ރާއްޖޭގެ ވެރިކަމަށް ގެންނަންވީ މި ކަހަލަ "އަނިލް ކަޕޫރެއް"!

ގިނަ ދިވެހީން ދަންނާނެއެވެ. އަނިލް ކަޕޫރަކީ އިންޑިޔާގެ ވަރަށް މަޝްހޫރު ފިލުމު އިސްޓާރެކެވެ. ބެލެވޭ ގޮތުގައި އޭނާއަކީ އިސްލާމެއް ނޫނެވެ. އެހެންވީމާ، އަޅުގަނޑުގެ މި ލިޔުމުގެ ސުރުޚީގައި ވާ ގޮތަށް، "ގާނޫނީ ހަމަތަކުގެ މަތީން" ރާއްޖޭގެ ވެރިކަމަށް އޭނާ އިންތިޚާބެއް ނުކުރެވޭނެތާއެވެ. އެއީ، ރާއްޖޭގެ ވެރިއަކަށް ހުންނަ މީހާއަކީ މުސްލިމެއް ކަމުގައި ވުމަކީ ޝަރުޠެއް ކަމަށް ރާއްޖޭގެ ގާނޫނު އަސާސީގައި ލިޔެފައިވާތީއެވެ. އެ ކަމަކު އޭނާ އިސްލާން ކޮށްގެން ނަމަވެސް ރާއްޖޭގެ ވެރިކަމަށް ގެންނަން އެބަ ޖެހެއެވެ. ނުވަތަ "އަނިލް ކަޕޫރު ފަދަ" މީހަކު އެބަ ބޭނުން ވެއެވެ. އިސްވެ ދެއްކި ވާހަކަ އަޅުގަނޑުގެ ހިތަށް އެރީ، އިންޑިޔާގެ ސިނަމާތަކަށް 2001ވަނަ އަހަރު ނުކުތް، "ނާޔަކު- ދަ ރިއަލް ހީރޯ"ގައި އޭނާ ދައްކާ ވާހަކަތަކަކާއި ކުރާ ކަންތައްތަކެއްގެ ސަބަބުންނެވެ. މިރާއްޖޭގެ ސިޔާސީ މަސްރަހުގައި ކަން ހިނގާ ގޮތާ ދިމާވާލެއް ބޮޑުވުމުގެ ސަބަބުންނެވެ. އެ ފިލުމުގެ ވިއްސަކަށް މިނެޓުގެ މަންޒަރުތަކެއް ފެނިފައި އަޅުގަނޑު ހިތަށް އެރީ، އަނިލް ކަޕޫރާއި އަމްރޭޝް ޕޫރީ އެ ދައްކަނީ ރާއްޖޭގެ ވާހަކަ ނޫންބާވައެވެ؟ އެ ދެއްކި ވާހަކަތަކަށް ފަހު، އަނިލް ކަޕޫރު ކަންތައް ކުރި ގޮތަށް ކަންތައް ކުރާނެ މީހަކު ނުވަތަ "ދަ ރިއަލް ހީރޯ" އެއް ރާއްޖެއަށް ވެސް މިހާރު އެބަ ބޭނުންވޭ ނޫން ހެއްޔެވެ؟ މި ދެންނެވި ބައެއް ވާހަކަތަކާއި ކަންތައްތައް ހިއްސާކޮށްލާނަމެވެ. ޓީވީ އިސްޓޭޝަނެއްގެ ފަރާތުން ރާވާ އިންތިޒާމްކުރާ ލައިވް ޕްރޮގުރާމެއްގައި ޗީފު މިނިސްޓަރު އަމްރޭޝް ޕޫރީއާ އިންޓަރވިއު ކުރުމުގެ ފުރުސަތު ނޫސްވެރިއެއްގެ ބައިކުޅޭ، އަނިލް ކަޕޫރަށް ތަނަވަސް ވެއެވެ. ޗީފް މިނިސްޓަރަކީ އެ އިސްޓޭޓުގައި އޮންނަ ސަރުކާރެއްގެ އެންމެ އިސްވެރިޔާއެވެ. ރާއްޖޭގައި ނަމަ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމަށް ބަލެވިދާނެއެވެ. މުޅި ގައުމަށް ލައިވް ޓީވީތަކުގައި ދައްކަމުން ދިޔަ ބަސްދީގަތުމުގައި ކުރާ ބައެއް ސުވާލުތަކާއި އޭގެ ޖަވާބުތައް ދިވެހިބަހުން ލިޔެލާނަމެވެ. ރާއްޖެއާ ގުޅޭތޯ ނުވަތަ ނުގުޅޭތޯ ނިންމާނީ ލިޔުން ވިދާޅުވާ ބޭފުޅުންނެވެ. އަނިލް ކަޕޫރު (ނޫސްވެރިޔާ): މަނިކުފާނު! ކޮންމެ އިންތިޚާބެއްގައި ވެސް ތިޔަ މަގާމަށް ކުރިމަތި ލައްވާ ބޭފުޅުން، ރައްޔިތުންގެ މައްސަލަތަކަށް ހައްލު ގެނެސްދެއްވާނެ ކަމަށް ވައުދުވެ ވަޑައިގަންނަވާ! އަދި މައްސަލަތައް ހައްލުކޮށްދެއްވާނެ ކަމުގެ ފުރިހަމަ އުއްމީދާއެކު ވޯޓު ދެއްވާ. އެކަމަކު ކޮންމެ ފަހަރަކު ވެސް ރައްޔިތުން މާޔޫސްވޭ، އަދި ކޮންމެ ފަހަރަކު ވެސް ކުރިމަތި ވަނީ އޮޅުވައިލުމާ! މަނިކުފާނުގެ ވެރިކަމުގައި ވެސް ކަން ހިނގަމުން މި ދަނީ ހަމަ އެ ގޮތަށް. އެއީ ކީއްވެ ތޯ؟ އަނިލް ކަޕޫރު ޗީފް މިނިސްޓަރާ އިންޓަވިއޫ ކުރަނީ އަމްރޭޝް ޕޫރީ (ޗީފް މިނިސްޓަރު): އަޅުގަނޑަށް ހީވަނީ މި އިސްޓޫޑިއޯ އިން ތިބާ އެއްވެސް ވަރަކަށް ބޭރަށް ނުނުކުންނަ ހެން. މިއަދު މަހާރާޝްތްރާގެ ކޮންމެ ގެއެއްގައި ކުލަ ޓީވީއާއި ކޮންމެ އަވަށެއްގައި ޑިޝް އެންޓަނަ ހުރީ ހަރުކުރެވިފައި. ކަންކަން މަތީގައާއި ގޯޅިތަކުގައި އެސްޓީޑީ އާއި އައި އެސްޓީޑީގެ ބޫތުތައް ހުރީ ހަރުކުރެވިފައި. އިންޓަރނެޓު ލިބޭ. ކޮންމެ މީހެއްގެ އަތުގައި އަމިއްލަ އުޅަނދު އެބަހުރި. މިއަދު ކޮންމެ މީހަކު ފައިވާނަށް އަރާ. ކޮންމެ މީހެއްގެ އަތުކުރީ ގަޑިއެއް އޮވޭ. މެކްޑޮލަޑުން ކެއުންތައް ކައި، މީހުންގެ ދިރިއުޅުމުގެ ފެންވަރު މިހާ މައްޗަށް ހިނގައްޖެ. އަދި އަހަރެން ކަށަވަރު ކަމާއެކު ބުނެފާނަން، އެއްވެސް ރައްޔިތަކު ވޭތުވެ ދިޔަ ފަނަރަ އަހަރު ތެރޭގައި ބަނޑަށް މަރުވެފައި ނުހުންނާނެ. އަނިލް ކަޕޫރު (ނޫސްވެރިޔާ): މެކްޑޮލަޑުގެ ބަރުގަރު ކީއްކުރަންތޯ، ދެ ވަގުތުގެ ކެއުން ވެސް ދަނޑުވެރީންނަށް ހަމައަށް ނުލިބޭ. އެއްވެސް މަސައްކަތްތެރިއެއް ކާރުގައި ދަތުރެއް ނުކުރޭ. އޭގެ ބަދަލުގައި ގަދަ ހޫނުގައި އެ މީހުންގެ ގުދާރުތައް ފިއްސާ މަސައްކަތްކުރޭ. މުއްސަނދިން އިތުރަށް މުއްސަނދި ވާއިރު ފަގީރުން ދަނީ އިތުރަށް ފަގީރުވެ، ނިކަމެތިވަމުން. މި އިންޓަރވިއު އަކުރުން އަކުރަށް ތަރުޖަމާކޮށް އިތުރަށް ލިޔާކަށް ނެތީމެވެ. އިސްވެދިޔަ ބައިތަކުގައި ދެކެވުނު ވާހަކަކޮޅުން ވެސް ފާހަގަވީ އިންޑިޔާގެ ނިކަމެތި ރައްޔިތުންނެކޭ އެއް ފަދައިން، ދިވެހި ރައްޔިތުން ވެސް އުޅެމުން މި ދަނީ ހަމަ މި ހާލުގައި ކަމެވެ. ވެރީން ވެރިކަމަށް އަންނަނީ ބޮޑެތި ވައުދުތައް ވެގެންކަމާއި ވެރިކަމަށް އައުމަށް ފަހު ވައުދުތައް ނުފުއްދާކަމެވެ. ނިކަމެތީން އިތުރަށް ނިކަމެތިވާ ކަމާއި މުއްސަނދިން އިތުރަށް މުއްސަނދިވާކަން އަނިލް ކަޕޫރު ކިޔައިދިން އިރު ހީވަނީ އެ ދައްކަނީ ރާއްޖޭގެ ވާހަކަހެންނެވެ. އިންޓަރވިއު ކުރިއަށް ދިޔަ ވަރަކަށް ރައްޔިތުންގެ ކަންބޮޑުވުންތައް ހާމަކޮށްދިނުމާއި ވެރީންގެ މަކަރުވެރިކަން ބޭޒާރުކޮށްދީފައިވާ މިންވަރު ދިޔައީ އިތުރުވަމުންނެވެ. އިންޑިޔާގެ މަހާރާޝްތުރާގެ މަގުތަކުގައި އުޅަނދުތަކެއްގައި ރޯކޮށް އެތައް ބަޔަކު މަރުވުމުގެ ހިތާމަވެރި ހަދިސާގައި ޗީފް މިނިސްޓަރުގެ އަތެއް ވާކަން ފުރިހަމަ ހެއްކާއެކު ލައިވް ޓީވީގައި ބޭޒާރުކޮށްލައެވެ. ޗީފް މިނިސްޓަރާ ފޯނުން ދެއްކި ވާހަކައެއް އަޑު އިއްވައެވެ. ކަމަކު ދާކަށް ނެތެވެ. ޗީފް މިނިސްޓަރު ޕޮލިސް ކޮމިޝަނަރަށް ގުޅައި، މަގުމަތީގެ ހަމަނުޖެހުން ހިންގި މީހުން ހައްޔަރުކޮށްގެން ނުވާނެ ކަމަށް އަމުރުކުރެއެވެ. އެ މީހުންނަކީ ޗީފް މިނިސްޓަރު ޕާޓީގެ ކުދީންކޮޅެއް ކަމަށާއި އޭނާއަށް ވޯޓު ހޯދައިދީ ހޮވައިދޭން މަސައްކަތްކުރި އަވަށުގެ މީހުން އެ ކަމުގައި ހިމެނޭ ކަމަށް ބުނެ އެ މީހުން ވެސް ހައްޔަރުނުކުރާން އަމުރުކުރެއެވެ. މި ވާހަކަތައް އަޑު އިވުމުންނާއި މަންޒަރުތައް ފެނުމުން ހިތަށް ވެރިވަނީ، މިކަންކަން މިހާރު ރާއްޖޭގައި ހިނގާ ނޫން ހެއްޔެވެ؟ ވެރިކަމުގައި އޮންނަ ޕާޓީގެ ކުށްވެރީން ޖަލުތަކުންނާއި ބަންދުން މިނިވަންވާ މިންވަރާއި އެ ފަދަ "ގޭންގު"ތަކުގެ އަހުލުވެރީން ހިތުހުރި ގޮތަކަށް އުޅޭ މިންވަރުން ހަމަ ހިތަށް އަރަނީ މި އީ ރާއްޖޭގެ ވެސް ހާލުކަމަށެވެ. ކޮންމެ ވެރިކަމެއްގައި ވެސް ވެރިކަމަށް ތާއީދުކުރުމާއެކު ކޮންމެ ކުށްވެރިއެއްގެ ކުށްތައް ދޮވެ ސާފުވޭ ނޫން ހެއްޔެވެ؟ ކޯޓުތަކުން އިއްވާފައި ހުންނަ ހުކުންތައް، ވެރިކަމުގައި ތިބޭ މީހުންގެ ރުހުމާ އެއް ގޮތަށް އަލުން މުރާޖައާ ކުރަން ފަނޑިޔާރުންގެ އާ ހުކުންތައް ނެރެފައި އެބަހުރި ނޫން ހެއްޔެވެ؟ މިހިރަ ކަންކަން ވޭތުވެ ދިޔަ 15ވަރަކަށް އަހަރުގެ މާޒީގައި ރާއްޖޭގައި ހިނގާފައި ހުރީ މަދެއްކޮށެއް ނޫނެއް ނޫން ހެއްޔެވެ؟ މިހާ ހިސާބަށް ލިޔުން ދިޔަ އިރު ވެސް އަނިލް ކަޕޫރު ރާއްޖޭގެ ވެރިކަމަށް ގެންނަން ޖެހޭ ސަބާބާ ދިމާއަށް މިސްރާބެއް ނުޖަހައި ތިޔަ އުޅެނީ ކީއްވެހޭ ކިޔުންތެރީން ސުވާލުކުރާނެކަން އެނގޭތީ އެ ދިމާއަށް މިސްރާބު ޖަހަމާ ހިނގާށެވެ. އަނިލް ކަޕޫރާއި ޗީފް މިނިސްޓަރާ ދެމެދު ކުރެވޭ ހޫނު ބަހުސެއްގެ ތެރެއިން 24 ގަޑިއިރަށް އަނިލް ކަޕޫރަށް ޗީފް މިނިސްޓަރުކަން ހަވާލުކުރަން ދެ ފަރާތުން އެއްބަސް ވެއެވެ. ވަގުތުން ދުރަށް ދައްކަމުން ދިޔަ ޓީވީ ޕްރޮގުރާމްގައެވެ. ޗީފް މިނިސްޓަރުކަން ކުރުމަކީ ކިހާ އުނދަގޫކަމެއް ކަމާއި އެ ގޮޑީގައި އިންނަ މީހަކަށް އަންނަ ޕްރެޝަރުތައް ނޫސްވެރިއަކަށް ނޭނގޭނެ ކަމަށާއި އެކަން އެނގޭނީ އެކަން ތަޖުރިބާ ކޮށްގެން ކަމަށް ބުނެ ކުރެވޭ ޒުވާބުގެ ނިމުމަކީ ނުސްވެރިޔާ އަނިލް ކަޕޫރަށް 24 ގަޑި އިރަށް ޗީފް މިނިސްޓަރުކަން ލިބުމެވެ. ކަންތަކާ ޖެހުނީ ދެންތާއެވެ! 24ގަޑި އިރުތެރޭ އެ ކުރާ ކަންތައްތައް ކުރާ ގޮތަށް މި ރާއްޖޭގައި ވެސް ކަންތައްތަކެއް ކުރާން ވެއްޖެއޭ ހަމަ ހިތަށް އަރަނީއެވެ. މާތްކަލާކޯއެވެ. ކަމަކުދާކަށް ނެތެވެ. 24 ގަޑިއިރަށް ޗީފް މިނިސްޓަރުކަން ލިބުނު އަނިލް ކަޕޫރު އޮފީހަށް ވަޑައިގަތީ "އޮޓޯ" އެއްގައެވެ. ދިވެހީން ދަންނަ ކުރޮޅިއެއް ގައެވެ. ވަރުވަރުގެ ހަށިފާރަވެރީންނެއް ނެތެވެ. ތިން ހަތަރު ކާރާއި ޖީޕާއި ފުލުހުންގެ އުޅަނދެއް ނެތެވެ. ތަންގަނޑު އެންމެންނަށް އުނދަގޫވާ ވަރަށް ތޫލިއަޑަކުން "ސައިރަން"އެއް ނާޅައެވެ. ކާރުކޮޅުގެ ދޮރު ހުޅުވައިދީ ނުކުތުމަށް އަތުން އިޝާރާތްކުރަންދެން ކުރޮޅީގައި ނުއިންނަވައެވެ. އަޖައިބެއް ނުވޭ ހެއްޔެވެ؟ އެއްވެފައިވާ ނޫސްވެރީންނާއި މީހުންތައް އޭނާ މަރާކަށް ނުދުވެއެވެ. އަސްތާ! އަދި ލޮލުގައި އަޅައިގަން އެހެން ކަމެއް ފާހަގަވިއެވެ. ކުރީގެ ޗީފް މިނިސްޓަރުގެ އަރިހުގައި "ދަންނަވަންތޯ ދަންނަވަންތޯ" ވިދާޅުވާން ހުންނެވި "ވަޒީރު" 24ގަޑި އިރަށް ޗީފު މިނިސްޓަރުކަމާ ހަވާލުވެ ވަޑައިގެންނެވި އަނިލްކަޕޫރަށް މަރުހަބާ ވިދާޅުވެ އެންމެ އަރިހުގައި ހަމަ "ދަންނަވަންތޯ ދަންނަވަންތޯ" ވިދާޅުވަމުން ދިޔައެވެ. މުޅީން ކުލަ ބަދަލުވީއެވެ. މި ގަލުގެ ކުލައާ އެއް ގޮތް ކޮށްލީއެވެ. ދިވެހި ވެށީން ނަމަ ބޯވައެކޭ ތަފާތެއް ނެތް ދޯއެވެ. އޮފީހުގެ ރަސްމީ މަސައްކަތާ ހަވާލުވެ ވަޑައިގަތުމަށް ފަހު، ފުރަތަމަ ވެސް އެއްކުރެއްވީ ފުލުހުންގެ އެންމެ މަތީ އިސްވެރީންނެވެ. ދެއްކެވި ވާހަކައިގައި ރިޝްވަތު ހިފާ މީހުންނާއި އެކަމަށް މަގުފަހި ކުރާ މީހުންނާއި ރިޝްވަތު ދޭ މީހުންނާއި މި އެންމެންނާ މެދު ފިޔަވަޅު އަޅާނެ ކަމަށާއި ވޭތުވެ ދިޔަ ތަނުގައި ރިޝްވަތާ ގުޅުންހުރި މައްސަލަތަކުގައި "ފައިލް" ކޮށްފައިވާ ލިޔުންތައް އަލުން ބަލާނެ ކަމަށް ވިދާޅުވެ ވަރުގަދަ އިންޒާރެއް ދެއްވައެވެ. އެކަމާ ފުލުހުންގެ އެންމެ އިސްވެރީންނާއި އެ މުއައްސަސާއާ ގުޅުން ހުރި އެހެން އިދާރާތަކުގެ ވެރީންގެ ގައިން ހީބިހި ނަގައިގެން ދެއެވެ. ދެން ޗީފް މިނިސްޓަރު ރަސްމީ އިއްޒަތުގައި ވަޑައިގަތީ ތޮއް ޖެހިފައިވާ އެންމެ ނިކަމެތީން އުޅޭ އަވަށް ގަޑަށެވެ. ސަރުކާރުން އަޅައިދިން ސޯޝަލް ހައުސިން އިސްކީމުގެ ދަށުން ދޫކޮށްފައިވާ ފުލެޓުތައް ސަރުކާރުގެ ވަޒީރުންނަށާއި ވެރީންނަށާއި މަސައްކަތާ ހަވާލުވެ ތިބޭ އިސް ވެރީންނަށް ނަހަމަ ގޮތުގައި ދީފައިވާކަމަށް ވިދާޅުވެ، އެކަމާ ހަވާލުވެ ހުންނަ އެންމެ އިސް މީހާ އެ މަގާމުން ވަގުތުން ސަސްޕެންޑު ކޮށްލެއްވިއެވެ. ނިކަމެތީންނަށް ދީފައިވާ ފުލެޓުތައް ކުއްޔަށް ދީފައިވާތީ، އެ ނިކަމެތީން ވެސް ހޯއްދަވާ އެކަން ވެސް ނިމުމަކަށް ގެންނެވިއެވެ. ކުއްޔަށް ދިނުން މަނާކޮށްފައިވާ އެއްވެސް ފުލެޓެއްގައި ކުއްޔަށް ބަޔަކު އުޅޭ ނަމަ ވަގުތުން އެ ބަޔަކު އެ ތަނުން ނެރެ ފުލެޓުގެ ވެރިފަރާތާ ހަވާލުކުރެއްވިއެވެ. ހަމަ ވަގުތުން ވަގުތަށް ކަންކޮށް ނިންމާލެއްވިއެވެ. ދިގު ދަންމާކަށް ނުހައްދަވައެވެ. ހަރުކަށިކަމާއެކު ގާނޫނޫ ތަންފީޒުކުރެއްވިއެވެ. އެ ވެސް ވަގުތުންނެވެ. ޓެކުހަށް މަކަރު ހަދާ ވިޔަފާރިވެރީންގެ ވިޔާފާރި ލައިސަންސް ބާޠިލުކުރައްވާނެ ކަމަށާއި އެއްވެސް މީހަކު، އެއްވެސް ތާކުން ވިޔަފާރިއެއް ކޮށްފި ނަމަ ވިޔަފާރިކުރި ރަސީދު ހޯދުމަށާއި ޓެކުސް ބަރާބަރަށް ދެއްކުމަށް އަމުރުކޮށް އެކަން ތަންފީޒުކުރަން ފެއްޓެވިއެވެ. ހަމަ ވަގުތުންނެވެ. ބާޒާރަށް ނުކުމެ ވަޑައިގެން، މިނެކިރުމުގައި މަކަރު ހަދާ މީހުން ވަގުތުން ވަގުތަށް ހައްޔަރުކުރެއްވިއެވެ. އެ މީހެއްގެ ވިޔަފާރި ލައިސަން ވެސް ކެންސަލް ކުރެއްވިއެވެ.އާންމު ރައްޔިތުންގެ ޝަކުވާ އަޑުއެއްސެވުމަށް އެތައް ފޯނެއް ބަހައްޓަވައި ރައްޔިތުންގެ ފޯނުކޯލުތަކަށް ވަގުތުން ވަގުތަށް ޖަވާބު ދެއްވިއެވެ. އެ ފޯނުކޯލުތަކުން ލިބިވަޑައިގެންނެވި ޝަކުވާއާ ގުޅުވައި، އެކަން ރަނގަޅަށް ދެނެވަޑައިގަތުމަށް ފަހު ކުރިމަތިވާ މަސައްލަތައް ހައްލުކޮށްދެއްވިއެވެ. ސަރުކާރު ހޮސްޕިޓަލުތަކުގައި މަސައްކަތްކުރާ ޑަކުޓަރުން ގަޑިއަށް ހާޒިރުނުވާތީ އެކަން ވަގުތުން ހައްލުކޮށް އެ ޑަކުޓަރުން ސަރުކާރު ހޮސްޕިޓަލުން ވަކިކޮށްލެއްވިއެވެ. މޮޓަރު ސައިކަލު ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައި އޮންނަތާ އެއް މަސްދުވަސް ވީ އިރު ވެސް ޚަބަރެއް ނުވެގެން ވެރިފަރާތުން ޗީފު މިނިސްޓަރަށް ޝަކުވާ ހުށަހަޅައެވެ. އެ ޝަކުވާއާ ގުޅިގެން، ރިޕޯޓު ލިޔެފައިވާ ފުލުހުންގެ އިދާރާއަށް ޗީފު މިނިސްޓަރު ގުޅުއްވުމުން އެ ތަނުގެ ވެރިއަކަށް ހުރި ފުލުހުންގެ ވެރިޔާ ވާހަކަދެއްކުމުގައި ހުރި ހަރުކަށިކަމާއި ސައިކަލު ގެއްލުނު މައްސަލަ ނުބަލާނެކަމަށް ބުނުމާއެކު އޭނާ ވެސް ވަޒީފާއިން ވަކިކޮށްލައްވައެވެ. މިއީ އިންޑިޔާގެ ފިލުމެއްގައި ހިނގާ ކަންތައްތަކެއް ކަމުގައި ވީ ނަމަވެސް، ރާއްޖޭގެ ވޭތުވެ ދިޔަ 15ވަރަކަށް އަހަރު ސިޔާސީ މައިދާނުގައި ކަންކަން ހިނގަމުން ދާ ގޮތާ ވަރަށް ގުޅުން ބޮޑެވެ. މީގެ ތެރެއިން ބައެއް ކަންކަމަކީ ފިލުމެއްގައި ދެއްކުމަށް ޓަކައި ބެލުންތެރީން ޝައުގުވެރިވާނޭ ގޮތަށް ބައްޓަން ކޮށްފައި ހުރި މަންޒަރުތަކެކެވެ. އެހެނަސް .... ރާއްޖޭގެ ސިޔާސީ ކަންކަން މިހާރު ކުރިއަށް ދާ ގޮތަށް ވިސްނާލީމާ ކަންކަން ތަންފީޒުނުކުރެވޭ ކަން ހާމަވެއެވެ. އެހެންވީމާ ކަންކަން ތަންފީޒުކޮށްދޭނޭ ވެރިއަކު ބޭނުން ވެއްޖެ ނޫންހެއްޔެވެ؟ ދައުލަތުގެ ފައިސާއިން ވައްކަންކޮށްފައި އެއްވެސް ޖެހިލުމެއް ނެތި މިނިވަންކަމާއެކު ރައްޔިތުންގެ ކުރިމަތީގައި އަރާމުގައި އުޅޭ ނޫން ހެއްޔެވެ؟ އެއް ދައުރެއްގައި ކުށްވެރިވެގެން ޖަލަށްލާ ކުށްވެރިޔާ އަނެއް ދައުރުގައި ހަމަ ކޯޓުން މިނިވަން ކޮށްދޭ ނޫން ހެއްޔެވެ؟ ވަޒީރުންގެ އިސްތަށިފުޅުގައި ރިޝްވަތާއި ވައްކަމާއި މަކަރާއި ޓެކުމުގެ ބަދުނާމާއި ތުހުމަތު އެޅިފައިވޭ ނޫން ހެއްޔެވެ؟ އެއްވެސް މަސައްކަތެއް ނުކޮށް ކުއްލިއަކަށް މުއްސަނދިވާ މީހުން ވަނީ ގިނަ ނޫން ހެއްޔެވެ؟ ދިހަ ބާރަ މިލިއަން ރުފިޔާ އެއް ފަހަރާ ދީފައި ބޮޑެތި އިމާރާތްތަކާއި ޒަމާނީ ފުލެޓުތައް ގަނެލަނީ ނޫންހެއްޔެވެ؟ ދައުލަތުގެ އިސް މުއައްސަސާތަކުގެ ވެރީންނަށް ވައްކަމުގެ ތުހުމަތުކުރެވިފައި ވޭ ނޫންހެއްޔެވެ؟ މިހިރަ މިހިރަ މައްސަލަތަކަކީ ކޮންމެ ކޮންމެ ވެރިއަކަށް ހައްލުކުރެވޭނެ ކަންކަމެއް ނޫނެވެ. ޕާޓީ މީހުން ރުއްސައިފައި ޕާޓީ ކުރިއަރުވާން އުޅޭ ވެރިއަކަށް މިކަންކަމެއް ހައްލެއް ނުވާނެއެވެ. މިކަންކަން ހައްލުވާނީ ކެރޭ ވެރިއަކަށެވެ. ކަންކަމާ ކުރިމަތިލާން ކެރޭ ޖެހިލުން ކުޑަ ރައްޔިތުންނަށް އިސްކަންދެވޭ ވެރިއަކަށެވެ. ނިކަމެތި ރައްޔިތުން އުޅޭ ހާލު އެނގޭ ވެރިއަކަށެވެ. އިލްމީ މީހުންނަށް ލޯބިކުރާ ވެރިއަކަށެވެ. ގޭންގުތައް ރޫޅާލާން ކެރޭ ވެރިއަކަށެވެ. އިންސާފާއި ހަމަހަމަކަން ގާއިމުކުރުމުގައި ފަސް ނުޖެހޭ ވެރިއަކަށެވެ. ރާއްޖޭގެ ސިޔާސީ މައިދާނުގައި އެ ފަދަ ސިޔާސީ ލީޑަރެއް ހުރިތޯ ބަލަމާ ހިނގާށެވެ. 2028ވަނަ އަހަރު މިހާރު އޮތީ އެހާ ދުރެއްގައެއް ނޫނެވެ. އެ އަހަރަށް "އަނިލް ކަޕޫރެއް" ހޯދަމާ ހިނގާށެވެ. ހައްލަކީ އެއީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ