ކެނެޑާގައި 2023 ވަނަ އަހަރު ސިކުންގެ ވަކިވެގަންނަން އުޅޭ ލީޑަރެއް ކަމަށްވާ ހަރްދީޕް ސިންގް ނިޖާރް މަރާލުމަށް އިރުޝާދު ދިން ކަމުގެ ތުހުމަތުގައި، އިންޑިއާގެ ޖަލެއްގައި ބަންދުކޮށްފައި ހުރި ގޭންގު ލީޑަރު ލޯރެންސް ބިޝްނޯއީ އާއި އޭނާގެ އުތުރު އެމެރިކާގެ ޑެޕިއުޓީ ކަމަށް ބުނާ ސަތިންދަރުޖީތު ސިންގްގެ މައްޗަށް އެމެރިކާގެ ފެޑެރަލް ޕްރޮސެކިއުޓަރުން އިއްޔެ ދައުވާ އުފުލައިފި އެވެ.
ލޮސް އެންޖެލިސްގައި އާންމުކުރި ދައުވާާގައި ބުނެފައިވާ ގޮތުގައި، ބިޝްނޯއީ މި މަރު ރާވާފައިވަނީ ސިއްރުން އެތެރެކޮށްފައިވާ މޮބައިލް ފޯނުތައް ބޭނުންކޮށްގެން އިންޑިއާގެ ޖަލެއްގައި ހުރެގެންނެވެ. އަދި 'ގޯލްޑީ ބްރާރު'ގެ ނަމުން މަޝްހޫރުވެފައިވާ ސިންގް ވަނީ އުތުރު އެމެރިކާގައި އެ ގޭންގުގެ ހަރަކާތްތައް ކޯޑިނޭޓްކޮށްފަ އެވެ. ޕްރޮސެކިއުޓަރުން ބުނި ގޮތުގައި، 18 ޖޫން 2023ގައި ބްރިޓިޝް ކޮލަމްބިއާގެ ސަރޭގައި ހުންނަ ސިކުންގެ ފައްޅިއެއްގެ ބޭރުގައި ދިން ބަޑީގެ ހަމަލާ ފަސޭހަކުރުމަށްޓަކައި، ބިޝްނޯއީ ވަނީ މިކަމުގައި ބައިވެރިވި އެހެން މީހަކަށް ނިޖާރްގެ ފޮޓޯ އާއި އެޑްރެސްތައް ފޯރުކޮށްދީފަ އެވެ.
ނިޖާރްގެ މަރާ ގުޅިގެން ސިޔާސީ ބޮޑު ހިޔާލުތަފާތުވުމެއް އުފެދުނީ، މި މަރާ އިންޑިއާ ސަރުކާރުގެ އެޖެންޓުންނާ ގުޅުންހުރި ކަމުގެ "އިތުބާރު ހުރި ތުހުމަތުތަކެއް" ކެނެޑާގެ އިދާރާތަކުން ބަލަމުންދާ ކަމަށް ކެނެޑާގެ ކުރީގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވިދާޅުވުމުންނެވެ. ނަމަވެސް އިންޑިއާއިން ވަނީ އެއީ "ބޭކާރު" ވާހަކަތަކެއް ކަމަށް ބުނެ އެ ތުހުމަތުތައް ދޮގުކޮށްފަ އެވެ.
އެމެރިކާގެ މި ދައުވާގައި އިންޑިއާ ސަރުކާރުގެ އެއްވެސް ބައިވެރިވުމެއް އޮތް ކަމަކަށް ބުނެފައެއް ނުވެ އެވެ. އަދި މި މަރުގެ މައުލޫމާތު ނިއުދިއްލީއަށް އެނގޭ ކަމުގެ ނުވަތަ އެކަމަށް އިރުޝާދު ދިން ކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށް ވެސް އޮފިޝަލުން ވިދާޅުވި އެވެ.
މި ދައުވާތަކަކީ އިންޑިއާއަށް ނިސްބަތްވާ ތިން ގޭންގަކާ ގުޅޭ ގޮތުން އެމެރިކާ އާއި ކެނެޑާ ގުޅިގެން ހިންގާ ފުޅާ ތަހުގީގެއްގެ ބައެކެވެ. މި މައްސަލާގައި ފޭރުމާއި ބިރުދެއްކުމާ އަދި މަސްތުވާތަކެތީގެ ވިޔަފާރީގެ ކުށުގައި 37 މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވެ އެވެ. އިދާރާތަކުން ބުނާ ގޮތުގައި، މީގެ ތެރެއިން 24 ކުށްވެރިއަކު މިހާރު ވެސް ވަނީ ހައްޔަރުކޮށްފައި ނުވަތަ ބަންދުގަ އެވެ.
ކެނެޑާގެ ރައްޔިތެއް ކަމަށްވާ ނިޖާރްއަކީ ހާލިސްތާންގެ ނަމުން މަޝްހޫރު ސިކުންގެ އަމިއްލަ މިނިވަން ދައުލަތެއް ހެދުމަށް ވަކާލާތު ކުރި މީހެކެވެ. އަދި އޭނާއަކީ އިންޑިއާ ސަރުކާރުން ޓެރަރިސްޓެއްގެ ގޮތުގައި ކަނޑައަޅާފައިވާ މީހެކެވެ.
ކެނެޑާގެ ފުލުހުން މީގެ ކުރިން ވަނީ އޭނާގެ މަރާ ގުޅިގެން އިންޑިއާގެ ހަތަރު ރައްޔިތެއްގެ މައްޗަށް ދައުވާ އުފުލާފަ އެވެ. އަދި އިންޑިއާ ސަރުކާރުގެ އޮފިޝަލުންނާ މީގެ އެއްވެސް ގުޅުމެއް އޮތްތޯ ފުލުހުން އަދިވެސް ދަނީ ބަލަމުންނެވެ.
ކެނެޑާގައި ސިކުންގެ އެކްޓިވިސްޓަކު މަރާލި މައްސަލާގައި އިންޑިއާގެ ގޭންގު ލީޑަރަކަށް އެމެރިކާއިން ދައުވާ އުފުލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ