ރާއްޖޭގެ އާބާދީގެ ހަތް އިންސައްތަ މީހުންގެ ނުކުޅެދުންތެރިކަން ހުރޭ

ރާއްޖޭގެ އަބާދީގެ ހަތް އިންސައްތަ މީހުންގެ ނުކުޅެދުންތެރިކަން ހުންނަ ކަމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން މިއަދު ބުނެފިއެވެ. އެ ވުޒާރާއިން ބުނީ، މުޖުތަމަޢުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްޞަ ރައްކާތެރިކަމާއި އަޅާލުން ބޭނުންވާނެ ކަމަށެވެ. އެމީހުންނަށް އަޅާލުމާއި ރައްކާތެރިކަން ފޯރުކޮށްދެވިއްޖެނަމަ އަމިއްލަ މިނިވަންކަމާއެކީ މުޖުތަމަޢުގައި ދިރިއުޅުމަށް މަގު ފަހިވާނެ ކަމަށް އެ ވުޒާރާއިން ބުނެއެވެ. ޝާމިލުކުރަނިވި މުޖުތަމަޢެއް ބިނާކުރުމަށާއި މުހިންމު ކަންކަން ނިންމުމުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޚިޔާލު ހޯދަންވާނެ ކަމަށް އެ ވުޒާރާއިން ބުނެއެވެ. އަދި، އެމީހުންނަށް ބޭނުންވާ ތަޢުލީމާއި ތަޖުރިބާއާއި ހުނަރުތައް ދަސްކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމަކީ ފުދުންތެރި، ތަނަވަސް ޢާއިލާތަކެއް ބިނާކުރުމުގައި މުހިންމު ކަމެއް ކަން ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ. ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މީހުންނަށް ބޭނުންވާ ސިއްހީ އެހީތެރިކަމާއި އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޒިންމާ އޮތް ދައުލަތުގެ މުއައްސަސާތަކުން އިހުމާލުވަމުންދާ ކަމަށް ވިދާޅުވެ، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) މިދިޔަ އޭޕްރިލް މަހުގެ 15ގައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅުއްވިއެވެ. އެކަމަކު، ޕީއެންސީގެ މެޖޯރިޓީ އޮތް މަޖިލީހުގެ 44 މެންބަރުންގެ ވޯޓާ އެކު، މައްސަލަ ބަލައި ނުގަތުމަށް ނިންމައި، ވަނީ ބޭރުކޮށްލާފައެވެ. އޭގެ ފަހުން ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވަނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންނާ ބައްދަލުކުރައްވައި، އެ މީހުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައި ދޭން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ. https://sun.mv/204845 މިނިސްޓަރު ނާޒިމް ވަނީ އެފަދަ ކުދިންނަށް ދެމުންދާ ތެރަޕީތަކާއި ސިއްހީ ޚިދުމަތްތައް ހޯދުމުގައި ހުރި ގޮންޖެހުންތަކާ ބެހޭ ގޮތުން ބެލެނިވެރިންނާ މަޝްވަރާކުރައްވައިފައެވެ. އަދި، ފަރުވާ ހޯދުމުގެ ކަންކަމުގައި ކުރިއެރުން ހޯދުމަށް ހުރި ފުރުސަތުތަކާ ބެހޭ ގޮތުން ވެސް އެ ބައްދަލުވުމުގައި މަޝްވަރާކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ