މޫސުމީ ބަދަލުތަކުގެ އަސަރު، ރާއްޖޭގެ ބޯފެނަށް ކުރާ ކަމަށާއި ފެނުގެ ރައްކާތެރިކަމަށް ކުރިމަތިވާ އެއް ގޮންޖެހުމަކީ އެއީ ކަމަށް، އެންވަޔަރަމެންޓް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - ފެނާއި ނަރުދަމާއާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި އެ މިނިސްޓްރީން ވަނީ ރާއްޖޭގެ ބޯފެނުގެ ނިޒާމަށް ކުރިމަތިވެދާނެ ބައެއް ގޮންޖެހުންތައް ހިއްސާކޮށްފަ އެވެ.
ބުނީ ކީކޭ؟ - އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، އެންވަޔަރަމެންޓް މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް މުހައްމަދު މުސްތަފާ ވިދާޅުވި ގޮތުގައި ރާއްޖޭގެ ބޯފެނަށް، މޫސުމީ ބަދަލުތަކުގެ އަސަރު ވަނީ ކުރިމަތިވެފަ އެވެ. އެގޮތުން އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިވެފައިވަނީ، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ބިމުގެ ފެން ލޮނުވުމާއި ވާރޭފެނުގެ ވަސީލަތްތަކަށް ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބައެއް ރަށްރަށުގައި ނަރުދަމާ ނިޒާމު ވަޅުލާފައި ހުންނަނީ ވަރަށް ތިލައިގައި ކަމަށް ވުމުން، ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ފެނާއި ނަރުދަމާގެ ނިޒާމަށް ގެއްލުން ލިބޭ ކަމަށެވެ.
އެހެންވެ، ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ދުވަސްވަރާއި މިންވަރު ބަދަލުވެފައިވާއިރު، މުސްތަގްބަލުގައި، ފެން ތަޣައްޔަރުވުމުގެ ފުރުސަތު ބޮޑުކަން އޭނާ ފާހަގަ ކުރެއްވި އެވެ.
މުސްތަފާ ވިދާޅުވި ގޮތުގައި، ރާއްޖޭގެ ގިނަ ރަށްރަށުގެ މީރުފެނުގެ ލެވެލް، އަދިވެސް ރަނގަޅު ފެންވަރަކަށް އެބަހުއްޓެވެ. އެހެންވެ، އެއީ ހިމާޔަތްކޮށް، ރައްކާތެރިކުރަން ޖެހޭ ވަސީލަތެއް ކަމަށް ބުންޏެވެ.
އެންވަޔަރަމެންޓް މިނިސްޓްރީން ބުނި ގޮތުގައި:
ވޭތުވެ ދިޔަ 10 އަހަރުގެ ތެރޭގައި، ފެނަށް ޖެހިގެން އަހަރަކު 51 ރަށަށް ފެން ފޯރުކޮށްދީފައިވޭ
އެއީ 2،333 ޓަނުގެ ފެން
އެކަމަށް އަހަރަކު އެވްރެޖްކޮށް 6.4 މިލިޔަން ރުފިޔާ ހަރަދުވޭ
މުސްތަފާ ވިދާޅުވީ ކުރިއަށް އޮތް ދޮޅު އަހަރުގެ ތެރޭގައި މި ހިސާބުތައް ހުއްޓޭނެ ކަމަށާއި އެހާތަނަށް، ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ފެނުގެ ނިޒާމު ގާއިމްކޮށް ނިމޭނެ ކަމަށެވެ.
މޫސުމީ ބަދަލުތަކުގެ އަސަރު ރާއްޖޭގެ ބޯފެނަށް ކުރޭ: މިނިސްޓްރީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ