މުރައިދޫ އިންވިޓޭޝަނަލް ވެޓަރެންސް ވޮލީބޯޅަ ޓޯނަމެންޓް 2025 ގެ ގުރޫޕް ބީގައި މިއަދު ކުޅުނު ފުރަތަމަ މެޗުގައި ވާދަވެރި ކުޅުމަކަށްފަހު 3-1 ގެ ނަތީޖާއަކުން ވަށަފަރު ބަލިކޮށް ކެލާ އިން ސެމީފައިނަލުގެ އުންމީދު ދަމަހައްޓައިފިއެވެ.
މުބާރާތުގައި ކެލާ ކުޅުނު ފުރަތަމަ މެޗުގައި ވާދަވެރި ކުޅުމަކަށްފަހު 3-2 ގެ ނަތީޖާއަކުން ފިއްލަދޫ އަތުން ބަލިވެފައިވާއިރު، ވަށަފަރުގެ ފުރަތަމަ މެޗުގައި ހަނިމާދޫ އަތުން އެޓީމު ބަލިވީ ސީދާ ތިން ސެޓުންނެވެ.
މެޗުގެ ފުރަތަމަ ސެޓުގައި ކެލާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މިސެޓް އެޓީމުން ކާމިޔާބުކުރީ އަށް ޕޮއިންޓްގެ ލީޑަކާއެކު 17-25 ގެ ނަތީޖާއަކުންނެވެ.
ވަށަފަރާއި ކެލާ ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: ހުސެއިން ފަލާހް
ނަމަވެސް ޖެހިގެންއައި ދެވަނަ ސެޓުގައި ވަށަފަރުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް 23-25 ގެ ނަތީޖާއަކުން ސެޓް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. އަދި މެޗުގެ ތިންވަނަ ސެޓާއި ހަތަރުވަނަ ސެޓުގައި ދެޓީމުގެ ފަރާތުން ވަރަށް ވާދަވެރި ކުޅުމެއް ފެނގެންދިޔަ ނަމަވެސް މި ދެސެޓް ވެސް ކާމިޔާބުކުރީ ކެލާ އިންނެވެ.
އެގޮތުން މެޗުގެ ތިންވަނަ ސެޓް ހަތަރު ޕޮއިންޓްގެ ލީޑަކާއެކު 21-25 ގެ ނަތީޖާއަކުން ކާމިޔާބުކުރިއިރު، ދެވަނަ ސެޓް އެޓީމުން ކާމިޔާބުކުރީ ތިން ޕޮއިންޓްގެ ލީޑަކާއެކު 22-25 ގެ ނަތީޖާއަކުންނެވެ. އަދި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ކެލާ ޓީމުގެ އަލީ ޒިޔާމް އެވެ.
ޝަރަފްވެރި މެހެމާން ހުސެއިން ޝިހާދު، މެޗުގެ މޮޅު ކުޅުންތެރިޔާއަށް ޓްރޮފީ ހަވާލުކޮށްދެނީ.. ފޮޓޯ: ހުސެއިން ފަލާހް
މިނަތީޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ދެމެޗުން ކެލާއަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ގުރޫޕްގެ ތިންވަނައިގައެވެ. އަދި މިމެޗުން ބަލިވި ވަށަފަރު ކުޅުނު ދެމެޗުން ވެސް ބަލިވެފައިވާއިރު ޕޮއިންޓެއް ނުލިބި އެޓީމު މިވަގުތު އޮތީ ގުރޫޕްގެ ފުލުގައެވެ.
10 ޖޫން 2025 އިން 21 ޖޫންް 2025 ގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި މުރައިދޫގެ އިތުރުން ތިލަދުންމަތީގެ އިތުރު ނުވަ ރަށަކުން ވާދަކުރަމުން އަންނައިރު، މުބާރާތް ކުރިއަށްދަނީ ބައިވެރިވި 10 ޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ސެމީފައިނަލަށް ހޮވޭގޮތަށެވެ.
ވަށަފަރާއި ކެލާ ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: ހުސެއިން ފަލާހް
މި މުބާރާތުގެ މެއިން ސްޕޮންސަރ އެއްގެ ގޮތުގައި ސްވާން ފެމިލީ ހަމަޖައްސާފައިވާއިރު، ކޯ ސްޕޮންސަރުންގެ ގޮތުގައި ވެލްކޯ, ހަނދުވަރު މޯލްޑިވްސް، ސީގަލް ގުރޫޕް، އޭއެސްއޭ މާޓް، ގްރީން ކާޕެޓް އަދި އެސްޖޭ މޯލް ވާނީ ހަމަޖައްސާފައެވެ.
މީގެ އިތުރުން މުބާރާތުގެ ސަޕޯޓިން ޕާޓްނަރުންގެ ތެރޭގައި މިނިސްޓްރީ އޮފް ސްޕޯޓްސް ފިޓްނަސް އެންޑް ރެކްރިއޭޝަން އަދި މުރައިދޫ ކައުންސިލް އިދާރާ ހިމެނޭއިރު، ކިޓްސް ޕާޓްނަރަކީ ޖާޒިޔާ އެވެ. އަދި ބެވަރޭޖް ޕާޓްނަރަކަށް ރެޓޯ ސޮލިއުޝަން ހަމަޖައްސާފައިވާއިރު، ކޭޓަރިންގ ޕާޓްނަރަކީ ކޮފީ ހަޓެވެ. އަދި ޕްރިންޓިންގ ޕާޓްނަރަކަށް ޕްރިންޓް ލެބް ހަމަޖައްސާފައިވާއިރު، މުބާރާތުގެ އޮފިޝަލް މިޑީޔާ ޕާޓްނަރަކީ ވޮއިސް ސްޕޯޓްސް އެވެ.
ވާދަވެރި ކުޅުމަކަށްފަހު ވަށަފަރު ބަލިކޮށް ކެލާ އިން ސެމީގެ އުންމީދު ދަމަހައްޓައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ