ދަރޭތި

(އާދިއްތަ ދުވަހާ ގުޅޭ)
އާދަނުގެ އަނގަ ބަންދުވިއެވެ. އަތްބެލިމީހާ ބުނި ބޮޑު އަދަބާ ކުރިމަތިލާން އާދަނު ހުރީ ތައްޔާރަށެވެ. ކޮންމެ ފަދަ އަދަބެއް ދިނަސް އާދަނަށް ވަރިހަމައެވެ. އެހެނަސް، ނަރަކަ އާއި އަޒާބުގެ ވާހަކަ ބުނުމުން އާދަނުގެ ހިތަށް ބިރުވެރިކަން ވަނެވެ. ފަރިތަކުރުން ވަގުތުން ހުއްޓާލައިފައި އެ ގެއިން އާދަނު ނުކުތެވެ. 
ސޯސަންގެ ކައިރިން ގޮސް ހެންވޭރު ހޮޓާ ހުންނަ މަގަށް ލަނބައިލި ވަގުތު، އެ މަގުގެ ކޮޅުން ހަފީޒާ ފެނުނެވެ. ފެނުނީ ފުރަގަހުންނެވެ. ފެނުނުތާ މާ ގިނަ އިރެއް ނުވަނީސް ހަފީޒާ ގޯޅި އަޅައި އާދަނުގެ ލޯމަތިން ގެއްލުނު ވެސް މެއެވެ. އެހެނަސް އާދަނުގެ ހިތް ބުންޏެވެ. އެ ބުރުސޫރަ އާއި ބަނޑިބަނޑިތަކާއި ކުލަފަތިކަން އަޑުވީއްލައި ހެކި ދެނީ އެންމެ ކަމަކަށެވެ. އެއީ ހަފީޒާއެވެ. އާދަނު ދުއްވައިގަތެވެ. ހަފީޒާ އެޅި ގޯޅި ކަންމައްޗަށް ހުއްޓުނެވެ. ހަފީޒާއެއް ނުފެނުނެވެ. ސިލޯނަށް ގޮސްފައި އެހައި އަވަހަށް ހަފީޒާ މާލެ އަންނަންވީ ކީއްވެ ހެއްޔެވެ؟ އައީ ކޮން އިރަކު ހެއްޔެވެ؟ މާލެ އައިސް އާދަނަށް ނޭންގީ ކީއްވެ ހެއްޔެވެ؟ ސުވާލަކަށް ފަހު ސުވާލެކެވެ. ޖަވާބެއް ނޭނގުނެވެ.
ދޮންމަނިކު ހޯދަން އާދަނު ދުއްވައިގަތެވެ. ހިތަށް އެރިއެވެ. އެ ވަރު ކަމެއް ހިނގި ނަމަ ދޮންމަނިކަށް ނޭނގިއެއް ނުދާނެއެވެ. އެކި މީސްމީހުން ގާތުގައި އަހަމުން، ތަންތަނަށް ވަންނަމުން ގޮސް ދޮންމަނިކު އަތުލައިގަނެވުނީ ހެންވޭރު މައިޒާން ކައިރިންނެވެ. އާދަނު ފެނުމުން ދޮންމަނިކު ނިކަން ހަރުކޮށް އާދަނާ ދިމާއަށް ހިނގައިގަތެވެ. 
"ކަލޭ ހޯދާހޯދާ.." އާދަނަށް ބުނެވުނީ އެ ހިސާބަށެވެ. 
"މަ ވެސް އާދަނު ހޯދާހޯދާ.." ދޮންމަނިކު މަޑުމަޑުން ބުންޏެވެ. "އެބަ އުޅޭ ބޮކުސިން މުބާރާތެއް ފަށަން. ހަމީދު ރެފުރީއަކަށް ހުންނާނީ. މަށަށް ހަމަ ޔަގީން. ހިނގާ ދެ މީހުން މުބާރާތުގަ ބައިވެރިވަމާ. ދެ މީހުން އެއްފަހަރާ އޭނަ ގައިގަ ތަޅައި ދުންކާލިއަރުވައިލީމަ ހުރިހާ ކަމެއް ނިމުނީނު. މީ ވަރަށް ރަނގަޅު ފުރުސަތެއް."
"މަ ހަމަ ހައިރާންވެއްޖެ!" އާދަނު ބުންޏެވެ. 
"ކޮން ކަމަކާ؟" ދޮންމަނިކު ސުވާލުކުރިއެވެ. 
"އަހަރުމެން މިޔޮއް ބަނޑަށް މަރުވަނީ. ބޮޑުއިސްޓޯރުގަ ހިޔެއް ނުވޭ މި ހަފުތާގަ ވާ ވަރަށް ވެސް ހަނޑޫކޮޅެއް ހުރިހެނެއް،" އާދަނު ބުންޏެވެ. "އޭނަ އެ އުޅެނީ ބޮކުސިން ނުތެޅިގެން. ކިހާ ބޮޑު... މަ ނޫޅެން ބައިވަރިވާކަށް. ހަފީޒާ މާލެ އަތުވެއްޖެތަ؟ އަހަންނަށް ވަރަށް ހީވޭ.. ހީވެއެއް ނޫން. ޔަގީން ދެންމެ ފެނުނީ އޭނަކަން."
"މަ ވެސް ހަމަ ހައިރާންވެއްޖެ! ފަންޑިތައެއް ހަދައިގެން ނަމަވެސް އާދަނު ތި ބަލިގަނޑުން ސަލާމަތްވާން ވެއްޖެއްނު!" ދޮންމަނިކު ބުންޏެވެ. "އިހަށް ދުވަހު ކިޔަވަން ސިލޯނަށް ދިޔަ ކުއްޖަކު މިހާ އަވަހަށް މާލެ އަންނާނެތަ؟ އަވާމެންދުރު ބެލުން ހުއްޓާލާފަ އަހަރުމެން ކުރަން މި އުޅޭ ކަންތަކަށް އާދަނު ސަމާލުކަންދީބަލަ! ދަރުމަވާނެ."
"ހަފީޒާ މާލެ އަތުވެއްޖެހޭ؟" އާދަނު ސުވާލުކުރިއެވެ. "އެ ސުވާލަށް ޖަވާބުދީ! އާނއެކޭ! ނޫނެކޭ! ދޮގު ނަހަދާތި!"
"އާނއެކޭ ބުނެފިއްޔާ އާދަނަށް ކީއްކުރެވޭނީ؟ ފުރަތަމަ އެ ސުވާލަށް ޖަވާބުދީ!" ދޮންމަނިކު އެދުނެވެ. "ދާ ގޮތަށް އެ ގެއަށް ވަދެ ރަން ކިޔުއްވާނީ؟ ހެކިވެރިން ފޮނުވާނީ؟ ހަމީދު ފައިނަގައިގެން ހުރި ކަމެއް އާދަނު ކިހިނެއް ކުރާނީ؟ ބުނެބަލަ! ކިހިނެއް ކުރާނީ؟ ފުރަތަމަ ހިނގާބަލަ އޭނަ އުފުރާލަމާ!"
ހަފީޒާގެ ގެއާ ދިމާއަށް އާދަނު ދުއްވައިގަތެވެ. ދޮންމަނިކު އެތައް ފަހަރަކު ގޮވިއެވެ. އާދަނަކަށް އެ އަޑެއް ނީވުނެވެ. ހަފީޒާގެ ގެ ހުންނަ ހިސާބަށް ދެވުނު އިރު އެ ހިސާބުގައި ތަންކޮޅެއް ހޭލަމޭލަ ބޮޑެވެ. ގޭ ދޮރުމައްޗާ ކައިރިވެވޭ ވަރެއް ނޫނެވެ. ރައްޓެއްސަކު ފެނޭތޯ ބަލައިލި އިރު ދާދި ގާތުގައި ދޮންހަސަނު ހުއްޓެވެ. އޭނައަކީ ރޭގަނޑު ވަގަށް ފަތްކެޔޮ ކަނޑާ މީހެކެވެ. ކެޔޮގަނޑު ކަނޑަން ދަނީ ދަނޑިފައިގައެވެ. އެ ފަޔަކީ، ދަނޑިއެއްގައި ހުރަހަށް ދަނޑިކޮޅެއް ބަނދެގެން ހިނގަން ބޭނުންކުރާ އެއްޗެކެވެ. އެ ހަދާފައި ހުންނާނީ، ފައިގެ ބޮޑުވާއިނގިންޔާއި ޝަހާދަތް އިނގިލި ދޭތެރެއަށް ލައްވައިގެން އެކި އުސްމިނުގައި ހިނގޭ ގޮތަށެވެ. މާލެ އޮންނަނީ ވަރަށް އަނދިރިކޮށެވެ. ހަސަނު ހަދާ ގޮތަކީ ރަނގަޅު ކެޔޮގަނޑު ހުންނަ ގޭގެ ދުވާލު އޮޅުންފިލުވަނީއެވެ. ރޭގަނޑު އެ ގޭގެއަށް ދަނޑިފައިގައި ގޮސް ކެޔޮގަނޑު ކަނޑަނީއެވެ. އޭނަ ކެޔޮގަނޑު ކަނޑަން ގޮސް އުޅެނީ ފުޅައްބުޑުން ބޮނދަބޮނދައިގެންނެވެ. މާލޭގައި ކަމެއް ހިނގަންޏާ އެ ތަނަކުން އާދަނު ފެންނަ ގޮތަށް ހަސަނު ވެސް ފެންނާނެއެވެ. 
"ކޮން ކަމެއް ލައިގަނެގެން މި އުޅެނީ؟" އާދަނު އެހިއެވެ. 
"ތިހިރަ ގެއަށް ހަމީދު ވަޑައިގެންނެވީއޭ ކިޔަނީ،" ހަފީޒާގެ ގެ ދައްކާފައި ދޮންހަސަނު ބުންޏެވެ. "ހަފީޒާގެ އަވައިގަ ޖެހުނީ ތޯއްޗެއް. ކޭންތަކާ ހަދިޔާތައް ވެސް އެބަ ވައްދާ! މީހަކު ބުނި ރަން ކިޔަނީއޭ ވެސް."
"ހަމަ ފިސާރި؟ ހަފީޒާ އެބަ އުޅޭތަ ގޭގަ؟" އާދަނު އެހިއެވެ. 
"އަހަންނަކަށް ތިއެއް ނޭނގެ،" ދޮންހަސަނު ބުންޏެވެ. "އެބަ ކިޔާ އިރުކޮޅަކުން ސަރުބަތު ބަހާނޭ! އަރު ތެންމާލާނަމޭ ހިތާ މި ހުންނަނީ. އަހަނ! މިހިރަ ދުރުވަނީ ކަލޭފާނު."
އާދަނު ބަލައިލި އިރު ހަފީޒާގެ ބައްޕަ ހަރުކޮށް ހިންގަވާފައި ދުރުވެއެވެ. އާދަނު ގޮސް ތަންކޮޅެއް ދުރުން ކަލޭފާނާ ބައްދަލުކުރިއެވެ. 
"މިހާރަކު ވަގުތެއް ނެތް އާދަނާ!" އާދަނަށް އެއްޗެއް ނުވެސް ބުނެވެނީސް ކަލޭފާނު ބުނުއްވިއެވެ. "އެންމެން އެ ތިބީ އިންތިޒާރުގަ. ހަމީދު ވެސް އެބަ އިންނެވި."
"ހަފީޒާ މާލެ އައީތޯ؟" އާދަނު ސުވާލުކުރިއެވެ. "އަޅުގަނޑަށް ޖަވާބު ނުލިބިއްޖެއްޔާ، ގަދަކަމުން ނަމަވެސް ގެއަށް ވަންނާނަން."
"ކީއްކުރަން ގަދަކަމުން ވަންނަނީ؟" ރުޅި ދުރުވެފައި ކަލޭފާނު ބުނުއްވިއެވެ. "ހަފީޒާ އައިތޯ ނައިތޯ ބަލާނެ ކަމެއް ނެތް. އަހަންނާ އެއްކޮށް ހިނގާ! އޭރުން ގޭގެ އޮޅިން އެތެރެއަށް ފައިނޭޅެނީސް އަހަރެން ގެންގޮސް ދުއްރައިން ތަޅާފަ، އަށިގޭގަ އަނދަގޮނޑިޖަހާނެ. އެޔެއްނު އާދަނު ބޭނުންވެގެން ތި އުޅޭ ގޮތަކީ. މި އުމުރުގެ މީހަކު މަރުވާން އެއަށް ވުރެ ރަނގަޅު ތަނެއް ނޯންނާނެ. ހަފީޒާ ވެސް ކިހާ އުފާވާނެ؟ ހިނގާ!"
ކަލޭފާނު ހިންގަވައިގަތެވެ. އާދަނު ހުރި ފިޔަވަޅު މަތީގައި ހުރީއެވެ. ކަލޭފާނަށް ލިބިލައްވައިފާނެ ދެރައެއް ނުވަތަ ހަމީދު ދެކެ ބިރަކުން ނޫނެވެ. ހަފީޒާ ދެކެ ވާ ލޯބިންނެވެ. ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ވިޔަސް ހަފީޒާގެ ނަޒަރުގައި ގޯސް މީހަކަށް ވާކަށް އާދަނު ބޭނުމެއް ނޫނެވެ. ހަފީޒާޔާ ނީނދެވުނަސް، ހަފީޒާއަށް ޓަކައި ދުނިޔެ އަޅައި ދާންޖެހުނަސް އާދަނުގެ ނަން ދެމިހުންނަން އާދަނު ބޭނުންވަނީ ހަފީޒާ ދެކެ އިންތިހާއަށް ލޯބިވި، ހިތްވަރުގަދަ ޒުވާނެއްގެ ގޮތުގައެވެ. އާދަނު ދެކެ ހަފީޒާ ރުޅި އަންނާކަށް އާދަނު ބޭނުމެއް ނޫނެވެ. 
ހަފީޒާގެ ގޭގައި ހިނގި ކަމެއް ހިނގައި ނިމެންދެން އާދަނު ކުޅިބަލަން ހުއްޓެވެ. އެ ގެއިން ހަމީދު އާއި ސަރުކާރުގެ ބައެއް އިއްޒަތްތެރީން ނުކުމެވަޑައިގަތެވެ. ހަފީޒާ މާލެ އައި ކަމެއް، ހަފީޒާގެ ގޭގައި ހިނގީ ކޮން ކަމެއް ކަމެއް އާދަނަށް ބުނެދޭނެ މީހަކާ ދިމައެއް ނުވިއެވެ. އެ ކަންތައް ސިއްރު ކޮށްފައިވާލެއް ބޮޑުކަމުންނެވެ.
ރޭގަނޑު ނިދަން އުޅެއުޅެ އާދަނަކަށް ނުނިދުނެވެ. އިބިލީހުގެ ވަސްވާސް އާދަނު ހައްލަން ފެށިއެވެ. މުނާޖާ ގޮވަން ފެށުމުން އާދަނު ތެދުވެ ފާރުބުޑުން، ފުޅައްބުޑުން، ގަސްދަށުން ހިނގަމުން ގޮސް ފަޅުގެއަށް ވަނެވެ. އެ ތަނުގައި އޮތީ ކަނު އަނދިރިކަމާއި ފަޅުކަމެވެ. އާދަނަށް މެންދުރު ފަދައެވެ. ދިޔަ ގޮތަށް ގޮސް ބިންމަތި ކޮނެލާފައި ދަރޭތި ނެގިއެވެ. އާދަނު ހިތުގައި އަނދަމުންދިޔައީ ބަދަލުހިފުމުގެ އަލިފާންގަނޑެވެ. ދަރޭތި އަތުކޮޅަށް މަޅައިލައިފައި އެތިފަހަރެއް ކުރިމައްޗަށް ވިހެލިއެވެ. ކެޔޮގަހުގެ ބައެއް ފޮތިވި އަޑު އިވުނެވެ. ގަސްގަނޑު ހުރި ދިމާ އާއި އޭގެ އުސްމިނަށް އާދަނު ވިސްނާކަށް ނުޖެހެއެވެ. 
"ހަމީދަކީ ތި ބުނާ ވަރުގެ މާތް މީހެއް ނޫން!" އާދަނުގެ ހިތް އާދަނާ ވާހަކަ ދެއްކިއެވެ. "އަހަންނަކަށް ނޭނގެ އޭނައަކީ މުއުމިނެއް ކަމެއް، ކާފަރެއް ކަމެއް. ގައިމު ވެސް އުޅޭ ވައްތަރަކުން ހިޔެއް ނުވޭ މުއުމިނެއް ހެނެއް. އަހަންނަށް ފެންނަނީ ހަމަ އޭނަ މަރާލަން. އޭނަ ބޭނުން މީހަކަށް ބޭނުން ގޮތެއް ހަދަން އަހަރުމެން މީ އޭނަގެ އަޅުންނެއް ނޫނޭ!"
އާދަނަށް ފެނުނީ ދޮހޮއްކޮ ކުރިމަތީގައި ހުރި ތަނެވެ. ވަގުތުން ދަރޭތިން އަޅައިވިހެލިއެވެ. އަނެއް ފޮތި ބުރިވި އަޑުއިވުނެވެ. އާދަނު ވަރަށް ފަރިތަވެއްޖެއެވެ. މީހަކު ކުރިމަތީގައި ހުއްޓަސް އަތް ތުރުތުރެއް ނާޅައެވެ.
ހެނދުނު މީހުންތައް ހޭލައި، ބިންގަނޑު އިރަށް ދޮންކުރަމުންދިޔަ އިރު އާދަނު ހުރީ ރިޔާސީ ގަނޑުވަރު ފެންނަ ހިސާބުގައެވެ. ދަރޭތި އުނަގަނޑުގައި ބަނދެފައި އޮތްކަން އާދަނަށް ޔަގީނެވެ. އެކަމަކު ހަމީދު ގަނޑުވަރަކުން ނިކުމެވަޑައެއްނުގަތެވެ. ރަށުގައި ނޫޅުއްވަނީއެވެ. އެއީ ހަމީދަށް ހަމަލަ ދޭން އާދަނު ކުރިމަތިލި ދެވަނަ ފަހަރެވެ.
"އެންމެނަށް ހެޔޮވިސްނުން ދެއްވީތީ އަހަރެން ވަރަށް އުފާވެއްޖެ!" ޝުކުރުވެރިކަމާ އެކުގައި ދޮހޮއްކޮ ބުންޏެވެ. 
އުޑުމަތި ބަނަ އިރާދަމެއްގެ ވަގުތެވެ. އަލިކަމަކަށް ހުރީ ޒިޔާރަތުގެ ލަންޓަނުން ފޭދިފައިވާ އަލިކަން އެކަންޏެވެ. ޔޫސުބާއި ދޮހޮއްކޮ އާއި ދޮންމަނިކާއި އާދަނު ތިބީ އަލިރަސްގެފާނު ޒިޔާރަތް ކައިރީގައެވެ. ޒިޔާރަތް އޮންނަނީ ފަޅުގެ ވަރަށް ކޮޅުގައި، ތޮށިގަނޑާ ކައިރީގައެވެ. ޒިޔާރަތަށް ދާން އޮންނަ ފާލަން އޮންނަނީ ދޮންވެލިލާފައެވެ. ފާލަމުގެ ދެ ފަރާތާއި ޒިޔާރަތުގެ ވަށައިގެން ފޫޓެއް ހައި އުސް ގާފޮޅެއް ރާނާފައި ހުރެއެވެ. ޒިޔާރަތް ކައިރީގައި ޔޫސުބާއި ދޮންމަނިކު ދެފައި ވަށްކޮށްލައިގެން ތިބި އިރު، ދޮހޮއްކޮ އާއި އާދަނު ތިބީ ގާފޮޅުގައި ބޯއަޅާލައިގެންނެވެ. އެއީ ވަރަށް ގިނަ މީހުން އެ ތަނުގައި ތިބޭ ގޮތެކެވެ. އެހެނަސް، ވިއްސާރަކަމުން އެ ރެޔަކު އެހެން މީހަކު ނެތެވެ.
"ދަރޭތިތައް ބޮޑުފުންގަނޑަށް އުކާލަންވީ،" ދޮހޮއްކޮ ބުންޏެވެ. "އަހަރެން މިރޭ އެ ކަން ކޮށްފަ ނިދާނީ."
އޮށޯވެގެން އޮތް އާދަނު ބަލައިލީ ދޮންމަނިކަށެވެ. އޭރު ޔޫސުބު އިނީ އާދަނަށް ބަލަހައްޓައިގެންނެވެ.  
"އަހަރެން އެ ކަމާ އުޅެލާނަން." ދޮންމަނިކު ބުންޏެވެ. 
"ހާދަ ރަނގަޅޭ!" ދޮހޮއްކޮ ވަގުތުން ބުންޏެވެ. 
އެންމެން ހީކުރީ ދޮހޮއްކޮ ވާވެއްދުނު ކަމަށެވެ. އެކަމަކު އާދަނު އެއްޗެއް ނުބުނެ އޮތުމާއި އާދަނަށް ޔޫސުބު ބަލައިލި ގޮތާއި ދޮންމަނިކު ދިން ޖަވާބުން ދޮހޮއްކޮގެ ބޮލުގަ ރިއްސައިލިއެވެ. އެ ރޭގެ ސައްލާ ނިންމައިލާފައި ގެއަށް ދާން ހިނގައިގަތް އިރު އެންމެ ކުރީގައި ހުރީ ދޮހޮއްކޮއެވެ. ފުށްކުދި ވާހަކައެއް ދައްކަމުން، އަނެއް ތިން މީހުން އައީ ދޮހޮއްކޮގެ ފަހަތުންނެވެ. އެއީ، ކެހިވެރިކަމުގެ ކަޅު ވިލާތައް އުދަރެސް ބައްދައި ލިވަގުތެކެވެ. (ނުނިމޭ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ