ނާޒިމް މަޖިލީހުގެ ނައިބު ރައީސްކަމުން އިސްތިއުފާ ދެއްވި ފަހުން ފުރަތަމަ ފަހަރަށް ޖަލްސާއަކަށް
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުން އިސްތިއުފާ ދެއްވި ފަހުން ފުރަތަމަ ފަހަރަށް، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް މަޖިލީހުގެ ޖަލްސާއެއްގައި ބައިވެރިވެވަޑައިގެންފިއެވެ. މިދިޔަ މެއި މަހުގެ 31ގައި ނާޒިމް މަޖިލީހުގެ ނައިބު ރައީސް ކަމުން އިސްތިއުފާ ދެއްވީ އޭނާއާ މެދު ވަރަށް ބޮޑަށް ނުތަނަވަސްކަން އުފެދި، ޕީއެންސީގެ ހުރިހާ މަޖިލީސް މެންބަރުންގެ ސޮޔާ އެކު އޭނާ ވަކިކުރަން ކުއްލިއަކަށް ހުށަހެޅި ފަހުންނެވެ. މެއި މަހުގެ 14ގައި އެގޮތަށް ހުށަހެޅީ، ސީދާ ކޮން ސަބަބަކާ ހުރެ ކަމެއްކަން ޕީއެންސީން ރަސްމީކޮށް ހާމައެއް ނުކުރެއެވެ. އެކަމަކު، ވަކިކުރާ ވޯޓަށް އަހަން ކުޑަތަންވެފައި އޮއްވައި ނާޒިމް އަމިއްލަފުޅަށް މަޖިލީހުގެ ނައިބު ރައީސްކަމުން އިސްތިއުފާދެއްވީއެވެ. އޭގެ ފަހުން، ޕީއެންސީގެ ދިއްގަރު ދާއިރާގެ ރައީސްކަމުން ވެސް އޭނާ ވަނީ ވަކިކޮށްފައެވެ. ނާޒިމް ވަކިކުރުމުގެ މަސައްކަތްތައް ކުރުމަށް މަޖިލިސް ޗުއްޓީއަށް ނުގޮސް, ދައުރު ދަންމާ ވެސްލިއެވެ. އެއަށްފަހު މަޖިލީހުން ދިޔައީ ޗުއްޓީއަށެވެ. ޗުއްޓީއަށްފަހު، މަޖިލީހުން ހަތަރު ޖަލްސާއެއް ބާއްވައިފައިވީ ނަމަވެސް ނާޒިމް ބައިވެރިވެވަޑައިގެންފައި ނުވެއެވެ. ނަމަވެސް މިއަދުގެ ޖަލްސާގައި އޭނާ ވަނީ ބައިވެރިވެވަޑައިގެންފައެވެ. https://sun.mv/222904 އެ ޖަލްސާގައި ދެ ވޯޓަކަށް އެހިއެވެ. އެއީ ޓްރާންސްޕްލާންޓް ކުރުމުގެ ބިލު ފާސްކުރުމަށާއި ކުނި މެނޭޖްކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ބަލައިގަތުމަށެވެ. އެ ދެ ބިލާ ގުޅުވައި ވެސް ނާޒިމް ވޯޓު ދެއްވީ، ޕީއެންސީގެ އެހެން މެންބަރުން ވޯޓު ދެއްވި ގޮތަށް، ހުށަހަޅައިފައިވާ ދެ ބިލާ އެއްކޮޅަށެވެ. ނާޒިމް މަގާމުން ވަކިކުރި ސަބަބެއް ޕީއެންސީން ހާމަނުކުރާއިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ނާޒިމް ވަކިކުރަން ޕީއެންސީން ނިންމީ މަޖިލީހުގެ 23 މެންބަރަކާ އެކު، ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުން އަޒުލުކުރަން ވޯޓެއް ނަގަން ތައްޔާރުވާތީ ކަމަށް ތުހުމަތުކުރައްވާފައެވެ. އެކަމަކު، އެ ތުހުމަތުތައް ޕީއެންސީން ދޮގު ކުރެއެވެ. އަދި، މަޖިލީހުގެ މެންބަރުން ތިބީ "ގަދަކޮށް" ސަރުކާރާ އެކުގައި ކަމަށް ޕީއެންސީން ތަކުރާރުކޮށް އަންނަނީ ބުނަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ