ޝަރަފުވެރިކަމާއެކު ރިޓަޔާކުރައްވާ އުއްތަމަ ފަނޑިޔާރަކަށް ގަނޑުކޮށް ބައި މިލިއަން ރުފިޔާ އަދި މަހަކު އެލަވަންސްގެ ގޮތުގައި 70،000 ރުފިޔާ ލިބޭނެހެން ފަނޑިޔާރުންގެ ރިޓަޔާމަންޓް ގަވާއިދު ބަދަލުކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މާލިއްޔަތު ކޮމިޓީއަށް ހުށަހެޅުމުން، އެކަމުގައި އަމަލު ކުރަން ޖެހޭނީ ނެޝަނަލް ޕޭ ކޮމިޝަނުން ނިންމާ ގޮތަށް ކަމަށް މިއަދު އެ ކޮމިޓީން ފާސްކޮށްފި އެވެ.
މާލިއްޔަތު ކޮމިޓީން ނިންމީ ފަނޑިޔާރުންގެ ގާނޫނުގެ ދަށުން ޖޭއެސްސީއަށް ލިބިފައިވާ އިހުތިޔާރުގެ ދަށުން ރިޓަޔާވުމުން ދޭން ޖެހޭ އިނާޔަތް ކަނޑައެޅި ނަމަވެސް، އެ އިނާޔަތް ދޭންވާނީ ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ގާނޫނުގެ ދަށުން ނެޝަނަލް ޕޭ ކޮމިޝަނުން ނިންމާ ނިންމުމާ އެއްގޮތަށް ކަމަށެވެ.
ޖޭއެސްސީން މާލިއްޔަތު ކޮމިޓީގައި އެދުނީ ފަނޑިޔާރުންނަށް މަހުން މަހަށް ދެވޭ ރިޓަޔާމަންޓް އިނާޔަތް ދިނުމުގައި ފަނޑިޔާރުކަމުގައި ހިދުމަތް ކޮށްފައިވާ މުއްދަތު ބެލުމާއެކު ފަނޑިޔާރުންނަށް މަހުން މަހަށް ލިބޭ އިނާޔަތް އަސާސީ މުސާރައަށްވުރެ ބޮޑުވާނަމަ ފަނޑިޔާރުންނަށް ލިބޭނީ އަސާސީ މުސާރަ ކަމުގައި ކަނޑައެޅުމަށެވެ.
މާލިއްޔަތު ކޮމިޓީން ނިންމީ އުއްތަމަ ފަނޑިޔާރަކު ޝަރަފުވެރިކަމާއެކު ރިޓަޔާވާނަމަ އެމީހަކަށް ސެކިއުރިޓީ އާއި އެމީހަކު ދިރިއުޅޭ ރަށެއްގައި އެއްގަމު ދަތުރުފަތުރުގެ ހިދުމަތް ލިބެންވާނެ ކަމަށް ޖޭއެސްސީން ބުންޏެވެ. އެގޮތުން އެކަންކަމަށް ހިނގާ ހަރަދަށް މަހަކު 70،000ރ. ދިނުމަށް ޖޭއެސްސީން މާލިއްޔަތު ކޮމިޓީގައި އެދުނެވެ.
އެގޮތުން ޖޭއެސްސީގެ އެ އެދުމާ ގުޅިގެން އެއީ ސަރުކާރުން އުފުލަން ޖެހޭނެ އިތުރު ބުރައެއްކަމުން، އެކަމާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީގެ ލަފައެއް ހޯދުމަށް ވެސް މާލިއްޔަތު ކޮމީޓީން ވަނީ ނިންމާފަ އެވެ.
މިހާރު ގަވާއިދު އޮންނަ ގޮތުން އުމުރުން 55 އަހަރުވުމުން ރިޓަޔާކުރައްވާ ފަނޑިޔާރުންނަށް އިނާޔަތް ދެވޭނީ 10 އަހަރު ފަނޑިޔާރުކަން ކުރައްވާފައިވާނަމަ އެވެ. އުއްތަމަ ފަނޑިޔާރަށް ވަކި ހާއްސަ އިނާޔަތެއް ނޯވެ އެވެ.
ޖޭއެސްސީ އިން މިފަދަ އިސްލާހުތަކެއް ހުށަހަޅާފައި މިވަނީ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ރިޓަޔާކުރައްވަން ހުށަހަޅުއްވާފައިވަނިކޮށެވެ. މެއި 8، ގައި އެމަނިކުފާނު ރިޓަޔަކުރަން ހުށަހެޅުއްވި ނަމަވެސް މިހާތަނަށް އެކަމާމެދު ޖޭއެސްސީ އިން ގޮތެއް ނިންމާފައެއް ނުވެ އެވެ.
އުއްތަމަ ފަނޑިޔާރު ރިޓަޔާ ކުރައްވަން ނިންމިއިރު ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަނީ ޖޭއެސްްސީން ހިންގި ގައިރު ގާނޫނީ ތަހުގީގަކަށް ފަހު ރައްޔިތުންގެ މަޖިލީހުން ވަކިކޮށްފަ އެވެ. ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު މަގާމުން ވަކިކުރިއިރު އަދުލު އިންސާފުގެ ދިފާއުގައި މުއުތަސިމް ތެދުވެވަޑައިނުގަތުމުން ފާޑުކިޔުން ވެސް އަމާޒުވި އެވެ.
އުއްތަމަ ފަނޑިޔާރުގެ ރިޓަޔަމަންޓް އިނާޔަތާ މެދު ގޮތެއް ނިންމާނީ ޕޭ ކޮމިޝަނުން ކަމަށް މާލިއްޔަތު ކޮމިޓީން ފާސްކޮށްފި އުއްތަމަ ފަނޑިޔާރުގެ ރިޓަޔަމަންޓް އިނާޔަތާ މެދު ގޮތެއް ނިންމާނީ ޕޭ ކޮމިޝަނުން ކަމަށް މާލިއްޔަތު ކޮމިޓީން ފާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ