'އޮމްކާރާ' އާއި 'ޗަމޭލީ'ގެ ވާހަކަ ނުދައްކާތީ ކަރީނާ ކަންބޮޑުވާކަމަށް ބުނެފި

ބަތަލާ ކަރީނާ ކަޕޫރު ޚާންގެ ކެރިއަރުގެ އެންމެ ކާމިޔާބު ފިލްމު "ޖަބް ވީ މެޓް"ގެ ވާހަކަ އަބަދުވެސް އަޑުއިވޭކަމަށާއި ނަމަވެސް އޭނާ ބުރަ މަސައްކަތްކުރި "އޮމްކާރާ" އާއި "ޗަމޭލީ" އާއި "ހިރޮއިން"ގެ ވާހަކަ އެއްވެސް ބަޔަކު ނުދައްކާތީ އެކަމާ ސުވާލު އުފެދޭކަމަށް ކަރީނާ ބުނެފިއެވެ. ޑައިރެކްޓަރު އިމްތިޔާޒު ޢަލީގެ ފިލްމު "ޖަބް ބީ މެޓް" ރިލީޒްވިތާ 15 އަހަރުވެފައިވާއިރުވެސް އެފިލްމުގައި ކަރީނާ ދައްކުވައިދިން އެކްޓިންގްއަށް ބެލުންތެރިންގެ ތަޢުރީފު އަބަދުމެ ލިބެއެވެ. ކަރީނާ ބުނެފައިވަނީ މިފިލްމު ކިތަންމެ ގިނައިން ބެލިނަމަވެސް އަބަދުވެސް ފިލްމު މިބެލެނީ ފުރަތަމަ ފަހަރުކަމަށް އިހުސާސް ކުރެވޭކަމަށެވެ. ނަމަވެސް އެކްޓިންގެ ހުނަރު އޭނާ އެންމެ ރަނގަޅަށް ދައްކުވައިދިން ފިލްމުތައް ކަމަށްވާ "ޔޫވާ" އަދި "އޮމްކާރާ"ފަދަ ފިލްމުތަކުގެ މަތިން ބެލުންތެރިން ހަނދާންނެތިފައިވާކަމަށްވެސް ކަރީނާވަނީ ބުނެފައެވެ. ކަރީނާގެ އެންމެ ފާހަގަކޮށްލެވޭ ކެރެކްޓާސްކަމަށްވާ "ގީތު" އާއި "ޕޫ"އަކީ މިއަދާހަމައަށްވެސް ގިނަ ބަޔަކަށް ހަނދާނުން ފޮހެލަން ދަތި ރޯލްތައްކަމަށްވާއިރު އޮމްކާރާ ފަދަ ފިލްމުތަކުގައިވެސް އޭނާ ކުޅެފައިވަނީ ފާހަގަކޮށްލެވޭފަދަ ރޯލްތައްކަމަށް ގަބޫލުކުރާކަމަށް ކަރީނާވަނީ ބުނެފައެވެ. ދާދިފަހުން އިންޑިއާގެ ހިންދުސްތާނު ޓައިމްސްއަށް ދިން އިންޓަވިއުގައި ކަރީނާ ބުނީ ކެރިއަރުގެ ކޮންމެ ޕާފޮމެންސަކާވެސް ބެލުންތެރިން އަޅާކިޔާއިރު ބޭނުންވަނީ "ޖަބްވީ މެޓް" އާއި "ކަބީ ޚުޝީ ކަބީ ޣަމް"އިން ދައްކުވައިދިންފަދަ ޕާފޮމެންސްއެއްކަމަށެވެ. އެހެންވެ ކަރީނާގެ އެހެން ފިލްމުތަކުގައި ދައްކައިދެވުނު ޕާފޮމެންސާމެދު އަމިއްލަ ނަފުސާވެސް ބައެއްފަހަރު ސުވާލުކޮށްލެވޭކަމަށް އޭނާ ވަނީ ބުނެފައެވެ. ކަރީނާ އެންމެ ފަހުން ފެނިފައިވަނީ އާމިރު ޚާންއާއެކު ކުޅުނު ފިލްމު "ލާލް ސިންގް ޗައްދާ"އިންނެވެ. މިފިލްމަށް ބޮކްސް އޮފީހުގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނުއިރު ބެލުންތެރިންނަށްވެސް ފިލްމު ކަމަކު ނުދިޔައެވެ. ހިންދީ ސިނަމާގެ އެންމެ މަޝްހޫރު ފިލްމީ އާއިލާއަށް ނިސްބަތްވާ ބަތަލާ އަންނަނީ އިތުރު ތިން ފިލްމެއްގައި މަސައްކަތްކުރަމުންނެވެ. އެއީ "ދަ ބަކިންގްހަމް މާޑާސް" ނަމަކަށް ކިޔާ ފިލްމަކާއި "ދަ ޑިވޯޝަން އޮފް ސަސްޕެކްޓް"ގެ އިތުރުން "ދަ ކްރޫ"އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ