އައްޑޫގައި ގާއިމުކުރި ކުނިން ހަކަތަ އުފައްދާ ޕްލާންޓް އޮޕަރޭޝަނަށް ގެނެވޭނީ 2028ގައި: މިނިސްޓްރީ
އައްޑޫ ސިޓީގައި ގާއިމުކޮށްފައިވާ ކުނިން ހަކަތަ އުފައްދާ ނިޒާމު ނުވަތަ "ވޭސްޓް ޓު އެނާޖީ" ޕްލާންޓު 2028 ވަނަ އަހަރުގެ ތެރޭގައި އޮޕަރޭޝަނަށް ގެނެވޭނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެފިއެވެ. ގްރީން ފަންޑުން 16 މިލިއަން ޑޮލަރު ހޭދަކޮށްގެން 2023 ވަނަ އަހަރު ނިންމާފައިވާ މި ފެސިލިޓީ މިހާތަނަށް އޮޕަރޭޝަނަށް ނުގެނެވި ވަނީ، ފުރިހަމަ ސިސްޓަމެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ބޭނުންވާ ލޭންޑްފިލް އަދި ސޯޓިން ފެސިލިޓީ ފަދަ އިތުރު ބައިތައް ފުރިހަމަ ނުވާތީއެވެ. ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ނިޒާމު ވިދާޅުވީ، ހަމައެކަނި ޕްލާންޓެއް ހުރެގެން ކުނި މެނޭޖްކުރުމުގެ މަރުކަޒެއް ފުރިހަމައަށް ނުހިންގޭނެ ކަމަށެވެ. އެހެންކަމުން އަބޫދާބީ ފަންޑު ފޯ ޑިވެލޮޕްމަންޓުގެ އެހީގައި މިހާރު ކުރިއަށްދާ މަސައްކަތްތައް 2028ގެ މެދަކާ ހިސާބަށް ނިންމާލެވި، އޮޕަރޭޝަނަށް ގެނެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ. "މިވަގުތު ވޭސްޓް މެނޭޖްމަންޓް ޕްލާންޓު ގާއިމްކުރެވިފައި ހުރިކަމުގައިވީ ނަމަވެސް އޮޕަރޭޓެއް ނުކުރެވޭ. އޮޕަރޭޓް ނުކުރެވޭ ސަބަބަކީ އެ ފެސިލިޓީ ފުރިހަމަކުރަން ބޭނުންވާ އިތުރު ކޮންޕޯނަންޓުތައް މިހާރު ކުރިއަށް މިދާ މަޝްރޫއުގެ ތެރެއިން ލޭންޑް ފިލްއާއި ސޯޑިން ފެސިލިޓީ އަންނާނެ. އެ ފުރިހަމަވެގެން އަންނައިރު ފުރިހަމަ ސިސްޓަމަަކަށް ވެގެން އަންނާނެ،" ނިޒާމް ވިދާޅުވިއެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ކުރިއަށްގެންދާ ސަރަހައްދީ މަޝްރޫއުތަކުގެ ތެރެއިން އައްޑޫގެ މި ޕްލާންޓަކީ ދުވާލަކު 50 ޓަނުގެ ކުނި އަންދައިގެން 1.5 މެގަވޮޓްގެ ކަރަންޓު އުފެއްދުމުގެ ގާބިލުކަން ލިބިފައިވާ ނިޒާމެކެވެ. މައިގަނޑު މަސައްކަތްތައް ނިމިފައިވާ މި ޕްލާންޓު ހިންގުން ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕް (ޕީޕީޕީ) ގެ ދަށުން ބަޔަކާ ހަވާލުކުރަން ނިންމާފައިވީ ނަމަވެސް، އެކަމަށް ބޭނުންވާ ގާނޫނީ އަދި އިދާރީ ގަވާއިދުތަކުގެ މަސައްކަތްތައް ހުރުމުން، މިއީ ވަކި ކޮން ތާރީޚެއްގައި ހަވާލުކުރެވޭނެ ކަމެއް ކަން އަދި ކަނޑައެޅިގެން ބުނަން ނޭނގޭ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ފާހަގަކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ