަކަށް ދާދި ފަހަކާ ޖެހެންދެން ހުރީ އޭނާގެ ބޭބެ އަޑޮލްފޯ މަކިއަސް އެވެ.
"ފީޓޯ" ގެ ނަމުން މަޝްހޫރުވެފައިވާ އަޑޮލްފޯ މަކިއަސް މިދިޔަ އަހަރު އިކުއެޑޯއިން އެމެރިކާއަށް ފޮނުވާލުމާ ގުޅިގެން، އޭނާ މިހާރު ހުރީ އެމެރިކާގައި ޝަރީއަތް ފެށެންދެން ބަންދުގަ އެވެ.
އެމެރިކާ ސަރުކާރުން ބޭރުގެ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅާފައިވާ "ލޮސް ޗޮނޭރޯސް" އަކީ އިކުއެޑޯގައި މީހުން މެރުމުގެ ރޭޓް އިންތިހާއަށް މައްޗަށް ދިއުމުގެ ފަހަތުގައިވާ މައިގަނޑު އެއް ކުށްވެރި ގްރޫޕް ކަމަށް ވަނީ ތުހުމަތު ކުރެވިފަ އެވެ.
އިކުއެޑޯގެ އޮފިޝަލުން ވިދާޅުވި ގޮތުގައި ޑޭވިޑް މަކިއަސް މަރާލާފައިވަނީ އެ ގައުމުގެ ގަޑިން އާދީއްތަ ދުވަހުގެ ފަތިހުގެ ވަގުތެއްގަ އެވެ.
މި ހާދިސާ ދުށް މީހުން ބުނި ގޮތުގައި، ފުލުހުންގެ ޔުނީފޯމް އަޅައިގެން ތިބި ބަޔަކު ވަދެފައިވަނީ އިކުއެޑޯގެ ޕެސިފިކް އައްސޭރީގައި އޮންނަ އޮލޯން ނަމަކަށް ކިޔާ އަވަށުގެ މުއްސަނދި ސަރަހައްދަކުން މަކިއަސް ކުއްޔަށް ހިފައިގެން އުޅުނު ގެއަށެވެ.
ހަމަލާ ދިނުމަށްފަހު ބަޑިޖެހި މީހުން އެ ސަރަހައްދުން ފިލާފައިވާއިރު، މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.
ކުށްވެރި ގްރޫޕްތަކުގެ ލީޑަރުންނަށް އަމާޒުކޮށް، އިދިކޮޅު ގްރޫޕްތަކުން ނުވަތަ އެ ގްރޫޕެއްގެ އެތެރޭގެ ބާރުވެރިކަން ހޯދުމަށް ހިންގާ ކުރިމަތިލުންތަކުގައި މިފަދަ ހަމަލާތައް ދިނުމަކީ އިކުއެޑޯގައި އާންމުކޮށް ހިނގާ ކަމެކެވެ.
ފުލުހުންގެ ހެދުމުގައި ތިބި ބަޔަކު އިކުއެޑޯގެ ޑްރަގް ލޯޑެއްގެ ކޮއްކޮ މަރާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ