ފަސް އަހަރުގެ ދައުރަކުން ރައީސަކަށް ގައުމެއް ތަރައްގީއެއް ނުކުރެވޭ: މުޙައްމަދު އިސްމާއިލް
ރާއްޖޭގެ ރައީސަކަށް ފަސް އަހަރުގެ ދައުރެއް ލިބިގެން ގައުމު ތަރައްގީއެއް ނުކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު މުހައްމަދު އިސްމާއިލް މިރޭ ވިދާޅުވެއްޖެއެވެ. ޕީއެންސީން ބޭއްވި ހަރުގެ ޖަލްސާގައި މުހައްމަދު އިސްމާއީލް ވިދާޅުވީ މިހާރު ރިޔާސީ ދައުރު އޮތް ގޮތުން، ތަރައްގީގެ މަޝްރޫއުތައް ހިންގާނެ ޕްލޭނުތައް ހަދައި، އިތުރަށް ފައިސާ ހޯދައި ނިމޭއިރު ދައުރެއްގައި ބާކީ އޮންނަނީ ތިން އަހަރު ކަމަށެވެ. އެގޮތުން ފައިސާ ހޯދުމަށް ފަހު މަސައްކަތް ކުރަން ލިބެނީ ދޮޅު އަހަރެއް ނުވަތަ ދެ އަހަރާއި ބައި ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންވެ، ތަރައްގީގެ ގިނަ މަސައްކަތްތަކެއް ދައުރެއް ތެރޭ ރައީސަކަށް ނުކުރެވޭ ކަމަށް މުޙައްމަދު އިސްމާއިލް ވަނީ ވިދާޅުވެފައެވެ. ދެހާސް އަށެއްގައި އަޅުގަނޑުމެންނަށް މި ލިބުނު ވެރިކަމުގެ [ނިޒާމުގެ] ތެރެއިން އަޅުގަނޑުމެންނަށް މިއަދާ ހަމައަށް އައި އިރުގައި ހަގީގަތުގައި ރާއްޖޭގެ ރައްޔިތުން މިއަދު ވިސްނާ ފިކުރު ކުރަން އެބަޖެހޭ ފަސް އަހަރުގެ ދައުރެއް، ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެނެއް ގައުމެއް ތަރައްގީއެއް ނުކުރެވޭ އެހެންވެ، 2028ގައި އޮންނަ ރިޔާސީ އިންތިޚާބު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ކާމިޔާބު ކޮށްދޭން ޖެހޭ ކަމަށާއި އެއީ ގައުމުގެ ހައްގުގައި ކުރަން ޖެހޭ ކަމެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބު ވެސް އެ މަނިކުފާނަށް މުހިންމުކަން ފާހަގަކުރައްވައި، މުހައްމަދު އިސްމާއީލް ވަނީ އެ އިންތިޚާބުން ޕީއެންސީއަށް ރަނގަޅު ނަތީޖާއެއް ހޯދައިދިނުމަކީ މި ސަރުކާރާއި ރައީސް މުއިއްޒަށް ކޮށްދެވޭނެ އެންމެ ބޮޑު ކަންތައް ކަމަށް ވިދާޅުވެފައެވެ. https://sun.mv/199415 މި ވެރިކަން ފެށުމާއެކު ވެސް ރައީސް ވަނީ ދެވަނަ ދައުރެއް ހޯއްދެއްވުމުގެ އުއްމީދު އޮތްކަން ހާމަކުރައްވައިފައެވެ. އަދި އެ ޕާޓީގެ ގިނަ މެންބަރުންތަކެއް ރައީސަށް ދެވަނަ ދައުރެއް ހޯދައި ދިނުމަށް ކެމްޕެއިން ކުރަމުން އަންނައިރު، އެ ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ މިދިޔަ އަހަރު ވަނީ ޕީއެންސީގެ ރިޔާސީ ޕްރައިމަރީއެއް 2028ގައި ނުބާއްވާނެ ކަމަށާއި، ރައީސަށް ރިޔާސީ ޓިކެޓް ލިބިވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ