އަބްދުﷲ ޝާހިދު، އިންޑިއާގެ ފޮރިން މިނިސްޓަރާ ބައްދަލު ކުރައްވައިފި

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިޔަމް ޖައިޝަންކަރާ ބައްދަލު ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ބާއްވާފައި ވަނީ އިންޑިއާގެ ނިއު ދިއްލީގައި މިހާރު ކުރިއަށްދާ ރައީސީނާ ޑައިލޮގް ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވުމަށް ޝާހިދު އެގައުމަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގެ ތެރެއިންނެވެ.
ފޮރިން މިނިސްޓްރީން ބުނީ، މިބައްދަލުވުމުގައި ދެގައުމުގެ ދެމެދުގައި އޮތް ގާތް އެކުވެރި ގުޅުންތަކާއި، ދެމުންގެންދާ އެއްބާރުލުން އިތުރަށް ހަރުދަނާ ކުރުމާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އެގޮތތުން އިންޑިއާއިން ރާއްޖެއަށް އަބަދުވެސް ދެމުންގެންދާ އެހީއަށް ޝުކުރު އަދާކުރައްވައި ދެގައުމުގެ ދެމެދުގައި ގަވާއިދުން މަޝްވަރާތައް ބޭއްވުމުގެ މުހިންމުކަން އަބްދުﷲ ޝާހިދު ވަނީ ފާހަގަ ކުރައްވާފައެވެ.
މިނިސްޓަރު ޖައިޝަންކަރުގެ ވަނީ ދިވެހި ސަރުކާރަށް ޝުކުރު އަދާކުރައްވައި ދެގައުމުގެ އިގްތިސޯދީ ގުޅުމުގެ ކާމިޔާބީ ފާހަގަ ކުރައްވާފައެވެ. އިންޑިއާގެ ހިލޭ އެހީއާއި ލައިން އޮފް ކްރެޑިޓްގެ ދަށުން ރާއްޖޭގައި ކުރިއަށްގެންދާ މަޝްރޫއުތައް ކުރިއަށްދާ ގޮތާ ގުޅޭގޮތުން ވެސް ޖައިޝަންކަރު ވާހަކަ ދެއްކެވިއެވެ.
މިނިސްޓަރު ޝާހިދާއި މިނިސްޓަރު ޖައިޝަންކަރު ވަނީ ދެ ގައުމުން ވެސް ދެ ގައުމުގެ ފެންވަރުގައްޔާއި ބައިނަލްއަގުވާމީ ފެންވަރުގައި ދެމުންގެންދާ އެއްބާރުލުން ދަމަހައްޓާނެ ކަމުގެ ޔަގީންކަން އަރުވާފައެވެ.
ރައީސީނާ ޑައިލޮގް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރު ޝާހިދު އިންޑިއާއަށް ވަޑައިގެންނެވީ މިދިޔަ ބުދަ ދުވަހުއެވެ. މިދަތުރުގެ ތެރެއިން މިނިސްޓަރު ޝާހިދު އެކި ގައުމުތަކުގެ ފޮރިން މިނިސްޓަރުންނާއި އިންޑިއާ ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ