"ފެނަކަ އެމްޑީ މާލޭން ހުޅުމާލެއަށް ދަތުރުކުރަނީ 2.8 މިލިއަން ރުފިޔާގެ ކާރެއްގަ"

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު މާލެއާއި ހުޅުމާލެއާއި ދޭތެރޭ ދަތުރުކުރެއްވުމަށް 2.8 މިލިއަން ރުފިޔާގެ އަގުބޮޑު ކާރުކޮޅެއް ބައްލަވައިގެން އުޅުއްވާކަމަށް މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ހާމަކުރައްވައިފި އެވެ. 
ސަރުކާރުގެ ކުންފުނިތައް އުފެއްދުމާއި ރެގިއުލޭޓް އަދި މޮނީޓާ ކުރުމަށް ގާނޫނެއް އުފެއްދުމަށް ގޮވާލައި ހުޅުދޫ ދާއިރާގެ މެމްބަރު އިލިޔާސް ލަބީބު ހުށައަޅުއްވާފައިވާ ޤަރާރަަށް މަޖިލީހުގައި ބަހުސްކުރައްވަމުން އުޝާމް ވިދާޅުވީ ސަރުކާރުގެ ކުންފުނިތަކުން ކޮރަޕްޝަނަށް މަގުފަހިވާ ގިނަ ކަންތައްތަކެއް ކުރަމުންދާކަމަށް ވިދާޅުވެފަ އެވެ. 
ސަރުކާރު ކުންފުނިތަކުގެ ތެރެއިންވެސް ފެނަކަ ކޯޕަރޭޝަނަކީ ކޮރަޕްޝަން ހިންގުމުގައި އަރާހުރި ކުންފުންޏެއްކަމަށް އުޝާމު ވިދާޅުވިއެވެ. 
Advertisement
އެއާއި ގުޅުވާ އޭނާ ވިދާޅުވީ ކުންފުނީގެ އެމްޑީ ކުންފުނި ބޭނުންކޮށްގެން ނުހައްގު މުއްސަނދިކަން ހޯއްދަވާކަމަށެވެ. އެކަން ފާހަގަކުރައްވާ އުޝާމު ވިދާޅުވީ ފެނަކަ އެމްޑީ ހަމައެކަނި މާލެއާއި ހުޅުމާލެއާއި ދޭތެރޭ ދަތުރުތައްކޮށްލުމަށް 2.8 މިލިއަން ރުފިޔާގެ ކާރެއް ގެންގުޅުއްވާކަމަށެވެ. 
މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް
"އަޅުގަނޑު ރައްޓެއްސަކާއި ވާހަކަ ދައްކަން ހުއްޓާ މިދަނީ ވަރަށް ރީތި ހުދު ކުލައިގެ ކާރެއް. ދެން އަޅުގަނޑުގެ ރަހުމަތްތެރިޔާ މިއަހަނީ އުޝާމްއަށް އެނގޭ ހެއްޔޭ އެއީ ކާކުގެ ކާރެއްކަން. ކޮންތަނަކުން ގެނެސްފައި އޮތް ކާރެއް ކަން. އަޅުގަނޑު ނޭނގެއޭ ދެންނެވުމުން ބުނީ ތިއީ ފެނަކަ ކޯޕަރޭޝަންގެ އެމްޑީ މާލެ އިން ހުޅުމާލެ އަށް ދަތުރުކޮށްލުމަށް ގަނެފައި އޮތް ކާރެކޭ. ކަލެއަށް އެނގޭހޭ ކިހާވަރަކަށް ގަތް ކާރެއްކަންތީ. 3 މިލިއަން ރުފިޔާއަށޭ! ދެން އެހާ ބޮޑު ޚަރަދެއްކޮށްގެން ކާރެއް ގަތް ވާހަކަ ބުނީމާ އަޅުގަނޑުވެސް ކުޑަކޮށް އޭގެ ހަގީގަތް ބަލާލިން. އެއީ 3 މިލިއަނަށް ގަތް ކާރެއް ނޫން. 2.8 މިލިއަން ރުފިޔާ ޚަރަދުކޮށްފަ ފެނަކައިގެ އެމްޑީ މާލެއިން ހުޅުމާލެއަށް ދަތުރުކޮށްލުމަށްޓަކައި ކާރެއް ގަނެލައިގެން އެ އުޅެނީ"
މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް
ފެނަކަ އެމްޑީ އެފަދަ އަގުބޮޑު ކާރުކޮޅެއް ގެންގުޅުއްވާއިރު އެ ކުންފުނި އޮތީ 2 ބިލިއަނުން ދަރާފައިކަމަށް އުޝާމު ވިދާޅުވިއެވެ. އަދި ކުންފުނިން އުޅެނީ ކުދި ވިޔަފާރިތަކަށް ދައްކަންޖެހޭ ލައްކައެއްހާ ރުފިޔާވެސް ނުދެއްކިގެންކަމަށް އޭނާ ވިދާޅުވި އެވެ. 
އޭގެ އިތުރުން އުޝާމު ވިދާޅުވީ މި ސަރުކާރުން ފެނަކަ ކުންފުންޏަކީ އިންތިޚާބުތަކަށް ނުފޫޒު ފޯރުވުމަށް ބޭނުންކުރާ ހަތިޔާރަކަށް ހަދާފައިވާ ކަމަށެވެ. 
އިންތިޚާބުތަކަށް ކުންފުނިތަކުން ނުފޫޒު ފޯރުވަމުން ދިއުމަކީ ރާއްޖޭގައި މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް އޮތް އެންމެ ބޮޑު ހުރަސްކަމަށް އޭނާ ސިފަކުރެއްވި އެވެ. އަދި އިންތިޚާބުތައް ބޯމަތިވުމުން ސަރުކާރު ކުންފުނިތައް ދާއިރާތަކަށް ގޮސް ދައުލަތުގެ ވަސީލަތް ނަހަމަ ގޮތުގައި ބޭނުންކޮށް ވަކި ކޮޅަކަށް އިންތިޚާބު އަނބުރާލުމުގެ މަސައްކަތް ފާޅުކަން ބޮޑުގޮތެއްގައި ކުރަމުންދާ ކަމަށެވެ. 
އެއީ ޤާނޫނެއްގެ ތެރެއިން ނަމަވެސް ހުއްޓުވަން ޖެހޭ ކަމެއްކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި އެކަމަށްޓަކައި އިލިޔާސް ލަބީބު ހުށައެޅުއްވި ޤަރާރަށް ފުރިހަމައަށް ތާއީދުކުރައްވާކަމަށްވެސް އުޝާމު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ