ހިދާޔަތް ލިބުނު މީހުންގެ މަގުން ދެވޭނީ ސުވަރުގެއަށެވެ.
ހިދާޔަތު ލިބުނު މީހުންގެ މަގަކީ މާތް ﷲ އެބަޔަކަށް ނިޢުމަތްތައް ދެއްވި މީހުން ދިރިއުޅުނު ގޮތެވެ. އެއީ އާޚިރަތަށް ގެއްލުން ނުވާނޭހެން ދުނިޔޭގައި އެ މީހުންގެ ޢަމަލުތައް ބެހެއްޓި މީހުންގެ މަގެވެ. ހިދާޔަތަކީ އިންސާނަކަށް ލިބޭނޭ އެންމެ މާތް މަތިވެރި ހަދިޔާއެވެ. އެއީ އެންމެ ތަނަވަސް އިލާހުގެ ފަރާތުން ހިބޭނެ އެންމެ މުހިންމު ދެއްވުމެވެ. ހިދާޔަތު ލިބިއްޖެ މީހަކީ ހުރިހާ އުފަލެއް ލިބިއްޖެ މީހެކެވެ. އެއީ ހުރިހާ ނިޢުމަތެއް އެ މީހެއްގެ ވަށައިގެން ޖަމާވެފައި ހުރި މީހެއް ކަމުގައި ވާނެއެވެ. އޭނާއަކީ ހިތްހަމަޖެހިގެން ހުންނާނޭ މީހެކެވެ. ހިތާމަކުރާނެ މީހެއް ނޫނެވެ. އެހެންކަމުން ﷲގެ ޙަޟްރަތުން އަޅުގަނޑުމެންނަށް ހިދާޔަތް ލިބިފައި މި ތިބަ މުސްލިމުން މިއީ ހާދަހައި ބޮޑު އުފަލެއްގައި ތިބި ބައެކެވެ. ހިދާޔަތް ލިބުމަށްފަހު އެއިން މޫނު އަނބުރައި ލައިގެން ނުވާނެއެވެ. އަދި ހަމައެހެންމެ ހިދާޔަތުގެ މަތީ ދެމިތިބެވޭތޯ ވެސް ބަލަން ވާނެއެވެ. އެކަމަށް އޮތް އެންމެ ތަނަވަސް މަގަކީ ދުޢާކުރުމެވެ. ﷲގެ ޙަޟްރަތުން ހިދާޔަތް ދެއްވައިތޯ ދުޢާކުރުމަކީ ކެނޑިނޭޅި ތާއަބަދު ތަކުރާރުކޮށް ކުރަން ޖެހޭ ކަމެކެވެ. މުސްލިމުން ކޮންމެ ނަމާދެއްގައި މި ކުރަނީ އެކަންތަކެވެ. ސޫރަތުލް ފާތިޙާގައި މި ދަންނަވަނީ އެ ދުޢާއެވެ. ﴿اهْدِنَا الصِّرَاطَ الْمُسْتَقِيمَ﴾ (الفاتحة: ٦) މާނައީ: "އަޅަމެންނަށް، ސީދާވެގެންވާ ތެދުމަގަށް މަގު ދައްކަވާނދޭވެ!" ސީދާވެގެންވާ ތެދުމަގަކީ ހިދާޔަތުގެ މަގެވެ. މި ދުޢާއިން އެދޭ މަގު އެއީ ނިޢުމަތްދެއްވި މީހުންގެ މަގުކަމާއި އެއީ ﷲގެ ކޯފާ ލިބުނު މީހުންގެ މަގު ނޫންކަން ވެސް އަޅުގަނޑުމެން ނަމާދުގައި ތަކުރާރުކޮށް މި ގެންދަނީ ބުނަމުނަނެވެ. ﴿صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ﴾ (الفاتحة: ٧) މާނައީ: "(އެއީ) އެއުރެންނަށް އިބަރަސްކަލާނގެ ނިޢުމަތް ދެއްވި މީހުންގެ މަގެވެ. އެއުރެންގެ މައްޗަށް ކޯފާލައްވާފައިވާ މީހުންގެ މަގެއްނޫނެވެ. އަދި މަގުފުރެދިފައިވާ މީހުންގެ މަގެއްވެސް ނުމެނޫންމެއެވެ." މި ދުޢާއިން އަޅުގަނޑުމެން މި އެދެނީ ﷲ ހިދާޔަތްދެއްވި އަޅުންގެ މަގެވެ. ނަބިއްޔުންނާއި ތެދުވެރިންނާއި ޞާލިޙުންނާއި، ޝަހީދުންގެ މަގެވެ. ބައިވެރީންގެ ގޮތުގައި އެބައިމީހުންނަކީ ހާދަހާ ރަނގަޅު ބައެކެވެ!! އެ ނޫން މީހުންނަކީ ހާދަހައި ވާ ނުބައި ބައެކެވެ. އެ މީހުންގެ މަގު އަޅުގަނޑުމެން ބޭނުމެއް ނޫނެވެ. އޭގެ ތަފްސީލުތައް އެ ވަނީ ސޫރަތުލް ފާތިހާގެ އެންމެ ފަހު އާޔަތުގައެވެ. ﴿غَيْرِ ٱلْمَغْضُوبِ عَلَيْهِمْ وَلَا ٱلضَّآلِّينَ﴾ (الفاتحة: ٧) އާޔަތުގެ މި ބައިގައި މި ވަނީ ހިދާޔަތު ލިބުމަށްފަހު އެ މަގުން އެއްކިބާވީ މީހުންގެ ވާހަކައެވެ. އެހެންވީމާ މި އެދެނީ އެ މަގު ނޫންކަން އާޔަތުގެ މި ބައިން މި ޔަޤީންކޮށްދެނީއެވެ. އެއީ އިބަރަސްކަލާނގެ ކޯފާލައްވައި، ރާމާމަކުނަށާއި އޫރަށް ބަދަލުކުރެއްވި ޔަހޫދީންގެ މަގެއް ނޫނެވެ. އަދި އިބަރަސްކަލާނގެ ފޮނުއްވި ތެދުމަގުން އެއްކިބާވެ މަގުފުރެދި، މަރްޔަމްގެފާނުގެ ދަރިކަލުން ޢީސާގެފާނަށް އަޅުކަންކުޅަ ނަޞާރާއިންގެ މަގެއް ވެސް ނުމެނޫންމެއެވެ. ރަސޫލުﷲ صَلَّىٰ اللهُ عَلَيْهِ وَسَلَّمَގެ އަރިއަހުން އަލް އިމާމް އައްތިރްމިޛީ ރިވާކުރެއްވި ޞައްޙަ ޙަދީޘެއްގައި ވެއެވެ. «الْيَهُودُ مَغْضُوبٌ عَلَيْهِمْ، وَالنَّصَارَى ضُلَّالٌ» (سنن الترمذي، أبواب تفسير القرآن) މާނައީ: "ޔަހޫދީންނަކީ އެބަޔަކަށް މާތް الله ކޯފާލެއްވި ބައެކެވެ. އަދި ނަޞާރާއިންނަކީ މަގުފުރެދިފައިވާ ބައެކެވެ. ނަޞާރާއިންގެ އިތުރަށް، ބުދަށް އަޅުކަންކުރާ މުޝްރިކުންގެ ތެރެއިންނާއި އަހުލުކިތާބީންގެ ތެރެއިން މަގުފުރެދި، ކާފިރުވެ، اللهއަށް ޝަރީކުކުރާ ކޮންމެ މީހަކަށް މި ޙުކުމް އާންމުވެގެން ވެއެވެ. ކޮންމެ ޙުކުމެއް ޚާއްޞަވަނީ އެ ޙުކުމެއް ޚާއްޞަކުރެވުނު ސަބަބަށް އެކަނޏެއް ނޫނެވެ. އެ ޙުކުމެއްގެ ލަފުޒުން އާންމުވާ ހުރިހާ މާނައަކަށެވެ. އެހެންކަމުން ހިދާޔަތް ލިބުނު މީހުންގެ މަގަކީ ﷲގެ ކޯފާ ލިބޭ މަގެއް ނޫނެވެ. ހިދާޔަތު ލިބުނު މީހުންގެ މަގަކީ އެ މަގުން ހިނގައިފިއްޔާ މަގު ނުފުރެދޭނޭ މަގެވެ. އެއީ އިސްލާމްކަމުގެ ފުރިހަމަ މަގެވެ. އެއީ ދީނުގެ މަގެވެ. އެ މަގުން ހިނގާ ކޮންމެ މީހަކީ މުސްލިމެކެވެ. އެ މަގުން ކުރިޔައްދާ ކޮންމެ މީހަކާ ބައްދަލުވާނީ ސުވަރުގެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ