ތުރުކީގެ އަންކާރާގައި އިއްޔެ ފެށުނު ނޭޓޯ އިއްތިހުދުގެ ސަމިޓްގެ ފުރަތަމަ ދުވަހު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނޭޓޯގެ ބައިވެރިންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ. އޭނާ ވިދާޅުވީ، އީރާނާ އެކު ހިނގަމުންދާ ކުރިމަތިލުންތަކުގައި އެމެރިކާއަށް އެކަށީގެންވާ އެހީތެރިކަމެއް ނުލިބޭތީ "ނޭޓޯއާ މެދު ވަރަށް ބޮޑަށް މާޔޫސްވެއްޖެ" ކަމަށެވެ.
ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުގާންއާ އެކު ހުންނަވައި ވާހަކަދައްކަވަމުން ޓްރަމްޕް ވަނީ، އެ ގައުމުތަކުން އެމެރިކާއަށް އެހީތެރިނުވާއިރު، ވޮޝިންޓަނުން އެތައް ބިލިއަން ޑޮލަރެއް ހަރަދުކުރަންޖެހެނީ ކީއްވެގެންތޯ ސުވާލު އުފައްދަވާފަ އެވެ. އަދި އިޓަލީ، ޖަރުމަނު އަދި ފްރާންސުން އެމެރިކާއަށް އެއްބާރުލުން ދިނުމުގައި ފެއިލްވެފައިވާ ކަމަށް ވެސް އޭނާ ތުހުމަތުކުރެއްވި އެވެ. މީގެ އިތުރުން، މި ސަމިޓް ތުރުކީގައި ނުބާއްވާ ނަމަ އޭނާ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަތުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވިދާޅުވެ، އުރުދުގާންއަކީ "ވަރަށް ވަރުގަދަ ލީޑަރެއް" ކަމަށް ވިދާޅުވެ، ތައުރީފުކުރެއްވި އެވެ.
މި ސަމިޓްގެ އެޖެންޑާގައި އެންމެ ބޮޑު ސަމާލުކަމެއް ދެވިފައިވަނީ ޔޫރަޕްގެ އަސްކަރީ ހަރަދުތައް އިތުރުކުރުމަށެވެ. އެގޮތުން، ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް މާކް ރޫޓާ ވަނީ އިއްތިހާދުގެ ހަރަދުކުރުމުގެ އަމާޒުތަކަށް ވާސިލުވުމަށްޓަކައި ހަރުދަނާ އަދި އިތުބާރު ހުރި ރޭވުންތަކެއް އެކުލަވާލުމަށް މެންބަރު ގައުމުތަކަށް ގޮވާލައްވާފަ އެވެ.
މި ބައްދަލުވުމުގެ ކުރިން ނޭޓޯއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި އަހަރު އަސްކަރީ ކަންކަމަށް ގައުމުގެ ޖީޑީޕީގެ %3.5 ހަރަދުކުރުމުގެ އަމާޒަށް ވާސިލުވާނެ ކަމަށް ބެލެވެނީ އެންމެ ފަސް ގައުމުންނެވެ.
މީގެ އިތުރުން، ގްރީންލޭންޑާ ބެހޭ ގޮތުން ކުރިން އުފެދިފައިވާ ހިޔާލުތަފާތުވުންތައް ޓްރަމްޕް ވަނީ އަލުން ތިލަކުރައްވާފަ އެވެ. އޭނާ ވިދާޅުވީ އެ ސަރަހައްދު ކޮންޓްރޯލް ކުރަންޖެހޭނީ ޑެންމާކުން ނޫން ކަމަށާއި އެމެރިކާއިން ކަމަށެވެ.
ޑެންމާކުގެ ބޮޑުވަޒީރު މެޓޭ ފްރެޑްރިކްސަން މި ވާހަކަ ދޮގުކުރައްވައި ވިދާޅުވީ ގްރީންލޭންޑަކީ ވިއްކާލަން އޮތް ތަނެއް ނޫން ކަމަށެވެ. އަދި ގްރީންލޭންޑްގެ ލީޑަރު ވެސް ވަނީ އެ ރަށުގެ މުސްތަގުބަލު ކަނޑައަޅާނީ އެ ރަށުގެ ރައްޔިތުން ކަމަށް ތަކުރާރުކުރައްވާފަ އެވެ.
މި ސަމިޓުގައި ރަޝިއާ އިން ޔޫކްރެއިނަށް ދެމުންދާ އަސްކަރީ އެހީތެރިކަމާ މެދު ވެސް ފުޅާދާއިރާއެއްގައި މަޝްވަރާކުރާނެ ކަމަށް ބެލެވެ އެވެ. ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވަނީ އެސްޓޯނިއާ، ނެދަލޭންޑްސް އަދި ޑެންމާކާ އެކު އަސްކަރީ ދިފާއީ އާ އެއްބަސްވުންތަކެއް ގާއިމުކޮށްފައިވާ ކަމަށް އިއުލާންކުރައްވާފަ އެވެ. އަދި ނޯވޭއިން ވަނީ ޔޫކްރެއިންގެ ވައިގެ ދިފާއީ ނިޒާމު ވަރުގަދަކުރުމަށް އިތުރު ފައިސާ ދޭނެ ކަމަށް ވައުދުވެފަ އެވެ.
ރަޝިއާއާ އެކު ހިނގަމުންދާ ހަނގުރާމަ އަވަހަށް ނިމޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވަމުން ޓްރަމްޕް ވިދާޅުވީ، "އަޅުގަނޑަށް ހީވަނީ ދެ ގައުމުން ވެސް ބޭނުންވަނީ އެއްބަސްވުމަކަށް އަންނަން" ކަމަށެވެ.
ސަމިޓްގެ ފުރަތަމަ ދުވަހު ޓްރަމްޕް ވިދާޅުވީ ނޭޓޯއާ މެދު މާޔޫސްވެއްޖެ ކަމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ