މިންތީގެ ހަމަހަމަކަމާއި އިޖުތިމާއީ ޝާމިލުކަން ކަށަވަރުކުރަން، 4 އިދާރާއަކަށް 12 ބިލިއަން ރުފިޔާ

މިންތީގެ ހަމަހަމަކަމާއި އިޖުތިމާއީ ޝާމިލުކަން (ޖީއީއެސްއައި)އަށް ހަތަރު އިދާރާއަކުން ކުރާ މަސައްކަތްތަކަށް ތިން އަހަރުތެރޭ 12 ބިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ލަފާކޮށްފިއެވެ. ފިނޭންސް މިނިސްޓްރީން ވަނީ، މިންތީގެ ހަމަހަމަކަމާއި އިޖުތިމާއީ ޝާމިލުކަމަށް ކުރާ މަސައްކަތުގެ ބަޖެޓިންއާ ގުޅޭ ޕައިލެޓް ޕްރޮޖެކްޓެއް އިއުލާންކޮށްފައެވެ. އެ މިނިސްޓްރީން ވަނީ، އެ މަސައްކަތްތަކުގެ ދަށުން އެހީ ފޯރުކޮށްދެނީ އަންހެނުންނާއި، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި، ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި، ފުދުންތެރިކަން ދަށް ގޭބިސީތަަކަށް ކަމަށް ބުނެފައެވެ. ފިނޭންސް މިނިސްޓްރީން ވަނީ، މިއީ އެހީ ބޭނުންވާ މީހުންނަށް ވަކި ބަޖެޓެއް ކަނޑައެޅުން ނޫންކަން ފާހަގަކޮށްފައެވެ. އޭގެ ބަދަލުގައި މިއީ، އެހީ ބޭނުންވާ ފަރާތްތަކަށް ކަނޑައަޅާ ބަޖެޓް ރާވާ ގޮތާއި، ރިވިއުކުރާ ގޮތާއި، މޮނިޓާ ކުރާ ގޮތް މިހާރަށް ވުރެ ހަރުދަނާ ކުރުމަށް ކުރިއަށްގެންދާ މަސައްކަތެއް ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. މި ޕައިލެޓް މަޝްރޫއުގެ ދަށުން، އެހީ ބޭނުންވާ މީހުންނަށް ހަތަރު އިދާރާތަކުން ކަނޑައަޅާ ބަޖެޓުތައް ހަމަޖައްސާ ގޮތް ބަލައި، މިހާރަށްވުރެ ރަނގަޅު ނިޒާމެއްގެ ދަށުން ޓްރެކް ކުރުމުގެ މަސައްކަތްތައް ކުރާނެއެވެ. އެ ހަތަރު އިދާރާއަކީ އެޑިއުކޭޝަން ހަޔާ އެޑިއުކޭޝަން މިނިސްޓްރީ، ހެލްތު މިނިސްޓްރީ، ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އަދި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (އެފްޕީއޭ)އެވެ. ފިނޭންސް މިނިސްޓަރު ޒަރީރު: މިންތީގެ ހަމަހަމަކަމާއި އިޖުތިމާއީ ޝާމިލުކަން ކަށަވަރުކުރަން، 4 އިދާރާއަކުން ތިން އަހަރު ތެރޭ 12 ބިލިއަން ރުފިޔާ ޚަރަދުކުރާނެ ކަމަށް އަންދާޒާކުރޭ -- ފޮޓޯ/ ފިނޭންސް މިނިސްޓްރީ ފިނޭންސް މިނިސްޓްރީން ވަނީ އަންނަ އަހަރުން ފެށިގެން 2029އާ ދޭތެރޭ، އެ އިދާރާތަކުން މިންތީގެ ހަމަހަމަކަމާއި އިޖުތިމާއީ ޝާމިލުކަމަށް ކުރާ މަސައްކަތްތަކަށް 12 ބިލިއަން ރުފިޔާ ޚަރަދު ވާނެ ކަމަށް ލަފާކޮށްފައެވެ. އެއީ އެ މުއްދަތުގައި ދައުލަތުގެ ޚަރަދުގެ ގާތްގަނޑަކަށް 24 ޕަސެންޓެވެ. މި ޕައިލެޓް މަޝްރޫއުގެ ދަށުން ކުރާނެ މަސައްކަތްތަކުގެ ތެރޭގައި، އެހީ ބޭނުންވާ މީހުންނަށް ބަޖެޓުން ފޯރުކޮށްދެވޭ އެހީ ދެނެގަތުމާއި، އެއީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް ކުރާ ޚަރަދުތަކެއްކަން ކަށަވަރު ކުރުމާއި، ދެފުށްފެންނަ އަދި ޒިންމާދާރު ކުރުވޭ ނިޒާމެއްގެ ދަށުން އެ ޚަރަދުތައް ކުރުން ހިމެނެއެވެ. އެ މަޝްރޫއުގެ ދަށުން، ހަތަރު އިދާރާއިން ކުރިއަށްގެންދާ މަސައްކަތްތަކުން އެހީ ލިބެނީ ކޮން ބަޔަކަށްތޯ ދެނެގަނެ، އެކަމަށް ޚަރަދުވާ ފައިސާއާއި އިތުރު ތަފުސީލުތައް އެއްކުރާނެއެވެ. އެގޮތުން އިދާރާތަކުން ފޯރުކޮށްދޭނެ މައުލޫމާތުތަކުގެ ތެރޭގައި، އިޖުތިމާއި ހަމަހަމަކަން ގާއިމުކުުރުމަށް ކުރާ މަސައްކަތުގެ ތަފުސީލާއި، އެހީ ލިބޭ މީހުންގެ އަދަދާއި، ބަޖެޓް ކުރާ މިންވަރު ހިމެނެއެވެ. މީގެ އިތުރުން، އެ ކުރާ މަސައްކަތްތައް ތިން ކެޓެގަރީއަކަށް ބަހައި، ލޭބަލް ކުރުމުގެ މަސައްކަތް ވެސް ކުރާނެއެވެ. އެގޮތުން ފުރަތަމަ ކެޓެގަރީއަކީ، ޖީއީއެސްއައިގެ ތެރޭގައި ހިމެނޭ ބަޔަކަށް ސީދާ އަމާޒުކޮށް ހިންގާ ހަރަކާތެކެވެ. އޭގެ ތެރޭގައި ހިމެނޭނެ ކަމެއްގެ މިސާލަކީ، ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ދޭ އެލަވަންސްއެވެ. ދެވަނަ ކެޓަގަރީގައި ހިމަނާނީ، އިދާރާއިން ހިންގާ ހަރަކާތުން ބޮޑަށް ފައިދާވަނީ އެހީއަށް ބޭނުންވާ މީހުންނަށް ކަމަށްވާނަމައެވެ. އޭގެ މިސާލެއްގެ ގޮތުގައި ހިމެނެނީ، އަންހެން ކުދިންނަށް 45 ޕަސެންޓް ފުރުސަތު ލިބޭ ސްކޮލާޝިޕް ޕްރޮގްރާމެކެވެ. ތިންވަނަ ކެޓަގަރީގައި ހިމެނޭނީ، ސީދާ ނޫން ގޮތެއްގައި އެހީ ފޯރުކޮށްދެވޭ ހަރަކާތްތަކެވެ. އޭގެ ތެރޭގައި، މަގުތައް މަރާމާތު ކުރުން ފަދަ މަސައްކަތް ވެސް ހިމެނޭނެއެވެ. ހަތަރު އިދާރާގެ ޖީއީއެސްއައި ބަޖެޓަށް 12 ބިލިއަން ޚަރަދުވާނެ ކަމަށް އަންދާޒާކޮށްފައިވާއިރު އޭގެ ތެރޭގައި، ޑިސްއެބިލިޓީ އެލަވަންސްއަށް ތިން އަހަރުން ޚަރަދުވާނެ ކަމަށް ބެލެވޭ އަށް މިލިއަން ރުފިޔާއާއި މައިންގެ ސިއްހީ ފަރުވާއަށް ޚަރަދުވާނެ ކަމަށް ބެލެވޭ 10 މިލިއަން ރުފިޔާ ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ