ކޮމަންވެލްތު ދުވަހުގެ ހެޔޮއެދުންތައް ގާސިމް ފޮނުއްވައިފި

ކޮމަންވެލްތު ދުވަހުގެ ހެޔޮއެދުމާއި ތަޙުނިޔާ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ވިލާ ގުރޫޕްގެ ޗެއާމަން ގާސިމް އިބްރާހިމް، އިނގިރޭސިވިލަތާއި ކޮމަންވެލްތްގެ ރަސްގެފާނު ޗާރލްސް (3)އަށް ފޮނުއްވައިފިއެވެ.
ގާސިމްވަނީ މި ދުވަހުގެ ތަހުނިޔާ، ޖޭޕީގެ ނަމުގައްޔާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ކޮމަންވެލްތުގައި ހިމެނޭ ޤައުމުތަކާއި ރައްޔިތުންނަށްވެސް ފޮނުއްވާފައެވެ.
ޖޭޕީގެ ލީޑަރު ކޮމަންވެލްތު ދުވަހުގެ ހެޔޮއެދުމާއި ތަޙުނިޔާ ފޮނުއްވާފައިވާއިރު، އެމަނިކުފާނުވަނީ އޮސްޓްރޭލިއާއިން ރާއްޖެއަށާއި ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރާއި އަދި ހައިކޮމިޝަންގެ ޓީމާވެސް ބައްދަލުކުރައްވާފައެވެ.
މ. ކުނޫޒުގައި ބޭއްވި މިބައްދަލުކުރެއްވުމުގައ، ޖޭޕީގެ ބައެއް އިސްވެރިންނާއި ގާސިމްގެ ބައެއް އެޑްވައިޒަރުން ބައިވެރިވެވަޑައިގަތެވެ.
ކޮންމެ އަހަރެއްގެ މާރިޗު މަހުގެ ދެވަނަ ހޯމަ ދުވަސް ފާހަގަކުރަމުން އަންނަނީ ކޮމަންވެލްތު ދުވަހުގެ ގޮތުގައެވެ. މިއަހަރު މިދުވަސް ފާހަގަކުރަނީ "ދެމެހެއްޓެނިވި އަދި ސުލްހަވެރި އެއް މުސްތަޤުބަލެއް ބިނާކުރުން" މި ޝިއާރުގެ ދަށުންނެވެ. ކޮމަންވެލްތުގެ ޤައުމުތަކުގެ ގޮތުގައި މިވަގުތު ރާއްޖެ ހިމެނޭ ގޮތަށް 56 ޤައުމެއް އަންނަނީ މަސައްކަތް ކުރަމުންނެވެ.
2016 ވަނަ އަހަރުގެ އޮކްޓޯބަރ 13ގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި ދިވެހިރާއްޖެ ކޮމަންވެލްތުން ވަކިވިއެވެ. މެދުކެނޑުމަކަށްފަހު ކޮމަންވެލްތުގެ މެންބަރު ޤައުމެއްގެ ގޮތުގައި ރާއްޖެ އަލުން ކަނޑައެޅިގެން ދިޔައީ 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 1ވަނަ ދުވަހުއެވެ.
ރައީސް ޔާމީންގެ ސަރުކާރުން ނިންމި ނިންމުން ބަދަލުކޮށް، ދިވެހިރާއްޖެއިން ކޮމަންވެލްތުގެ މެމްބަރަކަށްވުމަށް ސަރުކާރުން ހުށަހެޅީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 6 ވަނަ ދުވަހުގައެވެ. ދިވެހިރާއްޖެ ކޮމަންވެލްތުގައި އަލުން ބައިވެރިވުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވައުދުފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ